މާލޭގައި ހިންގަމުން ދިޔަ ބިއުޓީ ސެލޫނެއްގެ ތެރޭގައި ހަށި ވިއްކަމުންދިޔަ ހަތަރު ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޢުމުރުން 21 އަހަރުގެ އަންހެނަކާއި 27 އަހަރުގެ އަންހެނަކާއި 45 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފައިސާ އަށް ހަށިވިއްކަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ސިރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓުމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ރޭ 21:30 ހާއިރު ގ. ލާމިހިޔާގޭގެ 1 ވަނަ ފަންގިފިލާގައި ހުންނަ އާޓިސްޓިކާ ބިޔުޓި ސެލޫން ނަމަކަށް ކިޔާ ތަނަކުން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ވަދެ އެތަން ބަލައި ފާސްކުރި އިރު އެތާނގެ ކޮޓަރިއެއްގެ ތެރޭގައި ބައެއް މީހުން ތިބީ ބަރަހަނާ ހާލުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ޖިންސީ ގުޅުން ހިންގަން ބޭނުންކުރާ ޒާތުގެ ބައެއް ސާމާނު ވެސް އެތަނުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހްގީގު ކުރަމުންނެވެ.