20 Dec 2012, 20:39
ގެސްޓް ހައުސްއަކަށް މީހަކު ގެންދިއުމަށް ފަހު އެމީހާއަށް ބިރުދައްކައި އޭނާގެ އަތުން 1400 ޑޮލަރު ފޭރި ގަނެ އަދި ކޭޝްކާޑުން އެއް ލައްކަ ރުފިޔާގެ ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ދެމީހުން ކަމަށާއި އެމީހުން ހައްޔަރުކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ފުލުހުން ބުނީ އެއަމަލު ހިނގާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އެ ދެމީހުން ވެގެން އޭނާއަށް ގުޅައި ގެސްޓް ހައުސްއެއްގެ ކޮޓަރިއަކަށް ގެންގޮސް ގޮޑިއެއްގައި ބަދެފައި ބޭންދުމަށްފަހު ކަމަށެވެ. އަދި އޭނާ ބަދެފައި ބައިންދާ ބިރުދައްކައިގެން ކޭޝް ކާޑުގެ ޕިން ނަމްބަރު އަތުލައި އެ ކާޑު ބޭނުންކޮށްގެން އެކި ފިހާރަތަކުން ގިނަ އަދަދެއްގެ އަގު ބޮޑަތި ސާމާނުގަނެފައިވާ ކަމަށެވެ.
އަދި ބުނީ އެ ދެމީހުން އެމީހާގެ ކޭޝްގާޑު ބޭނުންކޮށްގެން ގަނެފައިވަނީ އަގުބޮޑެތި އިލެކްޓްރޯނިކް ސާމާނުތަކެއްވެސް ފުލުހުންނަށް މިހާރު ފެނިފައިވާ ކަމަށެވެ. ފޭރުނުތަކެއްޗާއި ކޭޝް ކާޑު ބޭނުންކޮށްގެން ގަނެފައިވާ ތަކެތި ހޯދައިފައިވަނީ އެ މައްސަލަ ހުށަހެޅުނުތާ ހަތް ގަޑިއިރުގެ ތެރޭގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު އެގޭ ތެރެއިން އެވެ.
މި މައްސަލަ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާރޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.