ދިވެހިން ރާއްޖެ އިން ބޭރަށް ގޮސް ފައިސާ ހޭދަކުރާ މިންވަރު ބެލުމަށްޓަކައި ސާވޭއެއް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމައިފި އެވެ.

އެމްއެމްއޭ އިން މިއަދު ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 27ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެސާވޭއަކީ ދިވެހިންނާއި ބޭރު ފަރާތްތަކާއި މެދުކުރެވޭ އިގްތިސާދީ މުއާމަލާތްތަކާ ގުޅޭ ތަފާސްހިސާބްތައް ތައްޔާރުކުރުމަށް ބޭނުންވާ ހިސާބުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ބައެއް ކަމަށެވެ.

"ރާއްޖެ އިން ބޭރުން އެނބުރި ވަޑައިގަންނަވާ ދިވެހިންނަށް އަމާޒްކޮށްގެން "ދިވެހިން ރާއްޖެ އިން ބޭރުގައު ކުރާ ހޭދައާ ގުޅޭ ސާވޭ"އެއް މިހިނގާ ޑިސެމްބަރު މަހުގެ 21 އިން 27 އަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ކުރުމަށް ވަނީ ހަމަޖެހިފައި" އެމްއެމްއޭ އިން ބުންޏެވެ.

އަދި ބުނީ އެ ސާވޭގައި މައިގަނޑު ގޮތަކަށް ބެލުމަށް ނިންމާފައި ވަނީ ދިވެހިން އެކިއެކި ކަންކަމުގައި ރާއްޖެ އިން ބޭރުގައި ފައިސާ ހޭދަކުރާ މިންވަރު ބެލުން ކަމަށާއި އަދި ވަކި ވަކި ފަރުދުންނާ ގުޅޭ ގޮތުން އެ ސާވޭގައި އެއްކުރާ މައުލޫމާތު ޝާއިރު ނުކުރެވޭ ކަމަށެވެ.