26 Sep 2010, 10:12
15:13
އިދާރީ ގޮތުން ހިންގުމަށް ބައެއް ރަށްތައް ގުޅާލުމާ ބެހޭ ގޮތުން އެ ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހުރިގޮތް ބެލުމަށް ބާއްވާ ރިފެރަންޑްރަމްގައި މާލޭ ނުވަތަ ރަށްވެހިވެފައިވާ އަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށުގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. ރަޖިސްޓްރީވުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނާނީ މޯލްޑިވްސް ޕޯސްޓް ބިލްޑިންގެ 7 ފްލޯގެ އިތުރުން ވޯޓު ނެގުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ރަށު އޮފީހުގަޔާއި އަތޮޅު އޮފީސްތަކުގައި ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 4:00 ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ވޯޓު ފޮށި ބަހައްޓާ ތަންތަނާއި އޭގެ ތަފްސީލު ވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާއްމުކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ގޮތުގައި، މި ރިފެރެންޑްރަމް ވޯޓުގައި، ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލާން ގަސްތުކުރާނަމަ، ވޯޓުލެވޭނީ ހަމައެކަނި އެ ރަށެއް ނިސްބަތްވާ އަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށުގައި ނުވަތަ މާލޭގައި އެކަންޏެވެ. އަދި އެއިން ތަނެއްގައި ވޯޓު ފޮށި ބަހައްޓާނީ، އެ ރަށަކަށް ނިސްބަތްވާ މަދުވެގެން 25 މީހުން ރަޖިސްޓަރީ ކުރުމުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެއްކޮށްލާ ރަށްރަށުގެ ތެރެއިން ކޮންމެ ރަށަކުންވެސް އަޣުލަބިއްޔަތު ލިބުމުން ނޫނީ ރަށްތައް އިދާރީ ގޮތުން އެއް ރަށެއްގެ ގޮތުގައި ހިންގުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށް އިދާރީ ގޮތުން އެއްކޮށްލުމަށާއި، ބައެއް ސަރަޙައްދުތަކަށް ސިޓީގެ ދަރަޖަ ދިނުމަށް ސަރުކާރުން ބޭނުންވާތީ، އެކަމާއި ގުޅިގެން ރައްޔިތުންގެ ރުހުން ހުރި ގޮތް ބެލުމަށްޓަކައި ބާއްވާ ރިފެރަންޑްރަމް އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ ވޯޓު ނެގުމަށް ހަމަޖައްސާފައިވާ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން ހަވީރު 4:00 ށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓްގެ ތެރޭގައި ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.