20 Dec 2012, 09:38
ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ސިއްރު ވޯޓެއް ނުނުގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާގައި ރޭ ވާހަކަފުޅު ދައްކަވަމުން ގާނޫނީ ވަކީލު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކިތަންމެ ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް ސުޕްރީމް ކޯޓުގެ ހުކުމަކާ ހިލާފަށް އަދި އެ ކޯޓުގެ އަމުރަކާ ހިލާފަށް ވެސް ރައްޔިތުންގެ މަޖިލީހުން އަމަލު ނުކުރާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑުމެން ކިތަންމެ ހިތްހަމަނުޖެހުނު ކަމަށް ވިޔަސް ސުޕްރީމް ކޯޓުގެ ހުކުމަކާއި ސުޕްރީމް ކޯޓުގެ އަމުރަކާ އަޅުގަނޑުމެން ހިލާފެއް ނުވާނެ. މި ދަންނަވަނީ ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް މަޖިލީހުގައި ސިއްރު ވޯޓު ނުނަގާނެ [ވާހަކަ]،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ޑިފެންސް މިނިސްޓަރަށް ފޮނުވާފައިވާ 14 ދުވަހުގެ ނޯޓިސްއާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ މިނިސްޓަރަށް އެ ނޯޓިސް ފޮނުވުމަކީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ އަމުރަށް ތަބާ ނުވީ ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ދެ އަމުރުގައި [ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މަގާމުން ވަކި ކުރި މައްސަލަ އާއި ސިއްރު ވޯޓުގެ މައްސަލާގައި] އޮތް ވާހަކަ ތަފާތު. ސިއްރު ވޯޓާ ގުޅޭ ގޮތުން އޮތް އަމުރުގައި މި އޮންނަނީ ސިއްރު ވޯޓު ނެގުން މަޑު ޖައްސާލާށޭ، އިތުބާރު ނެތް ކަމުގެ މަރުހަލާ އާ ގުޅޭ ގޮތުން ހިންގަން ޖެހޭ އެހެން މަރުހަލާތައް ނުހިންގާ ކަށް ނެތް." ނަޝީދު ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން ރައްޔިތުންގެ މަޖިލީހުން ވަކި ކުރި މައްސަލާގައި ސުޕްރީމް ކޯޓުން ބުނެފައި ވަނީ އެ ކޯޓަށް މީހަކު ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނުނިންމަނީސް އެކަމާ ބެހޭ އެއްވެސް ކަމެއް ނުކުރުމަށެވެ.
ރައީސުލްޖުމްހޫރީއްޔާ އާއި ވަޒީރުންގެ އިތުބާރުގެ މައްސަލަތަކުގައި ނަގާ ވޯޓުތައް ސިއްރު ކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ އެ ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގައި ހުޅުވާލެވިފައިވާ މާހައުލެއްގައި މެންބަރުންގެ މެދުގައި ބަހުސް ކުރެވިގެން މަޖިލީހުން ނިންމާފައިވާ ނިންމުމެއް ކަމަށާއި އެހެން ކަމުން މަޖިލީހުގެ އެ ނިންމުން ބާތިލު ކުރުމުގެ އަމުރެއް ނުވަތަ އޭގެ މަށްޗަށް އެއްވެސް އަމުރެއް ސުޕްރީމް ކޯޓަށް ނެރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ފަރުދެއްގެ ހައިސިއްޔަތުން ގަބޫލެއް ނުކުރަން ސުޕްރީމް ކޯޓުން މި މައްސަލާގައި މިގޮތަށް އަމުރު ނެރެވިދާނެ ކަމަށް. އަޅުގަނޑު މިދަންނަވަނީ މަޖިލީހަށް ދީފައި އޮތް އިހްތިޔާރެކޭ ރައީސް އަދި ނައިބް ރައީސް ވަކިކުރުމުގައި އަމަލު ކުރަންވާ ގޮތް ކަނޑައެޅުން، ގާނޫނު އަސާސީގެ 100 ވަނަ މާއްދާ އިން. ރައްޔިތުންގެ މަޖިލީހަށް އެ ލިބިދޭ އިހްތިޔާރުގެ ބޭނުންކޮށްގެން ސިއްރު ވޯޓު ނެގުމަށް ނިންމި ނިންމުމަކީ މަޖިލީހުގެ ނިންމުމެއް. އެ ޑިޒިޝަންއަކީ މަޖިލީހުން ނަަގާ ޑީޒިޝަން އެއް." ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެގޮތަށް އެކަން ނިންމީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ހުޅުވާލެވިފައިވާ މާހައުލެއްގައި މެންބަރުގެ މެދުގައި ބަހުސް ކުރެވިގެން ކަމަށާއި އެހެން ކަމުން މަޖިލީހުގެ އެ ނިންމުމަކީ ގާނޫނު ސާސީއާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވާތީ މަޖިލީހުގެ މައްޗަށް މިހާރު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ނެރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ އަމުރަކީ ގާނޫނު އަސާސީއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ވިޔަސް އަދި ގާނޫނު އަސާސީއާ އެއްގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ވިޔަސް ސުޕްރީމް ކޯޓުގެ އެ އަމުރު މަޖިލީހުގެ މައްޗަށް އޮތްހާ ހިނދަކު ސިއްރު ވޯޓު ނެގުމުގެ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.