ނ. ހޮޅުދު އަށް އުނދައަރައި އެ ރަށުގެ ގޮނޑުދޮށުގައި ހުރި ދެ ގެއަކަށް ވަރަށް ބޮޑަށް ލޮނުވަދެ އެ ދެ ގެއިން މީހުން ހުސްކޮށްފި އެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒު އިބްރާހިމް މިއަދު ވިދާޅުވީ ރޭ ދަންވަރު ދިޔަ ބޮޑުވި ގަޑީގައި އެ ދެ ގެއަށް ލޮނުވަނީ އެ ދެގޭގެ މީހުން ނިދާފައި ތިއްބައި ރޭ ދަންވަރު 3:30 އެހާކަންހާއިރު ކަމަށެވެ. އަދި ލޮނުގަނޑު ވަދެފައި އޮތް ކަން އެނގުނީ ފަތިސްވީ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޮލުދޫ ކައުންސިލުން ބުނީ އެ ދެ ގެ އަށް ލޮނުވަނުމުން އެ ދެ ގޭގެ މީހުން މިހާރު ހިކިތަނަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެކަމުގައި ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ.

"އެގޭ މީހުން ނިދާފައި ތިއްބައި އެކަމެއް ދިމާވީ. ދެން އެފަދަ ހާދިސާއެއް ހިނގައިފާނެ ކަމަށް ބަލައިގެން އެގޭ މީހުން ވެސް ތިބީ އެއްޗެހިތައް މަތީ ތަންތަނަށް ލައި ސަލާމަތުގެ ފިޔަވަޅު އަޅައިގެން. ލޮނުގަނޑު އެއް ފޫޓަށް އަރާފައި. އެހެންވެ ކޮންމެ ވެސް ވަރަކަށް މުދަލަށް ވެސް ގެއްލުންތަކެއް ވެސްވި. މިހާރު އެ ދެ ގޭގެ މީހުންގެ ތެރެއިން އެއް ގޭގެ މީހުން ވަނީ ކުރީގެ ރަށު އޮފީސް ހުންނަ އިމާރާތްތަށް ބަދަލުކޮށްފައި. އަނެއް ގޭގެ މީހުން ތިބެން މިހާރު ވަނީ ސްކޫލް ހަމަޖައްސައިފައި. ނަމަވެސް އެމީހުން އަދި ތިބީ އެ ރަށުގެ އެހެން ގެއެއްގައި،" އަޒީޒު ވިދާޅުވި އެވެ.

މީގެ ދެ ދުވަހެއް ކުރީން ވެސް ވަނީ ހޮޅުދުއަށް އުދައަރައިފަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ރަށަށް އުދައަރައި ގެއްލުންތަކެއް ލިބިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު ނޮދަން އޭރިޔާގެ ސިފައިން އެ ރަށަށް މިއަދު ހެނދުނު ގޮސް އެ ދެ ގޭގައި ތިބި މީހުންނާއި މުދާ އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ރަށަށް އުދައަރަމުން ދިޔަ ސަރަޙައްދުގެ ތޮށިގަނޑު ކައިރީ ސިމެންތި ބަސްތާ ޖަހައި ލޮނު ނުވަންނާނޭ ގޮތަށް ހަދާފައިވާ ކަަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މިދުވަސްވަރަކީ ކޮންމެ އަހަރަކު ވެސް ވިއްސާރަ ދުވަސްވަރަކަށްވާ އިރު މޫސުން ގޯސްވެ ވައި ބާރު ވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ބުނެފަ އެވެ.