އޭޝިއާގެ އިގުތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމެއް ކަމަށްވާ ދެކުނު ކޮރެއާގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިންތިހާބު ވެވަޑައިގެންފި އެވެ.

ދެކުނު ކޮރެއާގައި އިއްޔެ އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، ރައީސް ކަމުގެ މަގާމަށް އިންތިހާބު ވެވަޑައިގެންނެވީ އެ ގައުމުގެ ކުރީގެ އަސްކަރީ ވެރިޔާގެ ދަރިކަނބަލުން ޕާކް ގިއުން ހައި ކަމަށް އެ ގައުމުގެ އިލެކްޝަން ކޮމިޝަނާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ.

އިއްޔެ ނެގި ވޯޓްގެ 92 ޕަސެންޓް ގުނައި ނިމުނު އިރު ޕާކަށް 51.6 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވި އިރު އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި މޫން ޖައެ އިން އަށް ލިބިވަޑައިގަތީ 47.9 ޕަސެންޓެވެ.
ރައީސްކަމުގެ މަގާމު ލިބިވަޑައިގެންނެވުމުން ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރަށް ދިރިއުޅުއްވުން ބަދަލުކުރެއްވުން ވެގެން ދާނީ އެގަނޑުވަރަށް އެނބުރި ވަޑައިގަތުމެއް ކަމަށެވެ. އެގަނޑުވަރަކީ، އޭނާގެ ބައްޕާފުޅުގެ ފަސްޓް ލޭޑީއެއްގެ ގޮތުގައި 1970ގެ އަހަރުތަކުގައި ދިރިއުޅުއްވި ގަނޑުވަރެވެ. ބައްޕާ ފުޅުގެ ފަސްޓް ލޭޑީއަކަށް ވެވަޑައިގަންނަވަން ޕާކް އަށް ޖެހިވަޑައިގެންނެވީ އުތުރުކޮރެއާ އިން ފޮނުވި މީހަކު އޭނާގެ މަންމާ ފުޅުގެ ގައިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލުމުންނެވެ.

އުމުރުން 60 އަހަރުގެ ޕާކް އިންތިހާބު ކާމިޔާބު ކުރެއްވުމުން، ދެކުނު ކޮރެއާގެ ރައީސް ލީ މިޔުމް ބަކް ވަނީ އެކަމަނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

ޕާކްގެ ކާމިޔާބީ އޭނާގެ ސަޕޯޓަރުން ދަނީ ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.