26 Sep 2010, 08:12
ހދ. ނޭކުރެންދޫގައި ބޭބެ މަރާލި މީހާ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ޖިނާއީ ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނަނީ ނޭކުރެންދޫ ސޯސަންމާގޭ، ސައީދު ހުސެއިން އޭނާގެ ބޭބެ އުމަރު ހުސެއިނަށް ވަޅިން ހަމަލާދީ ކަރުގެ ލޭނާރުތައް ބުރިކޮށްލައި މާރާލާފައި ވާތީ އެކަމުގެ އަދަބެއްގެ ގޮތުން 25 އަހަރަށް ޖަލަށްލައި ތައުބާވެ ކައްފާރާގެ ގޮތުގައި ވިދިވިދެގެން ދެ މަހު ރޯދަ ހިފުމަށް ހުކުމް ކުރީ ކަމަށެވެ.
މި ހުކުމް ކޮށްފައި ވަނީ ސައީދު ހުސައިންގެ އިއުތިރާފުންނާއި ހެކިންނާއި ޑޮކްޓަރު ޝަރީއަތަށް ދެއްވެވި ބަޔާނުގެ މައްޗަށް ރިޔާއަތްކޮށެވެ. މީގެ އިތުރުން ސައީދު ހުސައިން ވަޅި ހެރި ކަމަށާއި ނަމަވެސް އެއީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށް ބުނި ނަމަވެސް ޝަރީއަތަށް އެކަން ގަބޫލު ނުކުރެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ސައީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި ދައުވާގައި ބުނަނީ އޮކްޓޯބަރު 30، 2009 ގައި ސައީދު އޭނާގެ ބޭބެ އުމަރު ހުސެއިންގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިއަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން އުމަރަށް ލިބުނު އަނިޔާތަކުގައި އޭނާ މަރުވެފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ. އެހެންކަމުން ސައީދު ހުސެއިންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލީ ކަމަށް ދައުވާގައިވެ އެވެ.
ޝަރީއަތުގައި ނޭކުރެންދޫ ސިއްހީ މަރުކަޒުގެ ޑރ. ތަންކަން ގުމަރު ވިދާޅުވީ އޮކްޓޯބަރު މަހުގެ ހަމަލާގެ ފަހުން އުމަރު ގޭގައި އޮއްވައި ވެސް އޭނާ އުމަރު ބެއްލެވި ކަމަށާއި އޭރު ވެސް އުމަރު އޮތީ މަރުވެފައި ކަމަށެވެ. އަދި އުމަރު މަރުވީ އޭނާގެ ކޮއްކޮ ސައީދު ހުސެއިން ދިން ހަމަލާއާ ގުޅިގެން ކަރުން ވަރަށް ގިނަ އަދަދަކަށް ލޭ ފޭބުގެ ސަބަބުން ކަމަށް ވެސް އެ ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.
ސައީދު އޭނާގެ ބޭބެ އަށް ހަމަލާދިނީ އެ ދެ މީހުންގެ މަންމަގެ ގައިގައި އުމަރު ތަޅައިގަތް ތަން ފެނުމުން ކަމަށްވެ އެވެ.