20 Dec 2012, 15:40
ތިން އަތޮޅަކަށް ނިސްބަތްވާ ދިހަ ކައުންސިލަރަކާއި ސަރުކާރުގެ ދެ މިނިސްޓްރީއެއްގެ އިސް ދެ ބޭޅަކު ޕީޕީއެމް އަށް މިއަދު ސޮއިކުރައްވައިފި އެވެ.
މިއަދު ޕީޕީއެމް އަށް ސޮއިކުރެއްވި ކައުންސިލަރުންނަކީ ކ. އަތޮޅު ކައުންސިލްގެ ތުލުސްދޫ ދާއިރާގެ ރައީސް އަހްމަދު ސައީދާއި އެ އަތޮޅު މާފުށީ ކައުންސިލްގެ ރައީސް ރައީސް އަބްދުﷲ މުފީދާއި ނައިބު ރައީސް މަޖްދާ އިބްރާހިމާއި ކ. އަތޮޅު ގުޅީ ކައުންސިލްގެ ރައީސް އަބްދުﷲ ވާރިޝާއި ނައިބު ރައީސް އަބްދުﷲ ޝިހާމާއި އެ ކައުންސިލްގެ މެމްބަރު އަލީ ޔާމިނާއި މަރިޔަމް ލުފްޝާ އެވެ. އޭގެ އިތުރުން މ. އަތޮޅު ކައުންސިލްގެ ދިއްގަރު ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދާއި އެ ކައުންސިލްގެ ރައީސް މޫސާ ނަސީރު އަހްމަދާއި ގއ. އަތޮޅު ކައުންސިލްގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އާމިރު އަލީ އެވެ.
މިއަދު ޕީޕީއެމަށް ސޮއިކުރެއްވި ސަރުކާރުގެ އިސް ދެ ބޭފުޅުންނަކީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތާއި ޓެކްނިކަލް އެޑްވައިޒަ ޓު ދަ ޔޫތު މިނިސްޓަރު މުހައްމަދު ތަލާލް އެވެ.
ކައުންސިލަރުން ސޮއިކުރެއްވުމަށް ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ޕީޕީއެމް އަށް ސޮއިކުރައްވަމުން އެދާ ކައުންސިލަރުންނަކީ އެ ބޭފުޅުން އެހެން ޕާޓީއެއްގައި ތިއްބެވި ނަމަވެސް މާކުރުރިން ފެށިގެން ވެސް ޕީޕީއެމްއާ ޚިޔާލު އެއްގޮތް ބޭފުޅުން ކަމަށެވެ. ނަމަވެސް އޭރު ސޮއިނުކުރައްވައި މަޑުކުރައްވައިގެން ތިއްބެވީ ޕާޓީ ބަދަލުކުރައްވައިފި ނަމަ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުގައި ކަމަށެވެ.
"މާކުރިން ވެސް އެ ބޭފުޅުންނަކީ އަޅުގަނޑުމެންނާ ޚިޔާލު އެއްގޮތް ބޭފުޅުން. ނަމަވެސް ވަޒީފާ އަށް ބިރުން ޕާޓީ ބަދަލުނުކޮށް މަޑުކޮށްގެން ތިބީ. އެހެން ތިއްބައި ސުޕްރީމް ކޯޓުން ހަމަޖެއްސީ ޕާޓީ ބަދަލު ކުރިޔަސް ވަޒީފާ ނުގެއްލޭނެ ކަމަށް. އެހެން ވެގެން ކުއްލިއަކަށް މިހާ ގިނަ ބަޔަކު ޕީޕީއެމްއާ ގުޅެން ފެށީ،" މައުމޫން ވިދާޅުވި އެވެ.
ފަހަކަށް އައިސް ގިނަ އަދަދެއްގެ ކައުންސިލަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އާއްމު ރައްޔިތުން އަންނަނީ ޕީޕީއެމްއާ ގުޅެމުންނެވެ.