މައްޗަން ގޯޅީގެ ގެއްއެއްގައި ގެންގުޅުނު ގުރައެއް ގެއްލިގެން އެ ގުރާ ހޯދައިދިން މީހަށް ދޭނެ ކަމަށް ކަނޑައެޅި 20،000ރ.ގެ ފައިސާގެ އިނާމު ގުރާ ހޯދައިދިން ފަރާތަށް ހަވާލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ މއ. މިލާނޯ ގޭގައި ގެންގުޅުނު އެ ގުރާ ފެނުނީ މައްޗަންގޮޅީގައި އެ އާއިލާގެ ގުރައެއް ގެންގުޅޭ އެހެން ގެއަކުން ކަމަށާއި އެ ގުރާ އެގެ އަށް ދިޔަ ތަނުން އެގޭގައި ގުރާ ގެންގުޅޭ މީހާ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިއަދު ފުލުހުންގެ އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި އެ ގުރާ އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުރާގެ ހޯދައިދިން މީހާއަށް ގުރާގެ ވެރިފަރާތުން 20،000ރ. ފައިސާގެ އިނާމް ހަވާލުކޮށްފައިވަނީ ވެސް މިއަދު ބޭއްވި އެބައްދަލުވުމުގައި ކަމަށް ވެސް ހަނީފު ވިދާޅުވި އެވެ.

ގުރާ ގެއްލިިގެން އޭގެ ވެރިފަރާތުން އެންމެ ފުރަތަމަ ވަނީ ގުރާ ހޯދައިދިން މީހަކަށް 10،000ރ.ގެ ފައިސާގެ އިނާމެއް ދިނުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން ގުރާ ހޯދައިދިން މީހަކަށް ދޭން ކަނޑައެޅި ފައިސާގެ އިނާމު ވަނީ 20،000ރ. އަށް ބޮޑުކޮށްފަ އެވެ.

އެ މޭޒަން އާއިލާ އަށް ނިސްބަތްވާ އެ ގުރާ އުދުއްސައިގަނެގެން ދިޔައީ އޭޗަށް ކާންދޭންވެގެން ކޮށި ހުޅުވާފައި ހުއްޓައި މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ގުރާ ގެއްލިގެން ފުލުހުންގެ އިދާރާ އަށް ރިޕޯޓް ކުރުމުގެ އިތުރުން ބައެއް ސޯޝަލް ނެޓްވޯކްތަކުގައި ވެސް އެ ގުރާގެ ފޮޓޯ ވަނީ ޖަހައިފަ އެވެ.