20 Dec 2012, 16:57
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީއަށް ރިސޯޓް ހަދަން ދޫކޮށްފައިވާ ވ. ފޮއްތެޔޮ ތަރައްގީ ކުރުމަށް ކުރި އިއުލާން ބާތިލްކޮށް އެރަށް އެއްވެސް ބަޔަކާއި ހަވާލުނުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއްނެރެފި އެވެ.
ކުރީގެ ސަރުކާރުން އެރަށް އެކުއާސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވީ ނަމަވެސް އެ މައްސަލަ އޭސީސީން ބެލުމަށް ފަހު އެމްޓީސީސީއަށް އަންގާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާތީ އެ ރަށް އަލުން ބީލަމަށް ލުމަށެވެ. އެ ނިންމުމާ އެއްގޮތަށް އެމްޓީސީސީން އެރަށް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އިއުލާންކުރި އެވެ.
ސިވިލް ކޯޓުން އެގޮތަށް އަމުރެއް ނެރެފައި ވަނީ އެ ރަށް ހަވާލު ކުރުމަށް ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެމްއޯޔޫ ބާތިލް ކުރުމަށް ފަހު އަލުން ބިޑަށް ހުޅުވާލާފައި ވާތީ އެކުއާސަން ހޮލިޑޭސްގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލައިގައި އެފަދަ ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމުންނެވެ.
ސިވިލް ކޯޓުގެ އަމުރުގައި ބުނަނީ އެ ކުންފުނީގެ ފަރާތުން އެމްޓީސީސީގެ މައްޗަށް ދައުވާކޮށް އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެރަށް ބަޔަކާ ހަވާލުކޮށްފިނަމަ އެކަމުގެ ސަބަބުން އެކުންފުނީގެ ހައްގަށް އުނިކަމެއް އައުމުގެ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން އެއްވެސް ބަޔަކަށް އެރަށް ހަވާލު ކުރުމުގެ ގޮތުން އެއްވެސް މުއާމަލާތެއް ނުކުރުމަށް ސިވިލް ކޯޓުން ވަނީ އެމްޓީސީސީގެ މައްޗަށް އަމުރުކޮށްފަ އެވެ.