އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި ރޭ ޗެލްސީއާއި ލީޑްސް ޔުނައިޓެޑް ކުޅުނު ފޯރިގަދަ މެޗު ފަހަތުން އަރައި ފަހެއް އެކަކުން މެޗު ކާމިޔާބު ކޮށް މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ޗެލްސީ ހޯދައިފި އެވެ.

އެލަންޑް ރޯޑު ސްޓޭޑިއަމް (ލީޑްސްގެ ދަނޑު)ގައި ވެހެމުން ދިޔަ ވާރޭގައި، ގާތްގަނޑަކަށް 35،000 ސަޕޯޓަރުންގެ ކުރިމަތީގައި ލީޑްސް އިން ޗެލްސީ ސިއްސުވާލީ 37 ވަނަ މިނިޓުގައި އެ ޓީމުގެ ޖެރޯމް ތޯމަސް ނަގައިދިން ރީތި ހުރަހަކުން ލޫސިއާނޯ ބެޗިއޯ ޗެލްސީގެ ގޯލްގެ ވާތްފަރާތު ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެކެއް ސުމެއްގެ ލީޑެއްގައި ލީޑްސް އޮވެގެން ނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ވިކްޓާ މޮޒެސް ދިން ބޯޅައަކުން ހުއާން މާޓާ އެވެ. އަދި 64 ވަނަ މިނިޓުގައި ފްރެންކް ލަމްޕާޑް ތަނަވަސް ކޮށްދިން ފިރުސަތަކުން މެޗުގެ ނަތީޖާ ޗެލްސީ ކޮޅަށް އަނބުރާލީ ބުރަނިސްލަވް އިވަނޮވިޗް ގޯލްއޭރިޔާގެ ތެރެއިން ލީޑްސް ކޮޅަށް ކާމިޔާބު ކޮށްދިން ލަނޑުން ނެވެ.

ލީޑްސްގެ މައްޗަށް ޗެލްސީ ލީޑު ނެގިތާ މާގިނަ އިރެއް ނުވަނީސް 66 ވަނަ މިނިޓުގައި މާޓާ ތަނަވަސް ކޮށްދިން ފުރުސަތަކުން މޮޒެސް ވަނީ މެޗުގެ ނަތީޖާ ތިނެއް އެކަކަށް ބަދަލު ކޮށްފަ އެވެ.

މީގެ އިތުރުން ފަހު ހާފުގައި ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައި ނިކުތް އެޑިން ހަޒާޑު ވަނީ 81 ވަނަ މިނިޓުގައި ޑޭވިޑް ލުއިޒް ދިން ރީތި ތުރޫޕާހެއް ހަމަ އެހާމެ ފުރިހަމަކޮށް ލީޑްސްގެ ގޯލަށް ވައްދާލައިގެން މެޗްގެނަތީޖާ ފުޅާކޮށްފަ އެވެ. އަދި 84 ވަނަ މިނިޓުގައި ހަޒާޑު ގޯލް ކުރިމަށްޗަށް ވައްޓާލަދިން ރީތި ޕާހަކުން މެޗުގެ ނަތީޖާ ފަހެއް އެކަކަށް ބަދަލުކޮށްދިނީ ފެނާންޑޯ ޓޮރޭޒް އެވެ.

ވާދަވެރި ކުރިމަތި ލުމަކަށް ފަހު ފަހެއް އެކަކުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކާމިޔާބު ހޯދި ޗެލްސީގެ ކޯޗު ރަފާ ބެނިޓޭޒް ބުނީ މިހާރު ޓީމު ދަތުރުކުރަނީ ރަނގަޅު މިސްރާބަށް ކަމަށާއި އަދި ދުވަހެއް ދުވަކަށް ޓީމު ރަނގަޅުވަމުން އަންނަ ކަމަށެވެ.

"މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ހަމަ ހަބޭސް، ފަހު ހާފު އެކަންޏެއް ނޫން. ފުރަތަމަ ހާފުގެ ކުޅުމާއި ދޭތެރޭގައިވެސް ވަރަށް ހިތްހަމަ ޖެހޭ" ޗެލްސީގެ ވަގުތީ ކޯޗު ބުންޏެވެ. "ޖަޕާނުން އައިގޮތަށް އެ ވަރުބަލިކަންމަތީ ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް" އޭނާ އިތުރަށް ބުންޏެވެ.

ލީޑްސްގެ ކޯޗު ނީލް ވާނޮކް ބުނީ އޭނާގެ ޓީމު ރަނގަޅަށް ކުޅެ ފުރުސަތުތަކެއް ތަނަވަސް ކުރި ކަމަށެވެ. އެކެއް ސުމަކުން ކުރީގައި އޮވެ ފުރަތަމަ ހާފު ހާފު ނިންމާ ލެވުނު ނަމަވެސް ޗެލްސީ ކޮޅަށް މެޗު އެނބުރުނީ ގޯލްކީޕަރު ޖެމީ އެޝްޑޮން އަށް ހެދުނު ޅައެއްޗެއްގެ ސަބަބުން ޗެލްސީއަށް މެޗުގެ ތެރެއަށް އެނބުރި އަންނަން ފުރުސަތު ލިބުމުން ކަމަށެވެ.

"އެކެއް ސުމަކުން ކުރީގަ އޮވެގެން ހާފު ނިމޭއިރު ދެވަނަ ހާފުގެ ފެށުން ރަނގަޅު ކުރަން ޖެހޭ. އެކަމަވީގޮތް ބާލާ. ޖެމީއަށް ހެދުނު ގޯހަކުން ހުރިހާ ކަމެއް ބަދަލުވީ" ކަމަށެވެ. ކޯޗު އިތުރަށް ބުނީ "ކުޅުންތެރިން ރަނގަޅަށް ކުޅެ ގިނަ ފުރުސަތު ތަކެއް ހޯދިނަމަވެސް ޗެލްސީ އަށް ނަތީޖާ އެއްވަރު ކުރެވުނު ހިސާބުން އަހަރުމެންނަށް ހަމަ ހިފަހައްޓާ ނުލެވުނީ" ކަމަށެވެ.

ކެޕިޓަލް ވަން ކަޕުގެ ސެމީފައިނަލުގައި ޗެލްސީ ކުޅޭނީ ސްވާންޒީ ސިޓީއާ ދެކޮޅަށެވެ. އަދި އަނެއް ސެމީގައި ވާދަކުރާނީ ބްރެޑްފޯޑް ސިޓީ އާއި އެސްޓަން ވިލާ އެވެ.