"ސަން އެފްއެމް އޮންލައިން" އަލުން ފަރުމާކޮށް ރީބްރޭންޑް ކުރުމާއި އޮންލައިނަށް ބޭނުންވާ ހުރިހާ ވެބް ކޮންސަލްޓެންސީއެއް ދިނުން ސެމިކޯލަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.


މި ޕްރޮޖެކްޓް ސެމިކޯލަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރުމަށް މިއަދު ހެނދުނު ވަނީ ސަންއެފްއެމްގައި ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ކޮންސަލްޓަންސީ ޕްރޮޖެކްޓްގެ އެގްރިމެންޓުގައި ސަންއެފްއެމް އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެޑިޓާ އަހުމަދު ޒާހިރު (ހިރިގާ) އެވެ. ސެމިކޯލަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީ ކްރިއޭޓިވް ޑިރެކްޓަރު ނަސުރުﷲ އަދުނާނު (ނައްޓު) އެވެ.


ނައްޓު މިއަދު ވިދާޅުވީ ސަންއެފެމްއާއި ސެމިކޯލަންއާ ދެމެދު މިއަދު ވީ އެއްބަސްވުމުގެ ދަށުން ސަންއެފްއެމް އޮންލައިން ރީބްރޭންޑްކޮށް، އޮންލައިން މެދުވެރިކޮށް ހަބަރާއި މައުލޫމާތު ފެތުރުމުގައި މުޅިން އާ މަރުހަލާއަކަށް ގެންދާނެ ކަމަށެވެ.


ސަންއެފްއޮންލައިންގެ ޗީފް އެޑިޓާ އަހުމަދު ޒާހިރު މިއަދު ވިދާޅުވީ "ސަން މީޑިއާ ގްރޫޕް"ގެ ކުޑައިގެ ދަށުން ހިންގާ "ސަންއެފްއެމް އޮންލައިނަ"ކީ ޚަބަރުތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތަކުގެ އިތުރުން އެންމެ އަވަހަށް ބްރޭކިން ނިއުސް ގެނެސްދޭ މިޒަމާނާ ގުޅޭ ވެބްސައިޓަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތް ސެމިކޯލަންއާ އެކު މިއަދު ވީ އެއްބަސްވުމުގެ ދަށުން ވަރަށް އަވަހަށް ފުރިހަމަވެގެން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ހަބަރާއި މައުލޫމާތު ފެތުރުމުގައި ސަންއެފްއެމް އޮންލައިން ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދައިފަ އެވެ.