20 Dec 2012, 00:02
އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓްގައި ހިމަނާފައިވާ ޕީއެސްއައިޕީ ޕްރޮގްރާމްތަކަކީ ގައުމީ ނަޒަރަކުން ރާއްޖެ ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ މަޝްރޫއުތަކެއް ނޫން ކަމަށާއި އެ މަޝްރޫއުތަކަކީ ކުރިއަށް ގެންދެވިގެންވާނެ މަޝްރޫއުތަކެއް ނޫންކަމަށް އޮޑިޓާ ޖެނެރަލް މަޖިލީހަށް ލަފާދެއްވައިފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މަޖިލީހަށް މިއަދު ފޮނުއްވާ އެ އޮފީހުގެ ވެބްސައިޓްގައި އާންމު ކުރައްވާފައިވާ ލަފާގައިވަނީ އަންނަ އަހަރަށް އެކަނިވެސް ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގުމަށް 1016 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް އެ ޕްރޮގްރާމްތައް ހިންގަން ގަސްތުކޮށްފައިވަނީ ގައުމުގެ ތަރައްގީގެ އެއްވެސް ޕްލޭނެއް ނެތި ވަކިވަކި ރަށްރަށުގެ މައްސަލަތައް ހައްލުކުރާ އުސޫލުން ކަމަށާއި ފަޅުކޮނުމާއި ތޮށިލުމާއި ބިންހިއްކުން އަދި އެ ނޫންވެސް ޕްރޮގްރާމްތައް ރޭވިފައި ހުރީ އެގޮތަށް ކަމަށެވެ.
"އަދި 2013 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާފައިވާ މަޝްރޫއުތަކަކީ ގައުމީ ނަޒަރަކުން ރާއްޖެތަރައްގީ ކުރުމަށް ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލެއް ނޫން ކަމާއި ގިނަ މަޝްރޫއުތަކަކީ ވަކިވަކި ރަށްރަށުގައ ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކެއް ކަމަށެވެ،" ރިޕޯޓްގައިވެ އެވެ. "އެހެންކަމުން ގައުމީ ތަރައްގީގެ ޕްލޭނަކާއި އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ޕްލޭނެއް އެކުލަވާ ނުލައްވާ، 2013 ވަނަ އަހަރު އަލަށްފެށުމަށް ހުށަހަޅުއްވާފައިވާ މަޝްރޫއުތައް ހިންގުމަކީ އިގްތިސޯދީ ގޮތުންނާއި ގައުމުގެ ތަރައްގީ އާއި ދައުލަތުގެ މާލީ ނިޒާމް ދެމެހެއްޓެނިވި މަގަކަށް އެޅުވުމުގެ ނަޒަރަކުން ބަލާއިރު ފައްޓަވައިގެން ކުރިއަށްގެންދަވައިގެންވާނެ ކަމެއް ނޫންކަމަށް މި އޮފީހުންދެކެމެވެ،"
ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތައް ފަރުމާކުރެވިފައިވަނީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ވިސްނުމުގައި ކަމަށް ބަޖެޓްގައި ބުނެފައި ވީ ނަމަވެސް އެ މަޝްރޫއުތައް ރޭވިފައި ހުރީ އަމާޒަށް ބެލިގެން ނޫންކަންވެސް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ޕްލޭނެއް ނެތި އެކުލަވާލާފައިވާ ޕީއައިސްއައިޕީ ޕްރޮގްރާމްތައް ހެދިފައި ހުރީއިރު އޭގެތެރެއިން މަގުހެދުމާއި ބަދަރުހެދުމުގެ ގިނަ މަޝްރޫއުތަކެއް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާވާފައިވާތީ އެކަމާ މެދުވެސް އޮޑިޓާ ޖެނެރަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ ޕީއެސްއައިޕީ ޕްރޮގްރާމްތައްވެސް ބަޖެޓްގައި ހިމެނާފައި ނުވާތީ އެ މައްސަލައިގައިވެސް ލަފާގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އަންނަ އަހަރާއި އަޅާބަލާއިރު ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ބޮޑުވުމާއި ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ ފައިސާ ލިބޭނެ ޔަގީންކަމެއް ނެތުން ފަދަ މައްސަލަތައް ވަނީ އޮޑިޓާ ޖެނެރަލް ފެންމަތިކުރައްވައިފަ އެވެ.
އަދި ދައުލަތުގެ ބަޖެޓުގެ ކޭޝްފްލޯގެ ބޮޑުބައެއް މެނޭޖްކުރަމުން އަންނަނީ އެސްޓީއޯއިން ލިބޭ ފައިސާގެ މައްޗަށް ބަރޯސާވެގެންކަން ފާހަގަ ކުރައްވާ އެކަންތައްތައް ހުއްޓާލެއްވުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާއަރުއްވައިފަ އެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކުން އެސްޓީއޯއިން ފައިސާ ނަގަމުން ގޮސް އެސްޓީއޯއަށް ދައްކަން ޖެހޭ 400.8 މިލިއަން ރުފިޔާ ދައްކަން އޮތް އިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން 507.3 މިލިއަން ރުފިޔާ ދައްކަން އޮތް ކަމަށާއި އަދި ފިއުލް ސަޕްލައިއިން 521.7 މިލިއަން ރުފިޔާ އެސްޓީއަށް ދައްކަން ޖެހޭ ކަމަށްވެސް ރިޕޯޓްގައިވެ އެވެ. އަދި އާސަންދައިން 23.5 މިލިއަން ރުފިޔާއަށްވެސް އެސްޓީއޯއަށް ދޭންޖެހެ އެވެ. ދައުލަތުގެ ބަޖެޓް މެނޭޖްކުރުމަށް މުޅި ޖުމްލަ އެސްޓީއޯއިން 1.5 ބިލިއަން ރުފިޔާ ވަނީ ނަގާފަ އެވެ.