ބައެއް ކަހަލަ މަގުތަކަކީ އެކަނި ހިންގަވަން ހުންނަ މަގުތަކެއް ނޫން ކަމަށް ވިދާޅުވެ ކައިރި މުސްތަގުބަލެއްގައި ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމަށް ގަސްތު ކުރައްވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދި ޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލް ވެސް މިހާރު ރައްޔިތުންގެ މަޖިލީހުން ނިމުމަކަށް އަންނަ ކަމަށާއި އަދި އަންނަ އަހަރަކީ ރިޔާސީ އިންތިހާބު ވެސް އޮންނާނެ އަހަރަށް ވާތީ ސިޔާސީ ކަންކަމުގައި ކުރިއަށް ވަޑައިގަތުމަށް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އޭނާ ކުޅުދުއްފުށީ ދެކުނު ދާއިރާ އަށް ކުރިމަތި ލެއްވީ އޭރު ޑީއާރުޕީ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ވިއަސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. އަދި ކުޅުދުއްފުށީގެ ރައްޔިތުންގެ އަރިހުގައި އޭރު ދަންނަވާފައި ވާނީ ވެސް އެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު ވަރަކަށް އަހަރު އެ ގޮތުގައި މަސައްކަތް ކުރެއްވިއްޖެ ކަމަށާއި ކައިރި މުސްތަގުބަލެއްގައި ޕާޓީއަކާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

"ދެން އާ ސަފުހާއެއް ހުޅުވެން 2013 އަށް ދާއިރުގައި ބައެއް ކަހަލަ މަގުތަކަކީ... އެކަނި ހިނގޭނެ މަގުތަކެއް ނޫން. އަނެއްކާ މައިގަނޑު ގޮތެއްގައި ރާއްޖެ ސިޔާސީ ފިކުރުތަކަށް ބިނާވާކަން ވަރަށް ރީތިކޮށް ފެންނަމުން އެބަދޭ. އެހެންވީމާ ކޮންމެ ގޮތަކަސް ޕާޓީއެއް އިހުތިޔާރު ކުރުމަކީ އަވަހަށް ކުރަން ޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން." ނަޝީދު ވިދާޅުވި އެވެ.

އެއްވެސް ބޭފުޅެއްގެ ރަނިން މޭޓެއްގެ ގޮތުގައި އަންނަ އަހަރު ފެނިދާނެތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ އޭނާ ވެސް "ބޮޑު މަންޒަރުގެ ތެރެއިން" ފެންނާނެ ކަމަށެވެ. ނަމަވެސް އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
ނަޝީދު ގުޅިވަޑައިގަންނަވާނީ ކޮން ޕާޓީއަކާ ކަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ އިދިކޮޅު އެމްޑީޕީން ފެނުމަކީ ނާދިރު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރުގެ އިންތިހާބުގައި އެމްޑީޕީ އެއްކޮޅުން ވާން ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެމްޑީޕީ އަށް ވެރިކަން ލިބުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ ފުރަތަމަ ބުރުން އެއްވެސް ޕާޓީއަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ދެ ވަނަ ބުރަށް ދިޔަސް، މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެއްވެސް ބަޔަކު އެމްޑީޕީއާ ގުޅުމަކީ ނާދިރު ކަމެއް ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެސް ސިޔާސީ އީކުއޭޝަނުގައި ބޮޑު ބައެއް ކުޅުއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ސިޔާސީ ރޭހުން އެ މަނިކުފާނު ފެންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.