މަސްތުގެ ވަބާގައި ޖެހި މަގުއޮޅިފައި ތިބި އަންހެނުންގެ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާއި ނަމަވެސް އެ ފަރާތްތަކަށް އެކަށީގެންވާ ފަރުވާއެއް ރާއްޖެ އިން ލިބެން ނެތް މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ހުށަހަޅައިފި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ، ސޮސައިޓީ ފޯ ވިމެންސް އެގެއިންސްޓް ޑްރަގްސް (ސްވޮޑް)ގެ ފަރާތުން ރަައީސަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މަސްތުގެ ވަބާގައި ޖެހި އެ ވޭން ތަހައްމަލު ކުރަމުންދާ 84 އަށް ވުރެ ގިނަ އަންހެނުން މާލޭގައި އުޅޭކަން އެ ޖަމިއްޔާ އަށް ދެނެގެނެވިފައިވާ ކަމަށާއި ނަމަވެސް އެ މީހުންނަށް ރާއްޖެ އިން އެކަށީގެންވާ ފަރުވާ ދެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން ކުރި ދިރާސާގެ އަލީގައި ހާމަވެފައި ވަނީ ހަމައެކަނި މަލޭގައި ވެސް މިވަގުތު މަސްތުގެ ވަބާގައި ޖެހިފައި 84 އަންހެނުން އެބަތިބި. އެކުދިންގެ މައިން ބަފައިންނާއި ބެލެނިވެރިން ވެސް ގެންދަނީ ކެނޑިނޭޅި އެކަމުގެ ޝަކުވާ ކުރަމުން. ވީމާ އެކަން ވީ އެންމެ އަވަހަކަށް ހައްލުކޮށްދެއްވުމަށް މަނިކުފާނުގެ އަރިހުގައި ވަރަށް އަދަބުވެރިކަމާ އެކު ދަންނަވަން،"އެ ސިޓީގައިވެ އެވެ.

ދިވެހި ރާއްޖޭގެ މަސްތުވާ ތަކެއްޗާ ބެހޭ ގާނޫނު ވަނީ މި ދިޔަ އަހަރު ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފަ އެވެ. އަދި އެ ގާނޫނުގައި އަންހެނުންނަށް ޚާއްސަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމު ކުރަން ޖެހޭނެ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.