20 Dec 2012, 17:08
ދި ހަހާސް މެންބަރުން ހަވަމުވުން ސިޔާސީ ޕާޓީއެއް އުފެއްދޭ ގޮތަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމާފައިވާ ސިޔާސީ ޕާޓީތަކުގެ ބިލް މަޖިލީހުން ފާސްވެއްޖެ ނަމަ ޅަފަތުގައި އޮތް ޑިމޮކްރަސީގައި ތަޅު އެޅުވިގެންދާނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީއޭ އަށް ސިޔާސީ ޕާޓީ ރަޖިސްޓްރީ ހަވާލު ކުރުމަށް މިއަދު ހަވީރު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިޔާމް ވިދާޅުވީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށްޓަކައި 10،000 މެންބަރުން ހަމަކުރުމަކީ "ކޮންމެ ކޮންމެ މީހަކަށް" ކުރެވޭނެ ކަމެއް ނޫން ކަމަށާއި ސިޔާސީ ޕާޓީތަކުގެ ބިލުގައި އެގޮތަށް ކަނޑައެޅުމަކީ ޅަފަތުގައި އޮތް ޑިމޮކްރަސީގައި ތަޅު އެޅުވުން ކަމަށެވެ.
"[ޕާޓީ ރަޖިސްޓްރީ ކުރުމަށް 10000 މެންބަރުން ހަމަކުރާ ގޮތަށް އޮތުމަކީ] މިފަދަ ޅަފަތުގައި އޮތް ޑިމޮކްރަސީގައި ތަޅުއެޅުވުން ކަހަލަ ކަމެއް ނުވަތަ ބިޑިއެޅުވުން ކަހަލަ ކަމެއް. ވަކި އުސޫލުތަކެއް ގަވާއިދުތަކެއް އޮތުމަކީ ނެތް ކަމެއް ނޫން. އެހެންނަމަވެސް ކޮންމެ ރައްޔިތަކަށް ވެސް ސިޔާސީ ޕާޓީ އުފެއްދުމާއި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވޭވެނެ ކަމަށް އެބަބުނޭ. އެހެންވެއްޖެ ނަމަ އެފަދަ ކަންތައްތަކަށް ބެލުމެއް ނެތި ސިޔާސީ ޕާޓީތަކުގެ ބިލް އެކުލަވާލުމަކީ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުން،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ 5000 މެންބަރުން ހަމަވުމުން ސިޔާސީ ޕާޓީއެއް އުފެއްދޭ ގޮތަށް ހަމަޖެއްސުމަކީ އެންމެ ރަނގަޅުގޮތެއް ކަމަށާއި އެގޮތަށް ބިލުގައި އޮތުމަކީ ރަނގަޅު ކަމެއް ކަމަށެވެ.
ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ސިޔާސީ ޕާޓީތަކުގެ ބިލުގެ 11 ވަނަ މާއްދާގެ (ހ)ގައި ވާގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނެ 10،000 މެންބަރުން ހަމަވުމުންނެވެ. އަދި އެ ގާނޫނު ވުޖޫދަށް އަންނަ އިރު އެ އަދަދަށް މީހުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު 10000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭނެ ކަމަށް ބިލުގައިވެ އެވެ.
ސިޔާސީ ޕާޓީއެއް އުވާލުމަށް ކޯޓުން ހުކުމް ކުރުމުގައި ބަލަންޖެހޭނެ ކަންތައްތައް ކަމުގައި ސިޔާސީ ޕާޓީތަކުގެ ބިލުގެ 30 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައި ވަނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރުމާއި ނިމިވަންކަމާއި ސިޔާދަތަށް އުނިކަން ގެނައުމާއި ދޭދޭ ޖަމާއަތްތަކާއި ފަރުދުންގެ މެދުގައި ހަރުކަށި އަމަލު ހިންގައި ދެކޮޅު ވެރިކަން އުފެއްދުމަށް މަސައްކަތް ކުރާނަމަ އެފަދަ ސިޔާސީ ޕާޓީއެއް އުވާލުމަށް ކޯޓުން ހުކުމް ކުރެވިދާނެ ކަމަށެވެ.