20 Dec 2012, 21:06
މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު އިސްކަންދަރު ސްކޫލް އަތުން 1-0 ލަނޑުން މެޗް ކާމިޔާބު ކޮށްގެން ތާވަލްގެ އެއްވަނަ މަގާމަށް ދިވެހި ސިފައިންގެ ޓީމް ޖެހިލައިފި އެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މިމެޗުގެ ހަމައެކަނި ލަނޑު ސިފައިންގެ ޓީމުން ޖެހީ ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިޔާ ފަދްވާ ޒާހިރެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅިބަލަން މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިފައިންގެ ޓީމްގެ މަރިޔަމް މިރުފަތެވެ.
މެޗަށްފަހު ސިފައިންގެ ޓީމުގެ ކޯޗް އަހުމަދު މުޖްތަބާ (މުޖޭ) ބުނީ، ޓީމުން މިއަދު ދެއްކި ކުޅުމާމެދު ޖުމްލަކޮށް ހިތް ހަމަޖެހޭ ކަމަށާއި އަދި ކުރިއަށް ހުރި މެޗްތަކުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް އިތުރު ހިތްވަރެއް ކުރާނަން ކަމަށެވެ.
މިމުބާރާތުގައި ސިފައިން ކުޅުނު ފުރަތަމަ މެޗް އެޓީމުން ކާމިޔާބު ކުރީ ސަން ޓީމާ ވަދަކޮށް 1-0 ލަނޑުންނެވެ. އަދި މުބާރާތުގައި ސިފައިން ކުޅޭ ތިންވަނަ މެޗު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ބައްދަލުކުރާނީ އެމްބީސީއާ ދެކޮޅަށެވެ.
ޖުމްލަ ފަސް ޓީމެއް ވާދަކުރަމުންދާ މިމުބާރާތުގެ ތާވަލްގެ އެއްވަނާގައި ސިފައިން އޮތީ 6 ޕޮއިންޓާއެކު އެވެ.
މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ގަދަ ހަތަރު ޓީމެވެ. ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި އަމިއްލަ ކުންފުނިތަކަށް ހުޅުވާލި މިމުބާރާތަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ބާއްވާ އަންހެނުންގެ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.
މުބާރާތުގައި ވާދަކުރަނީ، އެމްއެންޑީއެފްގެ އިތުރުން ލ.އެޓޯލް ސްޓާރ އާއި އިސްކަންދަރު ސްކޫލާއި، އެމްބީސީ އަދި ސަން ޓްރެވަލްސްއެވެ.
މުބާރާތުގައި މާދަމާ ހަވީރު 4:30 ގައި ބައްދަލުކުރާ ދެޓީމަކީ ސަން ޓީމާއި ލ.ސްޓާގެ ޓީމެވެ.