19 Dec 2012, 23:54
ލަންޑަން (19 ޑިސެންބަރު) - އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލް އަށް ކުޅެމުން ގެންދާ ފަސް ކުޅުންތެރިޔަކު އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް ދިގު މުއްދަތަކަށް އާކޮށްފި އެވެ.
ކޮންޓްރެކްޓް އާކުރި ކުޅުންތެރިންގެ ތެރެއިން ފަނަރަ މަސް ދުވަސް ވަންދެން އަނިޔާގައި ހުރުމަށް ފަހު އޮކްޓޫބަރު މަސްތެރޭގައި އެނބުރި ކުޅުމަށް އައި އެޓީމުގެ ޒުވާން މިޑްފީލްޑަރ ޖެކް ވިލްޝެއާ، 20، ވަނީ ޓީމާ އެކު 2018 ވަނަ އަހަރާ ހަމައަށް ހުރުމަށް ސޮއިކޮށްފަ އެވެ.
މީގެ އިތުރުން އެ ޓީމުގެ ޑިފެންޑަރު ކިއެރަން ގިބްސް، 23، އާއި މިޑްފީލްޑަރު އާރޮން ރަމްސީ، 21، އާއި ވިންގާ އެލެކްސް-އޮކްސްލޭޑް ޗެމްބަލިން 19، އަދި ޑިފެންޑަރު ކާލް ޖެންކިންސަން، 20، މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ އިތުރު ހަތަރު އަހަރާއި ބައިގެ މުއްދަތަށް ސޮއިކޮށްފަ އެވެ.
މި ފަސް ކުޅުންތެރިން މުއްދަތު އިތުރު ކުރުމުން ޓީމުގެ ކޯޗު އާސީން ވެންގާ، 63، ބުނީ "އަހަރެން ދެކޭ ގޮތުގައި ޓީމުގެ އެންމެ މުހިއްމު މަގާމުތަކުގައި އިނގިރޭސި ކުޅުންތެރިން ތަކެއް ތިބުމަކީ ޓީމު އެކުގައި ގެންގުޅެން ފަސޭހަ ވެގެން ދާނެ ކަމެއް" ކަމަށެވެ. އަދި "މި ޒުވާން ފަސްކުޅުންތެރިން ޓީމުގައި އިތުރު ދުވަސްތަކެއް ހޭދަކުރުމަށް އެއްބަސް ވުމުން އަހަރުމެން މިތިބީ ވަރަށް ބޮޑަށް އުފަލުން" ވެންގާ ބުންޏެވެ.
އާސެނަލް އަށް ސޯޅަ ވަރަކަށް އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތްކޮށް އެޓީމަށް ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިދިން ތަޖުރިބާ ކާރު ކޯޗު ބުނީ "އަހަރެމެން ރާވާފައި މިވަނީ ވަރުގަދަ ޒުވާން ޓީމެއް އެކުލަވާލައި، އެކުޅުންތެރިން ޓީމުގައި ތިބެގެން އެމީހުންގެ ހުނަރުތަށް ތަރަށްގީ ކުރެވޭނޭ ގޮތެއް ހެދުން" ކަމަށެވެ.
އަދި އޭނާ އުއްމީދު ކުރަނީ މިހާރު ކޮންޓްރެކްޓްގެ މުއްދަތު ހަމަވާން ކުޑަ ދުވަސްކޮޅަކަށް ވެފައިވާ އެ ޓީމުގެ އެންމެ މުހިއްމު އެއް ފޯވަޑު ތިއޯ ޖޭމްސް ވޮލްކަޓް، 23، ވެސް މިކުޅުންތެރިން ނާއި އެކު އާ ކޮންޓްރެކްޓެއްގައި ސޮއި ކުރާނެ ކަމަށެވެ.
އިނގިރޭސި ޒުވާން ފޯވަޑް ވޮލްކަޓް އާސެނަލް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ ޖޫން 2013ގެ ނިޔަލަށެވެ. އެހެން ކަމުން މިހާރުވެސް އިނގިރޭސި ބޮޑެތި ކުލަބުތައް ކަމަށްވާ ޗެލްސީ، ލިވަޕޫލް އަދި މަންޗެސްޓާގެ ދެކުލަބުން ވެސް ދަނީ ތިއޯ ހޯދުމަށް ކަޅި އަޅަމުންނެވެ.