ދިވެހިން ރާއްޖެއިން ބޭރަށް ގޮސް ފައިސާ ހޭދަކުރާ މިންވަރު ބެލުމަށްޓަކައި ކުރާ ސާވޭ އަނެއްކާވެސް ކުރުމަށް މޯލްޑިވުސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ނިންމައިފި އެވެ.

އެމްއެމްއޭ އިން މިއަދު ބުނީ މިދިޔަ އަހަރު ވެސް ކޮށްފައިވާ އެސާވޭ މާދަމާ އިން ފެށިގެން މިމަހުގެ 27ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު އެސާވޭއަކީ ދިވެހިންނާއި ބޭރު ފަރާތްތަކާއި މެދުކުރެވޭ އިގްތިސާދީ މުއާމަލާތްތަކާ ގުޅޭ ތަފާސް ހިސާބްތައް ތައްޔާރުކުރުމަށް ބޭނުންވާ ހިސާބުތައް އިތުރަށް ހަރުދަނާކުރުމަށް ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ބައެއް ކަމަށެވެ.

"ރާއްޖެ އިން ބޭރުން އެނބުރި ވަޑައިގަންނަވާ ދިވެހިންނަށް އަމާޒްކޮށްގެން "ދިވެހިން ރާއްޖެ އިން ބޭރު ގައުމުތަކުގައި ކުރާ ހޭދައާ ގުޅޭ ސާވޭ"އެއް މިހިނގާ ޑިސެމްބަރު މަހުގެ 21 އިން 27 އަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ކުރުމަށް ވަނީ ހަމަޖެހިފައި،" އެމްއެމްއޭ އިން ބުންޏެވެ.

އަދި ބުނީ އެސާވޭގައި މައިގަނޑު ގޮތަކަށް ބެލުމަށް ނިންމާފައި ވަނީ ދިވެހިން އެކިއެކި ކަންކަމުގައި ރާއްޖެ އިން ބޭރުގައި ފައިސާ ހޭދަކުރާ މިންވަރަށް ކަމަށާއި އަދި ވަކި ވަކި ފަރުދުންނާއި ގުޅޭ ގޮތުން އެސާވޭގައި އެއްކުރެވޭ މައުލޫމާތް އެގޭގޮތަށް ޝާއިރު ނުކުރެވޭ ކަމަށެވެ. އެހެންކަމުން އެސާވޭ އަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭ އިން އެދެއެވެ.