ޔޫރަޕްގެ އެންމެ ބޮޑު ކުލަބު މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ރައުންޑުގައި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ވާދަކުރުމަށް ސުޕެއިންގެ ރެއާލް މެޑްރިޑަށް ގުރުއަތުން ދިމާވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގާ މި ދެ ޓީމު އޯލްޑް ޓްރަފޮޑްގައި ބައްދަލު ކުރާ މެޗު ވެގެންދާނީ ޖޫން 2009ގައި ކްރިސްޓިއާނޯ ރޮނާލްޑޯ 80 މިލިޔަން ޕައުންޑަށް ރެއާލް މެޑްރިޑަށް ބަދަލުވީ ފަހުން އޭނާ އެތަނަށް ކުރާ ފުރަތަމަ ޒިޔާރަތަށެވެ.

ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގައި، އާސެނަލް އާއި ވާދަކުރާނީ ބަޔާން މިޔުނިކް އެވެ. އޭސީ މިލާން އާއި ބާސެލޯނާ ވާދަކުރަން ޖެހޭ އިރު ސެލްޓިކް ލައްވާލީ ޔުވެންޓާޒް އާ އެވެ. އެފްސީ ޕޯޓޯ މަލާގާ އާއި ކުޅެން ޖެހޭ އިރު ވެލެންސިޔާ އަށް ލައްވާލީ ޕީއެސްޖީ އެވެ. އަދި ގަލަތަސަރޭ އަށް އެފްސީ ޝަލްކޭ ލައްވާލި އިރު ޝަހުތަރު ޑޮނެޓްސްކަށް ކުޅެންޖެހެނީ ބޮރޫޝާ ޑޯޓްމަންޑް އާ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ރައުންޑުގެ ފުރަތަމަ ލެގް ކުޅޭނީ ފެބްރުއަރީ 13/12 ނުވަތަ 20/19ގަ އެވެ. އަދި ދެވަނަ ލެގް ކުޅޭނީ މާޗު 6/5 ނުވަތަ 13/12ގަ އެވެ.