އިންޑިއާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި ޑިފެންސް އެޑްވައިޒާ ކެޕްޓަން އާރްއެސް ސުނިލް، ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ބަންޑާރަ ކޮށީގައި މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމަކީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައެޅި ޑިފެންސް އެޑްވައިޒަރެއްގެ ގޮތުގައި ކެޕްޓަން އާރްއެސް ސުނިލް ހަމަޖައްސަވައި ރަސްމީ ގޮތުން އެބޭފުޅާ މަގާމާ ހަވާލުވަޑައިގަތުމުގެ ގޮތުން ޑިފެންސް މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެއް ކަމަށެވެ.

ކެޕްޓަން އާރްއެސް ސުނިލް އެ މަގާމާ ހަވާލުވެވަޑައި ގަތުމަށް ފަހު މިއަދު ޑިފެންސް މިނިސްޓަރުގެ އިތުރުން ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމާއި ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގައި އިންޑިޔާ އަސްކަރިއްޔާ އިން ހިންގަމުންދާ މަސްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު އޮތް ސިޔާސީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ދެ ފަރާތުން މަޝްވަރާކުރެއްވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިންޑިޔާ އާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 57 އަހަރު ވެފައިވާ އިރު، ދެ ގައުމުގެ ދެމެދުގައި ދިފާއީ އަދި އަސްކަރީ ގުޅުން އެންމެ ރަނގަޅަށް ބަދަހިވެގެންގޮސްފައި ވަނީ 3 ނޮވެމްބަރު 1988ގައި ރާއްޖެ އަށް ކުރިމަތިވެގެންދިޔަ އުދުވާނީ ހަމަލައަށް ފަހު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެ ދުވަހަށް ފަހު ރާއްޖެ އަށް ސިޔާސީ އަދި އަސްކަރީ ގޮތުން ގިނަ ގުނަ އެހީތައް އިންޑިޔާ ސަރުކާރުން ދީފައިވާ އިރު، ރާއްޖެ އަށް އިންޑިޔާ ސަރުކާރުން ކަނޑައަޅަފައި ހުންނަ ޑިފެންސް އެޑްވައިޒަރު، ހުންނަވަމުން ގޮސްފައި ވަނީ ސްރީލަންކާގައި ހުންނަ އިންޑިޔާގެ ހައިކަމިޝަންގަ އެވެ.

އިންޑިޔާ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށާއި ދިވެހި އަސްކަރިއްޔާގެ ތަރައްގީ އަށް މިހާރު ވެސް ގިނަ އެހީތަކެއް ވެދެމުންދެމުން އަންނަ އިރު ވަކިން ހާއްސަ ގޮތެއްގައި އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ސިޔާސީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ޑިފެންސް އެޑްވައިޒަރެއް ރާއްޖޭގައި ބެހެއްޓުމަށް ޓަކައި ކުރެވުނު މަޝްވަރާތަކަށް ފަހު، މި އަހަރުގެ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު ރާއްޖޭގައި ހުންނަ ހައިކަމިޝަން އޮފް އިންޑިޔާގައި ކެޕްޓަން އާރްއެސް ސުނިލް ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި ޑިފެންސް އެޑްވައިޒަރުގެ ގޮތުގައި ވަނީ މަސައްކަތް ކުރައްވަން ފައްޓަވާފަ އެވެ.

ކެޕްޓަން އާރްއެސް ސުނިލް އެ މަގާމާ ހަވާލުވުމަށް ފަހު ރާއްޖޭގައި ހުންނަ ހައިކޮމިޝަންގައި ބޭރު ގައުމެއްގެ ޑިފެންސް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވަން ފެއްޓެވި ފުރަތަމަ ޑިފެންސް އެޑްވައިޒަރުގެ ގޮތުގައި ކެޕްޓަން އާރްއެސް ސުނިލް ވަނީ ވެފަ އެވެ. އެ ބަދަލާ ގުޅިގެން ރާއްޖެއާއި އިންޑިޔާ އާއި ދެމެދު ދިފާއީ އަދި އަސްކަރީ ގޮތުން މުއާމަލާތްކުރުމާއި ކަންކަން ހަމަޖެއްސުމުގައި ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.