20 Dec 2012, 10:05
މިހާރު އޮތް ވެރިކަމަކީ "ބަޢާވާތަކުން" އައިސްފައިވާ ވެރިކަމެއް ކަމަށް ނިންމާ ވެރިކަން އިންގިލާބަކުން ބަދަލުކުރުމަށް އެމްޑީޕީން ނިންމާފައިވާ މައްސަލަ ބަލައި ދިނުމަށް އަމިއްލަ ފަރާތަކުން ހުށައެޅި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީން އިންގިލާބެއް ގެންނަން ނިންމި މައްސަލަ ބަލައިދިނުމަށް އެދި ހުށައެޅުމުން މިދިޔަ އަންގާރަ ދުވަހު އެކޮމިޝަނުން ބޭއްވި ނުރަސްމީ ބައްދަލުވުމަކަށް ފަހު އެކޮމިޝަނުގެ ލީގަލް ޓީމުން އެމައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
"އެމައްސަލާގައި އެމްޑީޕީގެ ފަރާތުން ހޯދަންޖެހޭ ބަޔާންތަށް ހޯދުމާއި އެފަދަ މަސައްކަތްތަށް އަޅުގަނޑުމެން މިހާރު މިދަނީ ކުރަމުން. އަޅުގަނޑުމެންގެ ލީގަލް ސެކްޝަނުން އެކަން ކުރާނަން،" ފުއާދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެމައްސަލަ އިލެކްޝަނުން ބަލަމުންދާއިރު ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން އެމްޑީޕީން ގެންނަން ނިންމި ފަދަ އިންގިލާބެއް ގެނެވޭނެތޯ ނުވަތަ ނޫންތޯ އިލެކްޝަނުން ނިންމާނެ ކަމަށާއި އަދި އެމައްސަލާގައި ލޯ ފާމްތަކުގެ ލަފާހޯދާނެކަމަށެވެ.
އެމްޑިޕީން އިންގިލާބެއް ގެންނަން ނިންމި މައްސަލަ އިލްކެޝަން ކޮމިޝަނަށް ހުށައަޅާފައިވަނީ އަމިއްލެ ފަރާތެއްކަމަށްވާ ހ. ފިނިފެންމާގެ އާގެ، އިބްރާހިމް މަނިކު އެވެ. އޭނާ ހުށައަޅަފައިވާ މައްސަލާގައި ބުނެފައިވަނީ އިންގިލާބަކުން ވެރިކަން ވައްޓާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވާ މައްސަލަ އަކީ ބަލައި ފިޔަވަޅުއަޅަން ޖެހޭނެ މައްސަލައެއް ކަމަށެވެ.