20 Dec 2012, 10:07
މިހާރުގެ ވެރިކަމަކީ "ބަޢާވާތަކުން" އައިވެރިކަމެއް ކަމަށް ނިންމާ ވެރިކަން އިންގިލާބަކުން ބަދަލުކުރުމަށް އެމްޑީޕީން ނިންމާފައިވާ މައްސަލަ ބަލައި ދިނުމަށް އަމިއްލަ ފަރާތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެމްޑީޕީން އިންގިލާބެއް ގެންނަން ނިންމި މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައިވާތީ މިދިޔަ އަންގާރަ ދުވަހު އެކޮމިޝަނުން ބޭއްވި ނުރަސްމީ ބައްދަލުވުމަކަށް ފަހު އެކޮމިޝަނުގެ ލީގަލް ޓީމުން އެމައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.
"އެމައްސަލާގައި އެމްޑީޕީގެ ފަރާތުން ހޯދަންޖެހޭ ބަޔާންތަށް ހޯދުމާއި އެފަދަ މަސައްކަތްތަށް އަޅުގަނޑުމެން މިހާރު މިދަނީ ކުރަމުން. އަޅުގަނޑުމެންގެ ލީގަލް ސެކްޝަނުން އެކަން އެދަނީ ކޮމިޝަންގެ މެންބަރުންގެ ބެލުމުގެ ދަށުން ކުރަމުން،" ފުއާދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެމައްސަލަ އިލެކްޝަނުން ބަލަމުންދާއިރު ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން އެމްޑީޕީން ގެންނަން ނިންމި ފަދަ އިންގިލާބެއް ގެނެވޭނެތޯ ނުވަތަ ނޫންތޯ އިލެކްޝަނުން ނިންމާނެ ކަމަށާއި އަދި އެމައްސަލާގައި ލޯ ފާމްތަކުގެ ލަފާހޯދާނެކަމަށެވެ.
އެމްޑިޕީން އިންގިލާބެއް ގެންނަން ނިންމި މައްސަލަ އިލްކެޝަން ކޮމިޝަނަށް ހުށައަޅާފައިވަނީ އަމިއްލެ ފަރާތެއްކަމަށްވާ ހ. ފިނިފެންމާގެ އާގެ، އިބްރާހިމް މަނިކު އެވެ. އޭނާ ހުށައަޅަފައިވާ މައްސަލާގައި ބުނެފައިވަނީ އިންގިލާބަކުން ވެރިކަން ވައްޓާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވާ މައްސަލަ އަކީ ބަލައި ފިޔަވަޅުއަޅަން ޖެހޭނެ މައްސަލައެއް ކަމަށެވެ.