20 Dec 2012, 10:39
ދެކުނުގެ ހަތަރު އަތޮޅާއި ހުޅުމާލޭގައި 1500 ހައުސިން ޔުނިޓް އަޅުމަށް ޗައިނާގެ އެގްޒިމް ބޭންކުން 982،500،000 ޔުއާން ރެންމިންބީ (154.3 މިލިއަން ޑޮލަރު ނުވަތަ 2.4 ބިލިއަން ރުފިޔާ)ގެ ލޯނު ދިވެހި ސަރުކާރަށް ނެގުމުގެ ހުއްދަ މަޖިލީހުން ދިނުމަށް މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.
އެ ލޯނަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނެގުމަށް މަޖިލީހަށް ހުށަހެޅި މައްސަލައެކެވެ. ނަމަވެސް ލޯނުގެ ތަފްސީލްގެ ތެރެއިން ބައެއް މައުލޫމާތު މަދުވެގެން، ކޮމެޓީން ހޯދި ހޯދުމުން، ބައެއް މައުލޫމާތު ބަދަލުވެފައިވާތީ އެ މައްސަލަ ކޮމެޓީން ދިރާސާ ކުރި އެވެ.
މިއަހަރުގެ ބަޖެޓް ފާސްކުރި އިރު ޑިސެންބަރު 29، 2011ގައި މަޖިލީހުން ފާސްކުރި ލޯނުތަކުގެ ތަފްސީލްތަކުގައި ވާގޮތުން 1500 ހައުސިން ޔުނިޓް އަޅަނީ ހަމައެކަނި ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ގދ. އަތޮޅާއި ގއ. އަތޮޅުގަ އެވެ. ނަމަވެސް އެ ލޯނުގެ ދަށުން އަޅާ 1500 ހައުސިން ޔުނިޓްގެ ތެރެއިން 704 ޔުނިޓް ހުޅުމާލޭގައި އެޅުމަށް ފިނޭންސުން ކޮމެޓީ އަށް އަންގާފައިވެ އެވެ. އަދި އެގޮތަށް ކޮމެޓީގެ މެންބަރުން އެކަމަށް އިއްތިފާގުވި އެވެ.
ހަތަރު އަތޮޅާއި ހުޅުމާލޭގައި 1500 ހައުސިން ޔުނިޓް އެޅުމަށް ޓަކައި ލޯނު ނެގުމުގެ ހުއްދަ މަޖިލީހުން ހޯދުމަށް ޓަކައި ކޮމެޓީން ވަނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްޔެ ފޮނުވައިފަ އެވެ. ނަމަވެސް އަދި އެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެ އެވެ.
އެގްޒިމް ބޭންކުން ނަގާ ލޯނަކީ 20 އަހަރު ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރާ ގޮތަށް ނަގާ ލޯނެކެވެ. ލޯނު ފައިސާ އެކީ ޑިސްބާސްކޮށް ނިމުމުން ގްރޭސް ޕީރިއަޑްގައި އަހަރަކު 17.74 މިލިއަން ޔުއާން (2.3 މިލިއަން ޑޮލަރު ނުވަތަ 35.5 މިލިއަން ރުފިޔާ) އިންޓަރެސްޓްގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭނެ އެވެ. ލޯނު ދައްކާ ނިންމަން ޖެހޭ އަހަރު ކަމުގައިވާ 2033 ވަނަ އަހަރާ ހަމަޔަށް 183.14 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ) ދައުލަތުން ދައްކަންޖެހޭނެ އެވެ.
ލޯނުގެ ދަށުން ހައުސިން ޔުނިޓް އަޅާ ހަތަރު އަތޮޅުގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ ހިތަދު އާއި ހުޅުމީދު އާއި ފުވައްމުލަކާއި ގއ. ވިލިނގިލިއްޔާއި ގދ. ގައްދު އާއި ގދ. ތިނަދު އާއި ގދ. ހޯޑެއްދު އާއި ގދ. މަޑެވެއްޔެވެ.
ލޯނު ނެގުމުގެ ހުއްދަ ސަރުކާރަށް ލިބޭނީ ލޯނު ނެގުމަށް ޓަކައި މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ރިޕޯޓް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.