ދުނިޔޭގެ ރީތީގެ ރާނީ "މިސް ޔުނިވާސް" ހޮވުމަށް ބޭއްވި މުބާރާތް މިފަހަރު ކާމިޔާބު ކުރީ އެމެރިކާގެ ރީތީގެ ރާނީ އޮލީވިއާ ކަލްޕޯ އެވެ.

ދިހަ އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު މިސް ޔުނިވާސްގެ ތާޖު އެމެރިކާ އަށް ގެންގޮސްދިން އުމުރުން 20 އަހަރުގެ އޮލީވިއާ ކަލްޕޯއަކީ އެމެރިކާގެ ބޮސްޓަން ޔުނިވަސިޓީގެ ދަރިވަރެކެވެ.

ލަސް ވެގަސްގެ ޕްލެނެޓް ހޮލީވުޑް ކެސިނޯގައި އޮތް އެންމެ ފަހުގެ ވާދަކުރުމުގައި އެންގޯލާގެ ލައިލާ ލޯޕްސް އަތުން ތާޖު ހޯދުމުގެ ކުރިން އޮލީވިއާ ވަނީ 88 ގައުމެއްގެ ރީތީގެ ރާނީން ބަލިކޮށްފަ އެވެ.

އެމެރިކާގެ ނެޝަނަލް ބްރޯޑްކާސްޓިން ކޮމްޕެނީ (އެންބީސީއާއި) އެމެރިކާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޑޮނަލްޓް ޓްރަމްޕް ގުޅިގެން ބާއްވަމުން އަންނަ މިސް ޔުނިވާސް ހޮވުމުގެ މުބާރާތް އެމެރިކާގެ އަންހެނަކަށް މީގެ ކުރިން، އެންމެ ފަހުން ކާމިޔާބު ކުރެވިފައި ވަނީ 1997 ވަނަ އަހަރު އެވެ. އެފަހަރު މުބާރާތް ކާމިޔާބުކުރީ ބްރޫކްލީ އެވެ.

މުބާރާތުން ދެވަނަ ލިބުނީ މިސް ފިލިޕީންސް ޖެނިން ޓޫގޮނޮން އެވެ. އަދި ތިން ވަނަ ލިބުނީ މިސް ވެނެޒުއޭލާ އިރޭން ސޯފިއާ އެސާރް ކްއެންތްރޯ އަށެވެ.