20 Dec 2012, 10:09
ރާއްޖޭގެ ފުލުހުން އިންސާނީ ހައްގުތަކާ ހިލާފު ކަންތައްތައް ހިންގާ ކަމަށާއި އެކަންތައްތައް ރަނގަޅު ކުރުމަށް އިނގިރޭސި ސަރުކާރުން ރާއްޖެ އަށް ބާރުއަޅާނެ ކަމަށް އިނގިރޭސި ނޫހަކުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން އިއްޔެ ބުނީ ރާއްޖޭގެ ފުލުހުންނާއި އިނގިރޭސި ފުލުހުންނާ ދެމެދު އޮތް ގާތް ގުޅުން، އެނޫހުން ތަހުގީގު ކުރުމުން، އެކަމުގެ ކަންބޮޑުވުން މިނިސްޓަރުން ފޮރިން އޮފީހަށް ހުށައަޅުއްވާފައިވާ ކަމަށެވެ.
އަދި ބުނީ އެކަންތައްތަކާ ގުޅިގެން އިނގިރޭސިވިލާތުގެ ޕާލަމެންޓް މެމްބަރު އަދި ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ޕާލަމެންޓްރީ އަންޑަ ސެކްރެޓަރީ އެލިސްޓެއާ ބާޓް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
އިދިކޮޅު ޕާލަމެންޓް މެމްބަރުންނަށް އަނިޔާ ކުރާ ކަމަށާއި ޑިމޮކްރަސީ އެކްޓިވިސްޓުން ގިނަ އަދަދަކަށް ހައްޔަރު ކުރާ ކަމަށް ތުހުމަތު ކުރާ މައްސަލާގައި، އަންނަ މަހު އެލިސްޓެއާ ބާޓް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ބާރު އަޅުއްވާނެ ކަމަށް ނޫހުގައިވެ އެވެ.
ކަމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ހިމެނިވަޑައިގަންނަވާ ގޮތުން ރާއްޖޭގެ ފުލުހުންގެ 77 އޮފިސަރަކު ތަމްރީނުކޮށްފައި ވަނީ ސްކޮޓިޝް ޕޮލިސް ކޮލެޖުން ކަން ގާޑިއަން ނޫހުން ހޯދުމުން އިނގިރޭސި ޕާލަމެންޓް މެމްބަރުންނާއި ސްކޮޓިޝް ޕާލަމެންޓް މެމްބަރުން، އިނގިރޭސި ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގަށް ސުވާލުތައް ކުރިމަތިކުރުވާފައިވާ ކަމަށް ވެސް އެނޫހުގައިވެ އެވެ.
ގާޑިއަން އިން އަދި ބުނީ ރާއްޖޭގެ ފުލުހުންގެ ފެންވަރު ރަނގަޅު ކުރުމަށް ސްކޮޓިޝް ޕޮލިސް ކޮލެޖުން ޑިގްރީ ކޯސްތައް ހިންގަން ނިންމާފައިވާ ކަން ވެސް އެނޫހަށް އެނގިފައިވާ ކަމަށެވެ.
ސްކޮޓިޝް ޕާލަމެންޓްގެ މެމްބަރެއް ކަމަށްވާ ޖޯން ފިނީ ވިދާޅުވި ކަމަށް ނޫހުގައި ވަނީ ރާއްޖެ އަށް ޑިމޮކްރަސީ އަލުން ގެންނަން ދެން ރާއްޖެއާ އެކު ހަދާފައިވާ ތަމްރީނު ކުރުމުގެ އެއްބަސްވުމާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެން އޭނާ ވިލިއަމް ހޭގަށް ސިޓީއެއް ލިއުއްވާފައި ވާނެ ކަމަށެވެ.
އަނިޔާވެރި ސަރުކާރުތައް އޮންނަ ގައުމުތަކުގެ ފުލުހުންނަށް ކޮލެޖް ޓްރޭނިން ދިނުން ހުއްޓުވެން އޮތްތޯ ސްކޮޓްލޭންޑްގެ ޖަސްޓިސް ސެކްރެޓަރީ މެކް އަސްކިލް އަށް ވެސް ދަންނަވާފައި ވާނެ ކަމަށް ފިނީ އާ ހަވާލާދީ ނޫހުގައިވެ އެވެ.
"ސްކޮޓިޝް ޕޮލިސް ކޮލެޖުން ބޭރުގައުމު ތަކުގެ ރައްޔިތުންނަށް ތަމްރީނު ދިނުމަކީ އަހަރެމެން އަބަދުވެސް ފަހުރުވެރިވަމުން އައި ކަމެއް. ނަމަވެސް ޕޮލިސް ކޮލެޖްގައި ތަމްރީނުވެފައިވާ މީހުން ނުވަތަ އެމީހުންގެ ދަށުން މަސައްކަތް ކުރާ މީހުން. ރައްޔިތުންނަށް އަނިޔާ ކުރާ ނަމަ، ގްރެޖުއޭޝަންގައި ފެންނަ ހިނިތުންވާ މޫނުތަކާއި ރީތިކޮށް ފްރޭމްތަކަށް ލާފައި ހުންނަ ޑިޕްލޮމާގެ އެއްވެސް އަގެއް ނެތް،" ފިނީ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.