ދައުލަތުގެ އޮފީސްތަކުން އެކި ނަންނަމުގައި އެކި ފަރާތްތަކަށް ދެމުންގެންދާ "ރިޓަޔަރުމަންޓް ޕެކޭޖްތަކު"ގެ ސަބަބުން ބައެއް ފަރާތްތަކަށް ޑަބަލް ޕެންޝަން ދެވެމުންދާތީ އެކަމުގެ ބުރަ ދައުލަތުގެ ބަޖެޓަށް ބޮޑުވެއްޖެ އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާ ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ ސަމާލުކަމަށް ވެސް އެ މައްސަލަ ވަނީ މިހާރު އައިސްފަ އެވެ. އަދި ޕެންޝަން އޮފީހާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް އެ މައްސަލައިގައި ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވަ އެވެ.

"ޑަބަލް ޕެންޝަން"ގެ މައްސަލައިގައި ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ، މުހަންމަދު ހުސައިން މަނިކު ވިދާޅުވީ ކޮންމެ އަހަރަކު ވެސް 200 އެއްހާ މީހުން ޑަބަލް ޕެންޝަން ދެވޭ ގޮތަށް ރިޓަޔާ ކުރަމުންދާ ކަމަށާއި ޕެންޝަނަށް އަހަރަކު 700 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭ އިރު ޑަބަލް ޕެންޝަނަށް ބޮޑު ބައެއް ހަރަދުކުރަން ޖެހިފައިވާ ކަމަށެވެ.

"ޕޮލިސް، އެމްއެންޑީއެފް، ގައުމީ ޔުނިވާސިޓީ، މިތަންތާ އެބަހުރޭ އެތަންތަނުގެ ގަވާއިދުގައި ރިޓަޔާމަންޓް ޕެކޭޖްތަކެއް އެކި ނަންނަމުގައި އޭގެ ދަށުން އެބަދެވޭ ރިޓަޔާ ކުރައްވާ ބޭފުޅުންނަށް ވަކި ހާއްސަ ފައިސާ، އަދި ޕެންޝަން އޮފީހުން ވެސް އެބޭފުޅުންނަށް ފައިސާ ދެއްވަން ޖެހިވަޑައިގަންނަވާ. އެހެންވީމާ ދައުލަތަށް މިކަން މިވަނީ ބޮޑު ބުރައަކަށް. މީގެ ސަބަބުން ޕެންޝަން ފަންޑުގެ މަގުސަދު މުޅިން އެބަގެއްލޭ،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ހުއްޓުވުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެއީ ވެސް ގާނޫނަކުން ބާރުލިބިގެން ދެވޭ ފައިސާއެއް ކަމަށް އެ މުއައްސަސާތަކުން ވެސް ވަކާލާތުކުރަމުން ގެންދާ ކަމަށާއި އެކަމުގެ ސަބަބުން އެ ފައިސާ ހުއްޓުވޭނީ ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ގާނޫނޫ [ޕެންޝަން ގާނޫނޫ] ވުޖޫދަށް އައުމުގެ ކުރިން އެބޭފުޅުންގެ އެ ގާނޫނުތަކުގެ ދަށުން ގަވާއިދުތަކެއް ހެދި ޕެންޝަންތަކެއް ދޭން ފެށިއްޖެ. މި ގާނޫނު އައިއިރު އެ ފައިސާ މިއައީ ދެމުން. އޭރުގައި މިހާރު މިދެވޭ އެކި ރިޓަޔާމަންޓް ޕެކޭޖްތައް ހުއްޓުވާކަށް ނެތް ފޯކަސްކުރެވިފައެއް،" މަނިކު ވިދާޅުވި އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން ސިވިލްސާވިސް (ސީއެސްސީ) އާއި ޕޮލިސް އާއި އެމްއެންޑީއެފް އަދި އެހެނިހެން މިނިވަން މުއައްސަސާތަކަށް ކުރާ ޕެންޝަން ހަރަދު އަންނަ އަހަރު އުޅެނީ 119.1 މިލިއަން ރުފިޔާގަ އެވެ. އަދި އެހެނިހެން ގޮތްގޮތުން ދައުލަތުން ޕެންޝަނަށް ކުރާ ހަރަދު 200.5 މިލިއަން ރުފިޔާ އަށް އަރަ އެވެ. ޕެންޝަން ގާނޫނުގެ ދަށުން ޕެންޝަނަށް ކުރާ ހަރަދު 655.3 މިލިއަން ރުފިޔާ އަށް އަރަ އެވެ. މުޅި ޖުމްލަ އަންނަ އަހަރު ޕެންޝަނަށް ކުރާ ހަރަދު އުޅެނީ 855.8 މިލިއަން ރުފިޔާގަ އެވެ.

އެހަރަދުތައް ބޮޑުތަނުން ބޮޑުވުމާ އެކު އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ ޑަބަލް ޕެންޝަން ބޮޑުވަމުންގޮސް 2040 ހިސާބުގައި ޕެންޝަނަށް ކުރާ ހަރަދު އެވްރެޖްކޮށް 1.5 ބިލިއަނާއި ގާތްކުރާނެ ކަމަށާއި އެކަން ހުއްޓުވުމުގެ ގޮތުން ރައްޔިތުން މަޖިލީހުން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް އަންނަ އަހަރުގެ ތެރޭގައި ގެންނަން ޖެހޭ ކަމަށެވެ.

"ޕެންޝަން ގާނޫނުގެ ބޭރުން ދެވޭ ޕެންޝަންތައް ހުއްޓުވާ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކުރުމުގެ ގޮތުން އަންނަ އަހަރުގެ ތެރޭގައި ބަޖެޓް ކަރުދާހުގައި ހިމަނައިގެން ގާނޫނަށް އިސްލާހުގެނެސް އެ ޕެންޝަންތައް ހުއްޓުވަން ޖެހޭ. މިހާރު ޕެންޝަންދޭ އުސޫލަށް އަވަސް މުއްދަތެއްގައި ބަދަލު ނުގެނެސްފި ނަމަ 2040 އަދި 2050 ހިސާބުގައި ޕެންޝަނަށް ކުރާ ހަރަދު އެވްރެޖްކޮށް 1.5 ބިލިއަން ރުފިޔާއާ ގާތްކުރާނެ،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން، ކިބިދޫ ދާއިރާގެ މެންބަރު މޫސާ ރަމީޒު ވިދާޅުވީ ސިވިލްސާވިސް ކުޑަކުރުމުގެ ގޮތުން ހުޅުވާލެވުނު ރިޓަޔަރުމަންޓް ޕެކޭޖްގެ ދަށުން ބައެއް ފަރާތްތަކުން ވަޒީފާތަކުން ވަކިވެ، ޕެންޝަންގެ ފައިސާ ވެސް ނެގުމަށް ފަހު އަނެއްކާ ވެސް އެހެން ސިޔާސީ ވަޒީފާ އަދާކުރަމުން ދައުލަތުން މުސާރަ ނަގަމުން ދާ ކަމަށެވެ. އެ މައްސަލަ ކުރިމަތިވާ ކަމަށް ޕެންޝަން އޮފީހުން ވެސް ވިދާޅުވެ އެވެ.

"އެ އޮފީހުގެ ވަޒީފާގައި ހުރެފައި ކެނޑިގެން އެ އޮފީހެއްގެ އެޑްވައިޒަރަކަށް ވެސް އެބަހުރި އައިސްފައި. އެކަމަކު މުސާރަ ވެސް ޕެންޝަން ވެސް ލިބިވަޑައިގަންނަވާ،" ޕެންޝަން އޮފީހުގެ ސީއީއޯ މަނިކު ވިދާޅުވި އެވެ.

އެކަންތައްތައް ހުއްޓުވުމަށް އޮތް ހައްލަކީ ބަޖެޓް ކޮމެޓީގެ ނައިބު މުގައްރިރު ހަމްޒާ ހުށަހަޅުއްވާފައި ވަނީ ޑަބަލް ޕެންޝަނަށް މަގުފަހިވާ ކަންތައްތައް ހުއްޓާލުމުގެ ދަށުން ރިޓަޔާ ކުރެއްވުމަށް ފަހު އަލުން ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ ފަރާތްތައް ބަލައި އެ ފައިސާ އެ ފަރާތްތަކުގެ އަތުން އަތުލުމަށެވެ.

"އެގޮތަށް އަޅުގަނޑުމެންނަށް ކޮންމެ އަހަރަކުން ލައްކައިން ޕެންޝަނަށް ފައިސާ ދުލެއް ނުކުރެވޭނެ. އެކަން ރަނގަޅަށް ބަލާފައި ވަޒީފާގައި އަލުން އުޅެންޏާ ޕެންޝަންގެ ގޮތުގައި ދޫކޮށްފައި ހުރި ފައިސާ އަލުން ޖެހޭނެ،" ހަމްޒާ ވިދާޅުވި އެވެ.

ޕެންޝަން އޮފީހުން މީގެ ކުރިން ވެސް ވަނީ ޑަބަލް ޕެންޝަންގެ ސަބަބުން ޕެންޝަން ފަންޑުން މުޅިން ހަލާކުވެ ޕެންޝަން ފަންޑް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.