ފަޔާ ލޮރީ ހަލާކުވެގެން ކައްދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ތިން ދުވަހަށް ހުއްޓިފައި އޮތުމަށް ފަހު މިއަދު އަލުން އެ އެއާޕޯޓްގެ އޮޕަރޭޝަންތައް ފަށައިފި އެވެ.

ކައްދޫ އެއާޕޯޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފެށީ އެހެން އެއާޕޯޓެއްގައި ބޭނުން ކުރަމުން ދިޔަ ފަޔާ ލޮރީއެއް އެ އެއާޕޯޓަށް ގެނެސްގެން ކަމަށާއި މިއަދުން ފެށިގެން އެއާޕޯޓް އޮޕަރޭޝަނަލް ހާލަތަކަށް އައިސްފައިވާ ކަމަށެވެ. އަދި ބުނީ އެއާޕޯޓްގެ ފަޔާ ލޮރީ އަދިވެސް ނެހެދޭ ކަމަށާއި އެ ލޮރީ މަރާމާތު ކުރުމަށް ބޭރުން އިންޖިނިއަރުން ގެންނަން ނިންމާފައިވާ ކަމަށެވެ.

"މިއަދު ފަޔާ ލޮރީއެއް ގެނެސްގެން އެއާޕޯޓްގެ އޮޕަރޭޝަންތައް ނޯމަލް މި ކުރެވުނީ މިއަދުގެ ވަގުތެއްގައި. މިހާރު ނޯމަލްކޮށް އަޮޕަރޭޝަންތައް އެބަދޭ،" އޮފިޝަލް ވިދާޅުވި އެވެ.

ސިވިލޭވިއޭޝަންގެ ގަވާއިދު ބުނާގޮތުން ފަޔާ ލޮރީއެއް ނެތުމަކީ އެއާޕޯޓްގެ ސަލާމަތީ ހާލަތު ސުމަކަށް ވެއްޓި އެ އެއާޕޯޓަށް ފްލައިޓް ޖެއްސުން މަނާހާލަތެކެވެ. މީގެ ކުރިންވެސް މިދިޔަ އަހަރުގެ ފަހުކޮޅުވެސް ކައްދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ފަޔާ ލޮރީގެ މައްސަލަ ޖެހިގެން މެދުކަނޑާލަން ޖެހުނެވެ.

ކައްދޫ އެއާޕޯޓް އޮޕަރޭޝަންތައް ހުއްޓާލަން ޖެހުމުން އެ ސަރަހައްދުތަކުގައި ހުރި ރިސޯޓްތަކަށް ޓޫރިސްޓުން ދިޔުމަށް ދަތިތަކާ ދިމާވެ 200 އެއްހާ ޓޫރިސްޓުން ދަތުރުނުކުރެވި ރިސޯޓްތަކުގަ އާއި އެއާޕޯޓްގައި ތާށިވާންޖެހުނެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކައްދޫ އެއާޕޯޓް އާންމު ހާލަތަކަށް އައުމާ އެކު އެ އެއާލައިންގެ ފްލައިޓްތައް މިހާރު އެ އެއާޕޯޓަށް އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަށާއި ކުރިއެކޭވެސް އެއްގޮތަށް ހަމަޖެހިފައިވާ ގޮތަށް ފްލައިޓްތައް އޮޕަރޭޓް ކުރަމުންދާނެ ކަމަށެވެ.

ކައްދޫ އެއާޕޯޓްގައި ބޭނުން ކުރަމުން އަންނަނީ އެންމެ ފަޔާ ލޮރީ އެކެވެ. ރީޖަނަލް އެއާޕޯޓްތައް މަރާމާތު ނުކުރާތާ ގިނަ ދުވަސްވެ އެ އެއާޕޯޓްތައް ވަނީ މަރާމާތައް ބޭނުންވެފަ އެވެ.