20 Dec 2012, 09:30
ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު އަވަހާރަކޮށްލުމުގެ ކުށް ސާބިތުވުމުން މެރުމަށް ހުކުމް ކޮށްފައިވާ ށ. ގޮއިދޫ ރިހާބު، ފާތިމަތު ހަނާ އެ ހުކުމް އިސްތިއުނާފު ކޮށްފި އެވެ.
ހައިކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުން ހަނާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އެ ކޯޓަށް ހުށަހަޅާފައި ވަނީ ހަނާކަމަށާއި އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކިގޮތެއް އަދި ނިންމާފައި ނުވާކަމަށެވެ.
ނަޖީބު އަވަހާރަކޮށްލި މައްސަލައާގުޅިގެން ހަނާގެ މައްޗަށް ދައުލަތުން ކުރި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ޝަރީއަތުގެ މަޖިލީީހުގައި އޭނާ ދައުވާއަށް އިއުތިރާފުމުންނެވެ. އަދި ތަހުގީގު މަރުހަލާގައި ވެސް އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.
ނަޖީބު މަރާލާފައި ވަނީ ހަނާގެ ލޯބިވެރިޔާ އަހުމަދު މުއްރަތާ ދެމީހުން ބައިވެރިވެގެން މުއްރަތުގެ ގެ ކަމަށްވާ މ. މަސްރޫރާގޭގައި އެ ދެ މީހުން ދިރިއުޅޭ ކޮޓަރިތެރޭގަ އެވެ.
ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ މަސްރޫރާ ގޭގައި ހަނާއާއި މުއްރަތު ދިރިއުޅޭ ކޮޓަރިއަށް ޖޫން 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނަޖީބު ވެއްދުމަށް ފަހު އެ ކޮޓަރީގެ ގޮނޑިއެއްގައި އޭނާ ބޭންދުމަށް ފަހު ނަޖީބުގެ ދެ މޯބައިލް ފޯނު އަތުލައި އޭނާގެ ވޮލެޓުގައި ހުރި ފައިސާއާއި ކޭޝްކާޑް ނަގައި އޭގެ ޕިން ނަންބަރު ނަޖީބުގެ އަތުން އެ ދެ މީހުން ހޯދާފައިވާކަމަށެވެ.
އަދި އޭގެ ފަހުން ނަޖީބުގެ އަނގަޔަށް ފޮތިގަނޑެއް ލައި އޭނާއަށް އެއްވެސް ތަނެއް ނުފެންނާނެ ހެން މުޅި މޫނުމަތީގައި ޓޭޕްއަޅައި ކޮޓަރީގައި ނަޖީބު ބޭންދުމަށްފަހު އޭނާގެ ކޭޝްކާޑް ބޭނުންކޮށްގެން ފައިސާ ނެގުމަށް ފަހު އެފައިސާއަށް މުއްރަތު މަސްތުވާތަކެތި ގަނެފައިވާކަމަށް ވެސް ހުކުމްގައި ވެއެވެ.
މަސްތުވާތަކެތި ގަނެގެން އެނބުރި އެގެއަށް ގޮސް ބަނގުރަލާއި ހިކި މަސްތުވާތަކެތި ބޭނުންކުރުމަށް ފަހު ހަނާއާއި މުއްރަތު ވަޅިން ނަޖީބަށް ހަމަލާދީ މަރާލާފައިވާކަން މުއްރަތު ޝަރީއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފުންނާއި ނަޖީބު ބަނުމުގައި އެހީތެރިވެފައި ވާނެކަމަށް ޝަރީއަތުގައި ހަނާ ވެފައިވާ އިއުތިރާފަށް ބަލާއިރު އެ ދެ މީހުން ގަސްތުގައި ނަޖީބު މަރާލާފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށްވެސް ކްރިމިނަލް ކޯޓުގެހުކުމުގައިވެ އެވެ.
ނަޖީބު މަރާލުމުގެ ކުއްސާބިތުވާ ހަނާގެ ލޯބިވެރިޔާ، މުއްރަތު އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގެ ކުރި ހުކުމް އަދި އިސްތިއުނާފުކޮށްފައެއްނުވެ އެވެ.