20 Dec 2012, 16:04
ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުއްވުމުގަޔާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސިވިލް ސާވިސް ކޮމިޝަންގެ ބައިވެރިވުން އިތުރުކުރުމުގައި އަމަލުކުރާނެ އުސޫލެއް ވަޒީރުންގެ މަޖިލީހުން ކަނޑައަޅާއިފި އެވެ.
އެފަދަ އުސޫލެއް ވަޒީރުންގެ މަޖިލީހުން މި ކަނޑައެޅުއްވީ ސިވިލް ސާވިސް ހިންގުމާ ގުޅޭ ކަންކަމުގައި އަދި ސިޔާސަތުތައް ކަނޑައެޅުއްވުމުގަޔާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެ ކޮމިޝަންގެ ދައުރު ވަކި ގޮތަކަށް ކަނޑައަޅައި ބަޔާންކުރެވިފައި ނެތުމުގެ ސަބަބުން ސިވިލް ސާވިސްއާ ބެހޭ ކަންކަމުގައި ސަރުކާރަށް ބައެއް ދަތިތަކާ ކުރިމަތިވަމުންދާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން ސަރުކާރާއި އެ ކޮމިޝަނާ ދެމެދު ވިލަރެސް ކުރެއްވުމަށް އުފައްދަވާފައިވާ ކޮމިޓީގައި ވާހަކަފުޅު ދައްކަވައި އެކުލަވައިލެއްވި އުސޫލާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު، ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމުގައި އެ ކޮމިޝަންގެ ބައިވެރިވުމާއި ޝާމިލްވުން އިތުރުކުރައްވައި އެކޮމިޝަންގެ މަޝްވަރާ އާއި ލަފާ ރަސްމީ ސިފައެއްގައި މެދުނުކެނޑި ސަރުކާރަށް ހޯދުމުގައި އަމަލުކުރާނެ ގޮތްތަކެއް ވަނީ ކަނޑައަޅުއްވާފަ އެވެ.