ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. މިޒަމާންގޭގައި މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާ މާލޭގައި ވަޅުލައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ގ.މިޒަމާން ގޭގެ ކޮޓަރިއެއްގެ ތޭރޭގައި މަރުވެފައި އޮއްވާ ފެނުނު މީހަކީ ސްރީލަންކާ ރައްޔިތެއް ކަމަށްވާ އުޕާލި ވިޖެއަލާލް ތަލަގަލަ އަރައްޗި ކަމަށާއި އޭނާގެ ހަށިގަނޑު މިއަދު ހެންވޭރު ސަހަރާގައި ވަޅުލާފައިވަނީ އެމީހާ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށްފަހު ކަމަށެވެ.

މޯޖަރީގައި ބޭއްވުމަށް ފަހު އެމީހާގެ ހަށިގަނޑު ވަޅުލާފައިވަނީ ސްރީލަންކާގައި ދިރިއުޅޭ އޭނާގެ އަންހެނުންނާއި ރާއްޖޭގައި ހުންނަ ސްރީލަންކާ ހައިކޮމިޝަނުން ރާއްޖޭގައި އެމީހާ ވަޅުލުމުގެ ހުއްދަ ދިނުމުން މިދިޔަ އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ވަގުތެއްގައި ގ. މިޒަމާން ގެއިން ފެނުނު މިމީހާ މަރުވެފައިވާތާ ގާތްގަނޑަކަށް 36 ގަޑިއިރާއި 72 ގަޑިއިރު ވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް އައިޖީއެމް ހޮސްޕިޓަލުން އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.

އެމައްސަލާގައި ކުރިން ފުލުހުން ބުނެފައިވަނީ އެމީހާ މަރުގެ ހަގީގަތް އެންމެ ފުރިހަމަ ގޮތުގައި އެނގިގެންދާނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.