20 Dec 2012, 16:15
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އުފެއްދުމަށް ބޭއްވި ޖަލްސާއަކީ ސައްހަ ޖަލްސާއެއް ކަމަށް ކަނޑައަޅައި، ރާއްޖޭގައި 16 ވަނަ އަށް އުފެއްދި ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީއޭ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްދީފި އެވެ.
މިއަދު މެންދުރު ފަހު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީއޭގެ ރަޖިސްޓްރީ އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ހަވާލު ކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސްގެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެމްޑީއޭ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހަށް އިތުރު ކުރިއެރުމާއި ތަރައްގީއެއް ލިބިގެންދާނެ ކަމަށް އުމްމީދު ކުރައްވާ ކަމަށެވެ.
އެމްޑީއޭގެ ލީޑަރު ސިޔާމް ވިދާޅުވީ ރާއްޖޭއަކީ ފަގީރު ގައުމުތަކުގެ ލިސްޓުން އުނިވެފައިވާ ގައުމަކަށް ވިޔަސް ދިވެހިންނަށް އަދިވެސް އަސާސީ ހިދުމަތްތަކެއް ނުލިބޭ ކަމަށެވެ. ނަރުދަމައާއި ސާފުބޯފެން ލިބޭނެ ނިޒާމެއް ބައެއް ރަށްތަކުގައި ނެތް ކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ އެ ޕާޓީގެ އެންމެ ބޮޑު އެއް މަގުސަދަކީ ރާއްޖެ ތަރައްގީކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ މުހިއްމު ކަމަށްކަށް ވާނީ ގައުމުގެ އިގްތިސާދު ކުރިއަރައި އަމަންއަމާން ކަމާއި ސުލްހަވެރިކަމާއި ޔަތީމުންނާއި މިސްކީނުންނާއި ފަގީރުންނާއި އަދި އަޅާނުލާ މުސްކުޅިންނަށް އެހީތެރިވެދިނުން،" ސިޔާމް ވިދާޅުވި އެވެ.
އެމްޑީއޭގެ ރަޖިސްޓްރީ ހަވާލު ކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ރާއްޖޭގައި 16 ޕާޓީއެއް އޮތް އިރު ގިނަ ޕާޓީތަކަކީ ސިޔާސީ މަސްރަހުގައި ހަރަކާތްތެރި ނުވާ ޕާޓީތަކެއް ކަމަށެވެ. އަދި ބައެއް ޕާޓީތަކުގެ އޮފީސްތައް ވެސް ނުހުންނަ ކަމަށް އޭނާ ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެމްޑީއޭއަކީ އެފަދަ ޕާޓިއަކަށް ނުވާނެ ކަމަށް އުމްމީދު ކުރައްވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެމްޑީއޭ އެކުލަވާލައި އެ ޕާޓީ އަށް ރަޖިސްޓްރީ ހަވާލު ކުރި ރަސްމިއްޔާތުގައި އެމްޑީއޭގެ ތިން ނައިބު ލީޑަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި އައިޝަތު ރަފިއްޔާ އާއި އަލީ މައުރޫފު ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި ސިޔާސީ ޕާޓީތަކުގެ ދައުރު އަދާކުރަމުންދާ ގޮތް ބެލުމުގެ ޒިންމާ އިލެކްޝަންސް ކޮމިޝަންގެ ބޮލުގައި އެޅުވިފައި އޮތަސް އެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރެވޭ ކަމަށް ފާހަގަ ކުރެއްވި އެވެ. އަދި އެ ޕާޓީން މަސައްކަތް ކުރާނީ ދިވެހި ކުދިބޮޑު އެންމެނާއި އަންހެނުންގެ ކުރިއެރުމާއި ތަރައްގީއަށް ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.