20 Dec 2012, 16:19
ބުރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑޯ ލުއިސް ނަޒަރިއޯ ޑެލިމާ، 36، އާއި ފްރާންސްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޒިނެދިން ޔަޒީދު ޒިދާން،40، ބައިވެރިވެގެން ފަގީރުކަމާ ދެކޮޅަށް އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފި އެވެ.
ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން އިންތިޒާމް ކޮށްގެން ބްރެޒިލް އާއި އެފްރިކާގައި ފަގީރުކަން ކުޑަކުރުމަށް ހިންގާ ޕްރޮޖެކްޓްތަކަށް އެހީ ހޯދުމުގެ ގޮތުން ކުޅުނު މި މެޗުގައި ރޮނާލްޑޯ އާއި ޒިދާންގެ އިތުރުން ކުރީގެ އަދި މިހާރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ބައިވެރިވެފަ އެވެ.
ބުރެޒިލްގެ ޕޯޓޯ އަލެގްރޭގެ ގްރެމިއޯ އެރީނާގައި ކުޅުނު ޗެރިޓީ މެޗު ތިނެއް ދޭކުން ކާމިޔާބު ކުރީ ރޮނާލްޑޯގެ ޓީމެވެ. އަދި އެތައް ހާސްބަޔަކު ކުޅިބަލަން ދިޔަ ފޯރިގަދަ މެޗުގެ ރެފްރީކަން ކޮށްދިނީ ކުރީ މަޝްހޫރު ރެފްރީ އިޓަލީގެ ޕިރްލުއިޖީ ކޮލީނާ،52، އެވެ.
މި މެޗުގައި ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުގައި ކުޅުނު ޓީމަށް ފުރަތަމަ ލީޑު ހޯދައިދިނީ ބްރެޒިލްގެ ޒުވާން ތަރި ނޭމާ ތަނަވަސް ކޮށްދިން ފުރުސަތަކުން ބެބޭޓޯ އެވެ. އެހެން ނަމަވެސް ޒިދާން ޓީމުގެ މަޝްހޫރު ފުޓްސަލް ތަރި ފަލްކާއޯ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ކެޕްޓަން ޒިދާން ފޮނުވާލި ވަރުގަދަ ހަމަލާއަކުން ގޯލް ކާމިޔާބުކޮށް މެޗުގެ ކުރި ހޯދި ނަމަވެސް ފެރާރީ އާއި ޑަމިއާއޯ ކާމިޔާބު ކޮށްދިން ދެލަނޑާ އެކު ތިނެއް ދޭކުން މެޗު ކާމިޔާބު ކުރީ ރޮނާލްޑޯ ޓީމެވެ.
ކާލޯސް އަލްބާޓޯ ޕެރެއިރާ ކޯޗުކަން ކޮށްދިން ރޮނާލްޑޯ އެންޑް ފްރެންޑްސް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ: ދީދާ، ކަފޫ، ޑެންލީ، ސާޖީނިއޯ، ރޭވާ، ޖޫނިއާ ބައިއާނޯ، ރޯގު ޖޫނިއާ، ރޮބާޓޯ ކާލޯސް، ވިލިއަމް، ލޫކަސް، ޖުނީނިއޯ ޕައުލިސްޓާ، ޒީނޯ، ޑިއަލްމިނާ، ރޮޖާ، ޒިކޯ، ޑެނިލްސަން، ރޮނާލްޑޯ، ނޭމާ، ލީންޑްރޯ ޑަމިއާއޯ، ބެބޭޓޯ، ކަކާ ފެރާރީ، ރޮމާރިއޯ، އެޑްމަންޑޯ އަދޮ ޕައުލީނިއޯ އެވެ.
ލުއިޒް ފެލިޕޭ ސްކޮލާރީ ކޯޗުކަމުގައި ކުޅުނު ޒިދާން އެންޑް ފްރެންޑްސް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ: ވިޓްރޯ ބާއިއާ، ޖޫލިއާނޯ ބެލެއްޓީމ ޑިއެގޯ ކަވާލިއެރީ، އެމާސަން، ފެނާންޑޯ ހިއެރޯ، މިޝޭލް ސަލްގާޑޯ، ފެނާންޑޯ ކޫޓޯ، ހުއާން ޕަބްލޯ ސޯރިން، ޕައޮލޯ މޮންޓޭރޯ، ކާލޯސް ގަމަރާ، ހިޑެޓޯޝީ ނަކާޓާ، ޒިނެދިން ޒިދާން، ޑެކޯ، ސަންތިއާގޯ ސޮލާރީ، ފްރެޑްރިކް ލިއެމްބާގް، ހުއާން ރޯމަން ރިކުއެމް، ކްރިސްޓިއަން ކަރިމްބާއު، އެލެކްސް ޑިސޫޒާ، ޕެޑްރޯ ޕައުލޭޓާ، ސެބަސްޓިއަން އަބްރިއޯ، ހަލްކު، ފަލްކާއޯ އަދި މާރިއޯ އެވެ.