10:00


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައިސްލެންޑުގެ ރައީސް އޮލަވުރު ރަގްނާ ގްރިމްސަންއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.


އައިސްލެންޑުގެ ރައީސްގެ ރަސްމީ ގެކޮޅުގައި އިއްޔެ އޮތް އެ ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އައިސްލެންޑާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމާބެހޭގޮތުންނާއި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ރައީސް އާއި އައިސްލެންޑްގެ ރައީސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.


އެ ބައްދަލުކުރެއްވުމުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގަޔާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި އައިސްލެންޑަކީ، ވަރަށް ކުރިއަރާފައިވާ ޤައުމެއްކަން ފާހަގަކުރެއްވި އެވެ. އަދި އެ ދެ ދާއިރާގައި އައިސްލެންޑުގެ ތަޖުރިބާއާއި އެހީތެރިކަން ހޯއްދެވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަކީ، ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވި އެވެ. އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަކީ، ތަރައްޤީއަށް އެއްވެސް ހުރަހެއް އޮތް ކަމެއް ނޫންކަން އައިސްލެންޑުން ވަނީ ދައްކައިދީފައި ކަމަށާއި، ތަރައްޤީވަމުން އަންނަ ޤައުމު ތަކަށް ވެސް އައިސްލެންޑުގެ މި ތަޖުރިބާ ހިއްސާ ކުރެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވި އެވެ.


އައިސްލެންޑުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއެކު ގުޅުން އިތުރަށް ބަދަހިކުރައްވަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށާއި، މަސްވެރިކަމާއި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި ވެދެއްވެން އޮތް އެހީތެރިކަމެއް ރާއްޖެއަށް ވެދެއްވާނެ ކަމަށް ވިދާޅުވި އެވެ.


މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އައިސްލެންޑުގެ ރައީސް އޮލަވުރު ރަގްނާ ގްރިމްސަންއާ ދެބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ.