އެމްއޭސީއެލްގެ ބަދަލުގައި އެއާޕޯޓް ހިންގުމަށް ސަރުކާރުން އަލަށް އުފައްދާ ކުންފުނި މާލޭ އިންޓަނޭޝަލް އެއާޕޯޓް ލިމިޓެޑް (އެމްއައިއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިނޭންސުން މިއަދު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވާނެ މެނޭޖިން ޑިރެކްޓަރާއި ޗީފް ފައިނޭންޝަލް އޮފިސަރެއް އަދި ނޮން އެގްޒެކެޓިވް މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ނަންއެގްޒެކެޓިވް މެންބަރުންގެ ގޮތުގައި ހަތަރު ބޭފުޅަކު ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ. ޖުމްލަ އެ ބޯޑުގައި ތިއްބަވާނީ ހަތް ބޭފުޅުންނެވެ.

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހެއް ކަމަށް ހަމަޖައްސާފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.

އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި މާކުސްދޭނެ ގޮތްތައްވެސް ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ޑައިރެކްޓާސް އެންޑް ސެކްރެޓަރީ ސެޓްފިކެޓް އޮންނަ މީހުންނަށް ފަސް ޕަސެންޓް ކޮލިފިކޭޝަނަށް 30 ޕަސެންޓް، އިންޓަވިއު އަށް 30 ޕަސެންޓް، ކޯޕަރޭޓް ތަޖުރިބާ އަށް 35 ޕަސެންޓް ވަނީ ކަނޑައަޅައިފަ އެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ އެމްއައިއެލް އުފެއްދުމާ އެކު އެއާޕޯޓްގެ ހުރިހާ ހިންގުމެއް އެމްއޭސީއެލްއިން ނަގައި އެ ކުންފުންޏާ ހަވާލުކުރާށެވެ. ނަމަވެސް އެއާޕޯޓް، އެސެޓް އޮންނާނީ އެމްއޭސީއެލްގެ މިލްކިއްޔާތެއްގެ ގޮތުގައި ކަމަށްވެސް ވަނީ ކަނޑައަޅައިފަ އެވެ. އެމްއައިއެލްއަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.