20 Dec 2012, 14:26
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު ކަމުން މިއަދު ދުރުކުރި މުހަންމަދު އިބްރާހިމްވެސް ހިމެނޭ ގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އާ ބޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު އެކުލަވާލައްވައިފި އެވެ.
މުހަންމަދު އިބްރާހިމް ފުރުއްވި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައީސް އައްޔަން ކުރެއްވީ އެސްޓީއޯގެ ޗީފް އިންޓާނަލް އޮޑިޓަރެއްގެ މަގާމުގައި ހުންނެވި ޑރ. އިބްރާހިމް މަހުފޫޒެވެ. އޭނާ ވަނީ 2010 ވަނަ އަހަރު އޮސްޓްރޭލިއާގެ ނިއުކާސުލް ޔުނިވަސިޓީން ޑޮކްޓަރޭޓް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވައިފަ އެވެ. އަދި ޗެއާމަންގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މުޙަންމަދު ސަޢީދު، މއ. ހަވޭލި އެވެ. ދެން ބޯޑުގައި ތިއްބަވަނީ އިބްރާހީމް ޚާލިދު ގ. ކެތުލިން އާއި އިބްރާހީމް ޢިޔާސް ދަފްތަރުނަންބަރު 8309 އާއި ޙުސައިން ޝިޔާމް، މ. މަހެކް އަދި އިބްރާހީމް މުޙަންމަދު، މ. މުލީގެ އެވެ.
އެމްއޭސީއެލްގެ ބޯޑުގައި މުހަންމަދު އިބްރާހިމް ހިމެނިވަޑައިގަތް އިރު އޭނާ ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށްވެސް އައްޔަން ކުރައްވައިފަ އެވެ. އެމްއޭސީއެލްގައި ގިނަ މަގާމުތަކެއް ފުރުއްވި މުހަންމަދު އިބްރާހިމްއަކީ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ޖީއެމްއާރާއި އެއާޕޯޓް ހަވާލުކުރިއިރުވެސް އެ ކުންފުނީގައި އިސްކޮށް ހުންނެވި ބޭފުޅެކެވެ. އަދި އެ މުއާމަލާތްތަކުގައި އޭނާ ވަނީ އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން އޭނާއަށް ވަނީ އެކި ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވެފަ އެވެ.
އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމް މިއަދު ވިދާޅުވީ އެމްއޭސީއެލްއަށް މިއަދު ގެނައި ބަދަލަކީ އެ ކުންފުނި ހަރުދަނާކޮށް އެ ކުންފުނީގެ ވިޔަފާރިތައް ހަރުދަނާކުރުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރެއިން އެއްބަދަލު ކަމަށެވެ. އަދި އެ ކުންފުނި އިތުރަށް ހަރުދަނާ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.