ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކާއި އެކު ބަނގުރާ ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެއްޗާ އެކު ތިން ބިދޭސީއަކު ތިލަފުށިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިޔާގެ އުމުރުން 29 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އެމީހުން އަތުލައިގެންފައިވަނީ މިއަދު މެންދުރު 1:30 އެހާކަންހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެމީހުން މަސައްކަތްކުރާ ސައިޓުން ކަމަށެވެ.

ެއެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެސައިޓް ބަލާ ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 20 ލީޓަރުގެ ހަތަރު ހަމާއި ފަސް ލީޓަރުގެ ތިން ފުޅީގެ އިތުރުން 1.5 ލީޓަރު ފުޅިއެެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދާދިފަހުންވެސް ތިލަފުށީ ސައިޓަކުން ވަނީ ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ގިނަ އަދަދެއްގެ ތަކެއްޗާ އެކު ބިދޭސީންތަކެއް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފަ އެވެ.