ޅެންވެރިކަމާއި އަދަބިއްޔާތުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ހާސިލުކުރައްވެވި ކުޅަދާނަ ޅެންވެރިޔާ ޔޫސުފް އަލިފުޅުގެ ހަނދާނުގައި ތައުބީންގެ ޖަލްސާއެއް ބޭއްވުމަށް ދިވެހި ބަހުގެ އެކަޑަމީން ނިންމައިފި އެވެ.

ހިތާއި ފުއްޕާ މޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ލައްކާގައި ނިޔާވި ޅެންވެރިޔާ ޔޫސުފް އަލިފުޅުގެ ހަނދާނުގައި ބާއްވާ ތައުބީންގެ ޖަލްސާއާ ގުޅޭ ގޮތުން ދިވެހި ބަހުގެ އެކަޑަމީގެ ނައިބު ރައީސާ ރާފިއާ އަބްދުލްގާދިރު މިއަދު ވިދާޅުވީ ތައުބީންގެ ޖަލްސާ ބާއްވާނެ ތާރީހަކާއި ތަނެއް ހަމަޖައްސާނީ ލައްކާގައި ތިއްބެވި ޔޫސުފު އަލިފުޅުގެ އާއިލާގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވުމުން ކަމަށެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގައި 17 އަހަރު ބ. އަތޮޅުގެ ގޮނޑިއެއް ފުރުއްވާފައިވާ ޔޫސުފް އަލިފުޅުގެ ހަނދާނުގައި ތައުޒިޔާގެ ތަފްތަރެއް ވެސް ވަނީ ހުޅުވާލައިފަ އެވެ. ދިވެހި ބަހުގެ އެކަޑަމީ ހިންގާ ހ. ސޯސަންގޭގައި ތައުޒިޔާގެ ދަފްތަރު ހުޅުވާލާފައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެއީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

ލަންކާގައި މިވަގުތު ހުންނެވި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ޔޫސުފް އަލިފުޅު ފަދަ އަދީބުންގެ ޒިކުރާ ދެމެހެއްޓުމަށް ޓަކައި އެ އެކަޑަމީން މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދަބީ ގޮތުން އެމަނިކުފާނުފާނަކީ މުރާލި މަސައްކަތްތެރި ބޭފުޅެއް ކަމަށް އަޝްރަފް ވިދާޅުވި އެވެ.

"މިފަދަ އަދީބުންގފެ އަގުވަޒަން ކުރަނީ ދިވެހިންގެ އަދަބުގެ ފާގަތި މުސްތަގުބަލަށް ޓަކައި މާޒީގެ ސަފްހާތަކުން މުސްތަގުބަލު އަލިކުރަން. ޔޫސުފް އަލިފުޅަކީ މުރާލި މަސައްކަތްތެރިއެއް،" އަޝްރަފް ވިދާޅުވި އެވެ.

ރާފިޔާ ވިދާޅުވީ ޔޫސުފް އަލިފުޅުގެ އަދަބީ ލިޔުއްވުންތަކުގެ މައްޗަށް އެކުލެވޭ ފޮތެއް ނެރުމުގެ މަސައްކަތް ދިވެހިބަހުގެ އެކަޑާމީން ކުރަމުންދާ ކަމަށެވެ. ޔޫސުފް އަލިފުޅުގެ ޅެންތަކާއި މަޒުމޫނުތައް ސަރުކާރުން ނެރެމުން ދިޔަ ފަތްތޫރައިގައި ޝާއިރުކޮށްފގައި ހުރެ އެވެ. އަދި ތަފާތު މައުޟޫތަކުގެ މައްޗަށް އެކުލެވޭ ޅެން ފޮތެއް ވެސް ޔޫސުފް އަލިފުޅު ނެރުއްވާފައިވެ އެވެ.