އަންނަ އަހަރު އޮންނަ 10 ވަނަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާނެ ތާރީހެއް އަންނަ ހޮނިހިރު ދުވަހު އޮންނަ އެސްކޯ މީޓިންއަށް ފަހު ފައިނަލް ވާނެ ކަމަށް ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް) އިން ބުނެފި އެވެ.

ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަމީން "ސަންއޮންލައިނަށް" ދެއްވި އިންޓަވިއުގައި ވިދާޅުވީ، ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުން ނިންމުމާ ގުޅިގެން މުބާރާތް ބައްވާނެ ތާރީހެއް ފައިނަލް ކުރުމުގެ މަސައްކަތުގައި ކުޅިވަރާ ބެހޭ މިނިސްޓރީގެ އިސްވެރިންނާއެކު ވާހަކަ ދެއްކުމަށް ފަހު، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެކްސްކޯ މީޓިންއަށް ފަހު މުބާރާތް ބާއްވާ ފައިނަލް ތާރީހް މީޑިއާއާއި ހިއްސާ ކުރައްވާނެ ކަމަށެވެ.

"މުބާރާތް ބާއްވާނެ ތާރީހެއް ފައިނަލް ކުރުމަށް އަޅުގަނޑުމެން މިހާރު ތައްޔާރު ވަމުން މިދަނީ. ތާރީހް ކަނޑައެޅުމަށް އަޅުގަނޑު މެން އަންނަ ހޮނިހިރު ދުވަހު އެކްސްކޯގެ މީޓިންއެއް ބާއްވަން." އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، އަންނަ އަހަރުގެ މުބާރާތަކީ ވެސް ވާދަވެރި މުބާރާތެއް ކަމަށާއި އެގޮތުގެ މަތިން މުބާރާތް ބާއްވާނެ ތާރީހެއް މުޅިން ފައިނަލްވީ އެންމެ އަވަހަކަށް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބިލްޑަރުންގެ ފަރިތަކުރުންތައް ފަށާނެ ކަމަށެވެ. އަދި މުބާރާތުން "ގޯލްޑް" މެޑަލް ހޯދޭނެ ވަރުގެ ބިލް ޑަރުން ރާއްޖޭގައި އެބަތިބި ކަމަށް އޭނާ ވަނީ މީގެ ކުރިން "ސަން އަށް ދިން އިޓަވިއުގައި ވިދާޅުވެފަ އެވެ.

"މިއީ މިގޮތަށް ރާއްޖޭގައި ބާއްވާ ދެ ވަނަ އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތް. އެހެންވެ ވަރަށް ބޮޑު އިންވެސްޓެއް ކުރަންޖެހޭ. މިކުޅިވަރަކީ އެހެން ކުޅިވަރުތަކާ ހިލާފް ކުޅިވަރަކަށް ވާތީ އަންނަ އަހަރުގެ ރޯދަމަސް އައުމުގެ ކުރިން މުބާރާތް ބާއްވަން އެބަޖެހޭ. ދާދިފަހުން އިންޑިޔާގެ ނިއުދިއްލީގައި އޮތް ނުވަ ވަނަ (ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް) މުބާރާތުން ވެސް ރާއްޖޭގެ ދެ ބިލްޑަރަކު ވަނީ ތިން ވަނަ ހޯދާފައި. އެނަތީޖާއާ އެކު އަންނަ އަހަރުގެ މުބާރާތުން ރަނގަޅު ވަނައެއް ހޯދަން ވަރަށް މަސައްކަތް އެބަކުރަން ޖެހޭ." އަމީން ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް މުބާރާތެއް ބާއްވާފައި ވަނީ، މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމްގައި ހުންނެވި މުހައްމަދު ވަހީދުއްދީން (ޑީން)ގެ ސައްތައިންސައްތަ އެހީ ތެރިކަމާ އެކު 2002 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތް އޮތީ ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ.

ނައިބު ރައީސް ޑީން އަކީ 1995 ވަނަ އަހަރު ރާއްޖޭގެ ބޮޑީ ބިލްޑިންފެޑަރޭޝަން އުފެދުނީސްސުރެ، އެފެޑަރޭޝަންގެ ރައީސް ކަން 2010 ވަނަ އަހަރާ ހަމައަށް ކުރެއްވި ބޭފުޅަކަށްވީ އިރު، ސައުތު އޭސިއަން ރީޖަނަލް ބޮޑީ ބިލްޑިން އުފެއްދުމުގައި ވެސް އިސް ރޯލެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

ދިހަ ވަނަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ އިތުރުން، އަންނަ އަހަރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މުބާރާތަކީ 14 ވަނަ ގައުމީ ބޮޑީ ބިލްޑިން މުބާރާތެވެ. އެ މުބާރާތް މިހާރު ބާއްވަން ނިންމާފައިވާ ތާރީހަކީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފަހު ކޮޅުގައި ކަމަށް އަމީން ވިދާޅުވި އެވެ.