ފުލުހެއްގެ ގައިގައި ދިދަ ދަނޑިއަކުން ޖެހި މީހަކު 3000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށް، އެ ފައިސާ މިއަދުން ފެށިގެން އެއް މަސްު ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ ގދ. ވާދޫ، އަސަރީގެ ހަސަން އަބްދުﷲ، 39،ގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ މައްޗަށް ކޯޓުން ހުކުމްކޮށްފައި ވަނީ މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވުމަށް މި އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައި އޮތް ޖަލްސާއާ ދިމާކޮށް މާލޭގެ މަގުތަކުގައި ހިންގި މުޒާހަރާގައި އަމަން ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގާ ދިދަ ދަނޑިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެންނެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އަލިކިލެގެފާނުމަގާއި ލިލީމަގު ގުޅުނު ކަންމަތީގައި ކުރި މުޒާހަރާގައި އެސަރަޙައްދުގައި އަމަން ބަލަހައްޓަމުން ދިޔަ ފުލުހެއްގެ ގައިގާ ދިދަ ދަނޑިއަކުން ޖަހާފައިވާކަން ހެކިންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާތީ ކަމަށެވެ. އަދު އޭނާ ފުލުހުންގެ ގާނޫނުގެ ދަށުން ކުށްވެރިވާ ކަމަށެވެ.

މިއީ މިބާވަތުގެ ކުށެއްް ހަސަން އަބްދުﷲގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށް ވާތީ ކުށުގެ އުގޫބާތުގެ ގޮތުން 3000ރ. އިން އޭނާ ޖޫރިމަނާކުރީ ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.