ބިލްތައް ނުދައްކާތާ ގިނަ ދުވަސްތަކެއްވެގެން މާލޭ ސިޓި ކައުންސިލުން ފޯނާއި އިންޓަނެޓްގެ ހުރިހާ ހިދުމަތްތަކެއް ދިރާގުން މިއަދު ކަނޑާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ދިރާގުން އެ ކައުންސިލަށް ދެމުންދިޔަ ހިދުމަތްތައް ކަމަށްވާ ފޯނާއި ފެކްސާއި އަދި އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށާއި ތިން މަހުގެ ބިލަށްވާ ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ނުދައްކާ އޮތް ކަމަށް މިހާތަނަށް އެނގިފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އެ ބިލްތަކަށް ފައިސާ ދެއްކުމަށް ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްފައިވާ ކަމަށާއި ނަމަވެސް ފިނޭންސުން އެ ބިލްތަކަށް ފައިސާ ދޫކޮށްފައި ނުވަނީ ކަމަށެވެ.

"ފުރިހަމަކޮށްފައި ފޮނުވަން ޖެހޭ ޑޮކިއުމަންޓްތައް ފޮނުވާފައި ވާނީ ފިނޭންސަށް. ފިނޭންސްގެ ކަމެއް ފައިސާ ދެއްކުން. ނަމަވެސް ފިނޭންސުން މިހާތަނަށް ފައިސާ ދޫކޮށްފައި ނުވާކަމަށް ދިރާގުން ބުނަނީ،" ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާގަށް ދޭންޖެހޭ ފައިސާ ކައުންސިލްގެ ބަޖެޓްގައި މިހާރު ހުރި ބާކީ ފައިސާއިން ނަމަވެސް ދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ނަމަވެސް އެކަން ކުރެވޭނެ ކަމާ މެދު ޝައްކުކަމަށެވެ. އަދި ދައްކަން ޖެހޭ ފައިސާ ދެއްކޭނެ އުސޫލެއް ހަމަޖެހެންދެން އަލުން ހިދުމަތް ގުޅައި ދިނުމަށްވެސް ދިރާގާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

"ކައުންސިލްގެ މަސައްކަތް ގާތްގަނޑަކަށް ހުއްޓިފައިވަނީ. މިހާރު މިދަނީ އެކި ގޮތްގޮތުން ހައްލު ލިބޭތޯ މަސައްކަތް ކުރަމުން،" ސުޖާއު ވިދާޅުވި އެވެ.

ސިޓީ ކައުންސިލަށް ދިރާގުން ދެމުން ގެންދިޔަ ފޯނުލައިންތަކުގެ ހިދުމަތްތައް ބިލު ނުދައްކައިގެން މިއަދު ކަނޑާލާފައިވާކަން ދިރާގުންވެސް ސަން އޮންލައިންއަށް ވަނީ ޔަގީންކޮށްދީފަ އެވެ. ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދް ޖަލީލް މިއަދު ވިދާޅުވީ ސިޓީކައުންސިލަށް އެ ކުންފުނިން ދޭ ހިދުމަތްތައް މެދުކަނޑާލަން ޖެހުނީ ބިލްތައް ދެއްކުމަށް އެތައް ފަހަރެއްގެ މަތިން ނަސޭހަތްތެރިވުމުންވެސް އެއްގޮތަކަށްވެސް ފައިސާ ދައްކާފައި ނުވާތީ ކަމަށެވެ.

"މިއަދު ހިދުމަތްތައް ކަނޑާލީވެސް އޮފީސްތައް ހުޅުވި ފައިސާވެސް ދެއްކޭނެ ވަގުތު އޮއްވާ. ވަރަށް ގިނަ ދުވަހުގެ މަޝްވަރާތަކައްވެސް ފަހު އެއްވެސް ވަރަކަށް ފައިސާ ނުލިބުމުން ކަނޑާލަން ޖެހުނީވެސް. އަލުން ހިދުމަތްދެވޭތޯ މިދަނީ މިހާރުވެސް ކަސްޓަމަރާއި އެކު މަސައްކަތް ކުރަމުން،" އިމްޖާދު ވިދާޅުވި އެވެ.

އެ މައްސަލައިގައި ފިނޭންސްގެ ބަހެއް ލިބޭގޮތެއްނުވި އެވެ.

ސިޓީ ކައުންސިލުން ފޯނާއި ފެކްސް އަދި އިންޓަނެޓްގެ ހިދުމަތްތައް ކަނޑާލިއިރު މީގެ ދުވަސްކޮޅެއް ކުރިން ކަރަންޓް ބިލްތައް ނުދައްކައިގެން އެ ކައުންސިލުން ކަރަންޓް ކަނޑާލަން ސްޓެލްކޯއިން ނޯޓިސްވެސް ފޮނުވި އެވެ. އަދި ކަރަންޓް ބިލްނުދައްކައިގެން އައިޖީއެމްއެޗާއި ޓީވީއެމްއިންވެސް ކަރަންޓް ކަނޑާލަން މަސައްކަތްކުރި އެވެ. އޭރު ފިނޭންސުން ބުނެފައިވަނީ ބިލްތަކަށް ފައިސާ ނުދެއްކުނީ ދައުލަތުގެ ފައިސާ ދެއްކޭނެ ވަރުގެ މާލީ ތަނަވަސްކަން އޭރުނެތުމުން ކަމަށެވެ.