މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުން މުހަންމަދު އިބްރާހިމް ވަކިކުރައްވާ އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް އޮފިޝަލަކު ސަން އޮންލައިންއަށް އެކަން ކަށަވަރުކޮށްދެއްވި އެވެ. އަދި އެމްއޭސީއެލްގެ އެމްޑީއަކަށް ރައީސް މިއަދު ހަމަޖެއްސެވީ މ. އެލްސިއޯން ޑރ. އިބްރާހިމް މަހުފޫޒު ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ނިއުކާސަލް ޔުނިވަސިޓީން ޑޮކްޓަރޭޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ މަހުފޫޒު ވަނީ 16 އަހަރުވަންދެން އެސްޓީއޯގެ އެކި މަގާމުތައް ފުރުއްވައިފަ އެވެ. އެމްއޭސީއެލްގެ އެމްޑީގެ މަގާމަށް އޭނާ ހަމަޖެއްސެވީއިރު އޭނާ ހުންނެވީ އެސްޓީއޯގެ ޗީފް އިންޓާނަލް އޮޑިޓަރެއްގެ މަގާމުގަ އެވެ.

އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމް މިއަދު ވިދާޅުވީ އެމްއޭސީއެލްއަށް މިއަދު ގެނައި ބަދަލަކީ އެ ކުންފުނި ހަރުދަނާކޮށް އެ ކުންފުނީގެ ވިޔަފާރިތައް ހަރުދަނާކުރުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރެއިން އެއްބަދަލު ކަމަށެވެ. އަދި އެ ކުންފުނި އިތުރަށް ހަރުދަނާ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

އެމްއޭސީއެލްގައި ގިނަ މަގާމުތަކެއް ފުރުއްވި މުހަންމަދު އިބްރާހިމްއަކީ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ޖީއެމްއާރާއި އެއާޕޯޓް ހަވާލުކުރިއިރުވެސް އެ ކުންފުނީގައި އިސްކޮށް ހުންނެވި ބޭފުޅެކެވެ. އަދި އެ މުއާމަލާތްތަކުގައި އޭނާ ވަނީ އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން އޭނާއަށް ވަނީ އެކި ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވެފަ އެވެ.