20 Dec 2012, 17:21
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ދޫކޮށްފައިވާ އުސްފަސްގަނޑުގެ މުއްދަތު އިއްޔެ ހަމަވުމުން އެތަނުގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ސިޓީ ކައުންސިލުން އެމްޑީޕީއަށް އަންގައިފި އެވެ.
އުސްފަސްގަނޑުގެ މުއްދަތު އެމްޑީޕީއަށް ސިޓީ ކައުންސިލުން އިތުރުކޮށްދެމުން އައީ ތިންމަހުން ތިންމަހުންނެވެ. އިއްޔެގެ ނިޔަލަށް އުސްފަސްގަނޑު ދޫކޮށްފައިވާ މުއްދަތު ހަމަވީއިރު އެމްޑީޕީން މިދިޔަ ހަފްތާގައި ވަނީ އެތަނުގެ މުއްދަތު އިތުރުކުރަން ސިޓީ ކައުންސިލަށް ހުށަހަޅާފަ އެވެ.
މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އެމްޑީޕީއަށް އުސްފަސްގަނޑުގެ މުއްދަތު އިތުރުކޮށް ނުދޭނެކަން މިހާރު އަންގާފައިވާ ކަމަށާއި އެގޮތަށް އެންގީ މުއްދަތު ހަމަވުމުން އިތުރު ފަރާތްތަކަށް އެތަން ދޫނުކުރުމަށް ސިވިލްކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ އެމްޑީޕީއަށް އުސް ފަސްގަނޑުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިކަން އަންގާފައި. އެ ޕާޓީން ވަނީ އޭގެ ކުރިން އެތަނުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ހުށަހަޅާފައި. އެހެން ނަމަވެސް އެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުންދާތީ އެއްވެސް ބަޔަކަށް ނުދޭން ނިންމާފައިވަނީ،" މޭޔަރު ވިދާޅުވި އެވެ. އުސްފަސްގަނޑު ދޫކުރި މުއްދަތު ހަމަވުމުން އެތަން ހުސް ކުރުމަށް ނޯޓިސް އެއް ނުދެންތޯ ސުވާލުކުރުމުން މޭޔަރު ވިދާޅުވީ "އެ ކައުންސިލުން އެމްޑީޕީއަށް އަންގަން ޖެހޭ އެންގުން އަންގާފައި ވާނެ" ކަމަށެވެ.
އެ އަމުރުގެ މައްސަލަ ސިޓީ ކައުންސިލުން މިދިޔަ ހަފްތާތެރޭ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށާއި އިތުރު ބަޔަކަށް އުސްފަސްގަނޑު ސަރަހައްދު ދޫކުރެވޭނީވެސް އިސްތިއުނާފުގެ މައްސަލަ ނިމުމުން ކަމަށް އަލިބެ ވިދާޅުވި އެވެ.
އެ މައްސަލައިގައި އެމްޑީޕީގެ ބަހެއް ހޯދުމަށް އެ ޕާޓީގެ އިސްފަރާތްތަކާ ގުޅުމުން ވިދާޅުވީ އެ މައްސަލައިގައި ކޮމެންޓެއް ކުރަން ބޭނުންނޫން ކަމަށެވެ.
އުސްފަސްގަނޑު ނަގަން ފުލުހުން މެދުވެރިކޮށްވެސް ސަރުކާރުން ވަނީ މީގެ ކުރިން މަސައްކަތްކޮށްފަ އެވެ. އަދި އެ ބިމުގެ މައްސަލައިގައި ސަރުކާރާއި ސިޓީކައުންސިލާ ދެމެދު އަރައިރުންވެ މައްސަލަ ވަރަށް ގޯސްވި އެވެ.