26 Sep 2010, 10:12
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މިދިޔަ ހުކުރު ދުވަހު ވޯޓުލަމުންދަނިކޮށް ވޯޓުލުން ހުއްޓައިލާ އިންތިހާބު ފަސްކުރަންޖެހުމުން އެމްޑީޕީން އެ ޕާޓީގެ މެންބަރުންގެ ކިބައިން މާފަށް އެދިއްޖެ އެވެ.
އެމްޑީޕީގެ ރަސްމީ ވެބްސައިޓްގައި މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ދާއިރާތަކުގެ އިންތިހާބުގައި އެސްއެމްއެސް މެދުވެރިކޮށް ވޯޓުލަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެ އިންތިޚާބު ފަސްކުރަން ޖެހުނުކަމަށްޓަކައި "އެމްޑީޕީގެ އެންމެހާ ލޮބުވެތި މެންބަރުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދޭ" ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ ހުކުރު ދުވަހު އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުން، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވަރަށް އޮމާންކަމާއެކު ދޮޅު ގަޑިއިރު ވަންދެން ވޯޓް ޕްރޮސެސް ދެމިގެން ދިޔަ ކަމަށާއި ޝަކުވާތައް ލިބެން ފެށީ އިނގިރޭސި ވިލާތުގެ ނަންބަރަށް އެސްއެމްއެސް ފޮނުވުމުގައި ހުރަސްތަކެއް ކުރިމަތިވުމުން ކަމަށެވެ.
ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް، ވޯޓުލުމުގެ މަސައްކަތަށް އެމްޑީޕީން އިސް ނެގީ އެމްޑީޕީއަކީ ދެފުށް ފެންނަ، މެންބަރުންނަށް ލުއި ފަސޭހަކޮށް ކަންތައްކޮށްދޭ އަދި ރާއްޖެ އަށް ތަޢާރަފުވާ މިފަދަ ހުރިހާ ކަންކަމެއްގައި އެންމެ ފުންނާބު އުސް ފަރާތް ކަމަށްވާތީ ކަމަށެވެ.
"މިގޮތުން މިޕާޓީން އިސްނަގައިގެން އަލަށް ކުރި ކަންކަމުގެ ތެރޭގައި، އެންމެ ބޮޑަށް ދެފުށް ފެންނަ ގޮތަށް ރިޔާސީ ޕްރައިމަރީއެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ޕާޓީއަކީ ވެސް މިޕާޓީ އެވެ. ކަންމިހެން އޮތުމާ އެކު ކުރިއަށް އޮތް ތަނުގައިވެސް ޒަމާނީ ޓެކްނޮލޮޖީ އާއި ޒަމާނީ ފިކުރުގެ އަލީގައި މި ޕާޓީ ކުރިއެރުވުމުގެ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެކަމުގެ ޔަގީންކަން ޕާޓީގެ ލޮބުވެތި މެންބަރުންނަށް އަރުވަމެވެ،" ބަޔާނުގައި ވެ އެވެ.
އެމްޑީޕީން ފަސްކޮށްފައިވާ އިންތިހާބު މިހާރު ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ. މިފަހަރު ވޯޓުލާ ގޮތަށް ހަމަޖައްސާފައި ވަނީ ކަރުދާހުގައި ލިޔެ ފޮއްޓަށް ވައްޓާލައިގެންނެވެ.