20 Dec 2012, 13:24
މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 3.7 ޕަސެންޓް ދަށަށް ގޮސް އެއް މިލިއަން ޓޫރިސްޓުން ގެނައުމަށް ކުރަމުންދާ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 3.7 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 85,501 ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ އިރު މިއަހަރު ޒިޔާރަތްކޮށްފައި ވަނީ، ކުރީ އަހަރަށް ވުރެ 3190 މީހުން މަދުކޮށް، 82,311 ޓޫރިސްޓުންނެވެ.
ރާއްޖެ އަށް މި އަހަރު ތެރޭގައި އެއް މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ހުރަހެއް ކުރިމަތިވެފައިވާ އިރު މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ޓޫރިސްޓުންގެ އަދަދަކީ 866,310 އެވެ. އެހެންކަމުން އެއް މިލިއަން ޓޫރިސްޓުން މި އަހަރު ތެރޭގައި ގެންނަން ބޭނުން ނަމަ ޑިސެމްބަރު މަހު އެކަނި ވެސް 133690 ޓޫރިސްޓުން ރާއްޖެ ގެންނަން ޖެހެ އެވެ. މިދިޔަ އަހަރު ޑިސެންބަރު މަހު ރާއްޖެ އަށް އައިސްފައި ވަނީ 85,501 ޓޫރިސްޓުނެވެ.
އެއް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ އަމާޒަށް ވާސިލްނުވާނެ ކަމަށް ބެލެވިފައިވީ ނަމަވެސް މިދިޔަ އަހަރަށް ވުރެ މިއަހަރު މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 2.4 ޕަސެންޓް އިތުރުވެފަ އެވެ.
މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުންއަންނަ މަންޒިލްތަކުގެ ތެރެއިން ޔޫރަޕުން ޓޫރިސްޓުން އައި މިންވަރު ވަނީ 9.2 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި މެދު އިރުމަތީން ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 33.4 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ނަމަވެސް އޭޝިއާ އިން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 6.4 ޕަސެންޓް އިތުރުވެފަ އެވެ.
މިދިޔަ މަހު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުން އަދަދު ދަށަށް ގޮސް އެއް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ މަސައްކަތަށް ބޮޑު ހުރަހަކާ ކުރިމަތިވެފައިވުމުން އެކަމާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް އެކަން ވަނީ ހާސިލް ވާގޮތް ނުވެފަ އެވެ.