19 Dec 2012, 22:41
އިންޑިއާ އާއި ޗައިނާއާ ދެ ޤައުމަކީ މުޅި ދުނިޔޭގެ އާބާދީގެ 40 އިން ސައްތަ ހިއްސާ ކުރާ ދެ ގައުމެވެ. ޖިއޮގްރަފީއަށް ބަލައިލާ ނަމަ، މި ދެ ގައުމަކީ އޭޝިއާގެ ބިމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ. މީގެ ތެރެއިން ޗައިނާ އަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ހަތަރުވަނަޔަށް އެންމެ ބޮޑު ޤައުމެވެ. އިންޑިއާ އަކީ ދުނިޔޭގެ ހަތްވަނަޔަށް އެންމެ ބޮޑު ޤައުމެވެ. އަސްކަރީ ގޮތުން ބެލިޔަސް، އިޤްތިޞާދީ ގޮތުން ބެލިޔަސް، މި ދެ ޤައުމަކީ ދުނިޔޭގެ ބޮޑުބާރުތަކުގެ ތެރެއިން ދެ ބާރެވެ. އެހެންކަމުން މި ދެ ޤައުމަކީ އޭޝިއާގެ ބޮޑު ދެގެރި ކަމުގައި ސިފަ ކުރާން ޖެހެއެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދުގައި ސަރަހައްދީ ރޮނގާ ގުޅިގެން ވަރަށް ދިގު ތާރީޚެއް އޮތް މައްސަލަތަކެއް ނުވަތަ ޚިސާމުތަކެއް އޮތް އިރު، 1962 ވަނަ އަހަރު ދެ ގައުމު ވަނީ އެ ޚިސާމުތަކާ ހުރެ ހަނގުރާމަ ވެސް ކޮށްފައެވެ. 1967 ވަނަ އަހަރުވެސް ދެ ގައުމުގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގިއެވެ. އޭގެ ފަހުން، 1976 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި އަނެއްކާވެސް ޑިޕްލޮމެޓިކް ގުޅުން ވަނީ ޤާއިމު ކުރެވިފައެވެ. 1993 ވަނަ އަހަރުން ފެށިގެން ދެ ޤައުމުގެ މެދުގައި ގުޅުން ރަނގަޅު ކުރުމަށް ދޭތެރެދޭތެރެއިން ކަންތައްތަކެއް ކުރެވިފައި ވެސް ވެއެވެ.
މިއަދާ ހަމަޔަށް އައިއިރު، ހާލަތު އެތައް ގޮތަކުން ބަދަލުވެ، ސުލްހަވެރި ގުޅުމެއް ދެ ފަރާތުގެ ދެމެދުގައި އޮތުމުގެ ޟަރޫރަތްތެރިކަން އިތުރުކުރުވާ އައު އެތައް ސަބަބެއް ވެސް ވަނީ އުފަން ވެފައެވެ.ނަމަވެސް، އަދިވެސް ސަރަހައްދީ ރޮނގާ ބެހޭ ޚިސާމުތައް އޮތީ ހައްލު ނުކުރެވިއެވެ. އަނެއްކޮޅުން، 1993 ވަނަ އަހަރުން ފެށިގެން ބިނާކުރެވެމުން އައި ދެނެގަތުމާއި އެކުވެރިކަމުގެ ފާލަމުގެ ތަނބުތަކުގައި ރެނދުލައި، އެ ފާލަން ފުރިހަމަ ނުވަނީސް ވެއްޓިދާނޭ ކަމުގެ ނިޝާންތަކެއް ވެސް ދަނީ ފެންނަމުންނެވެ. ދާދިފަހުން މި ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ މަސްރަހުގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން، ދެ ޤައުމާއި އަދި މުޅި އޭޝިއާގެ ކުރިމަގާ ދޭތެރޭ ކުރެވޭ ސުވާލުތައް އަނެއްކާވެސް ވަނީ ތަކުރާރުވެގެން ގޮސްފައެވެ.
ޚިސާމު އުފެދިފައިވާ ސަރަހައްދުތައް
ޗައިނާ އާއި އިންޑިޔާއަކީ 2175 މޭލު ނުވަތަ 3500 ކިލޯމީޓަރުގެ ދިގު ސަރަހައްދީ ރޮނގެއް ހިއްސާ ކުރާ ދެ ޤައުމެވެ. މި ދިގު ސަރަހައްދީ ރޮނގު ދެމިފައި ވަނީ ބިމުންނެވެ. ކަނޑެއް ކޯރެއް ފެންގަނޑެއް ފަދަ އެއްޗެއް ދެ ގައުމުގެ އިން ވަކި ކުރާ ރޮނގަކު ނެތެވެ. ޗައިނާއާ އެކު ސަރަހައްދީ ރޮނގު ހިއްސާކުރާ އިންޑިއާގެ ސްޓޭޓްތަކުގެ ތެރޭގައިހިމެނެނީ އިރުމަތީގެ އަރޫނާޗަލް ޕްރަދޭޝާއި ސިއްކިމް، އަދި އުތުރުގެ އުއްތަރަކާންޑާއި ހިމާޗަލް ޕްރަދޭޝެވެ. އަނެއްކޮޅުން، ޗައިނާގެ ދެ ފަރުވިންސެއް އިންޑިއާއާ އެކު ސަރަހައްދީ ރޮނގު ހިއްސާ ކުރެއެވެ. އެއީ ޓިބެޓް، ނުވަތަ ޓިބެޓް އޮޓޮނޮމަސް ރީޖަން، ނުވަތަ ޗައިނާގެ ރަސްމީ ފަރާތްތަކުން އާއްމުކޮށް ކިޔާގޮތުން ނަމަ "ޒިޒޭންގް" ފަރުވިންސާއި، ޒިންޖިއާންގ ފަރުވިންސެވެ.
ޗައިނާ އާއި އިންޑިއާއާ ދެ ޤައުމުގެ ދެމެދުގައި އަރައިރުން އުފެދިފައި ވަނީ މައިގަނޑު ތިން ސަރަހައްދަކާ މެދުގައެވެ. އެ ތިން ސަރަހައްދަކީ އިންޑިއާގެ ސްޓޭޓެއްގެ ގޮތުގައި މިހާރު އޮތް އަރޫނާޗަލް ޕްރަދޭޝާއި، ޗައިނާގެ ބާރުގެ ދަށުގައި އޮންނަ ޓްރާންސްކަރަކޮރާމް ޓްރެކްޓާއި، ޗައިނާގެ ބާރުގެ ދަށުގައި އޮންނަ އަކްސައި ޗިނެވެ. މީގެ އިތުރަށް، އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ސިއްކިމާއި، ޗައިނާގެ ބާރުގެ ދަށުގައި އޮންނަ ޑެމްކޮކް ސަރަހައްދަކީ ވެސް ދެ ގައުމުގެ މެދުގައި އެ ސަރަހައްދުތަކެއްގެ މިލްކުވެރިކަމާ މެދު ދެބަސްވުން އޮތް ތަންތަނެވެ.
މީގެ ތެރެއިން އަރޫނާޗަލް ޕްރަދޭޝަކީ ތާރީޚީ ގޮތުން ބަލާއިރު ޗައިނާގެ ޓިބެޓުގެ ބައެކެވެ. އެ ސަރަހައްދުގެ އަހުލުވެރީންނަކީ ވެސް ޗައިނާ ނަސްލުގެ ދަރިކޮޅެއް ކަމަށްވާ "މަންޕާ" މީހުންނެވެ. އިންޑިއާއަށް އެ ސްޓޭޓް ލިބިފައި ވަނީ 1914 ވަނަ އަހަރު، ޓިބެޓް މިނިވަން ދައުލަތެއްގެ ގޮތުގައި އޮތް އިރު، އިނގިރޭސި އިންޑިއާގެ ދައުލަތާއި ޓިބެޓްގެ ދައުލަތާ ދެމެދުގައި ވެވުނު "ސިމްލާ އެކޯރޑް" އެއްބަސްވުމުގެ ދަށުންނެވެ. ޗައިނާގެ މަންދޫބުން ވެސް ބައިވެރިވި މަޝްވަރާތަކަށް ފަހު، ޗައިނާގެ މަންދޫބުން ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ދަނިކޮށް، އިނގިރޭސީންނާއި ޓިބެޓްގެ މަންދޫބުން އެކައްޗެއް ކިޔައި، "މެކްމެހޯން ލައިން" އެވެ ކިޔުނު ރޮނގަކުން އަރޫނާޗަލް ޕްރަދޭޝާއި ޓިބެޓް ވަކިކޮށް، އެ ސަރަހައްދު އިންޑިއާ އަށް ދިނެވެ. ޗައިނާ ވަކީން ބޮޑަށް ހިތްހަމަނުޖެހުނީ އަރޫނާޗަލްގެ ސަރަހައްދަށް މިހާރު ނިސްބަތްވާ، ވަރަށް މުހިއްމު ހިސާބެއް ކަމަށްވާ ޓަވާންގް ގެ މައްސަލައިގައެވެ. ޓިބެޓުގެ ބާރުގެ ދަށުގައި އޮތް ޓަވާންގަށް އިންޑިއާ ސިފައިން އަރައި، އެ ސަރަހައްދު އިންޑިއާގެ ބާރުގެ ދަށަށް ގެނައީ ކޮމިއުނިސްޓް ޗައިނާ އުފެދުނުތާ ދެ އަހަރުފަހުން، 1951 ގައެވެ.
އަކްސައި ޗިނަކީ އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރާ ގުޅިފައިވާ، އަދި ސްވިޓްޒަރލޭންޑާ ދާދި އެއްވަރުގެ ބިމެކެވެ. ނަމަވެސް މިއީ މީހުން އުޅޭ ސަރަހައްދެއް ނޫނެވެ. މިހާރު އެ ސަރަހައްދަކީ ޗައިނާގެ ޒިންޖިއާން ފަރުވިންސުގެ ބަޔަކަށް ވިޔަސް، އިންޑިއާ ދައުވާ ކުރާ ގޮތުގައި އެއީ ކަޝްމީރުގެ ލަދަޚްގެ ބައެކެވެ.
ޗައިނާގެ ބާރުގެ ދަށުގައި އޮންނަ، އެކަމަކު އިންޑިއާ އެ ބިމެއްގެ މިލްކުވެރިކަމާ މެދު ދައުވާ ކުރާ ޓްރާންސްކަރަކޮރާމް ޓްރެކްޓަކީ 1947 ގައި އިންޑިއާ އާއި ޕާކިސްތާނު ބައިބައިވެގެން ދިޔުމަށް ފަހު، ޕާކިސްތާނުގެ ބާރުގެ ދަށަށް އައި އާޒާދު ކަޝްމީރުގެ ސަރަހައްދެކެވެ. އެދުވަސްވަރު ޕާކިސްތާނާއި ޗައިނާއާ ދެމެދުގައި ވެސް ސަރަހައްދީ ރޮނގު ކަނޑައެޅުމުގެ ޚިލާފުތަކެއް އުފެދުނެވެ. ނަމަވެސް 1961 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 1962 ގައި ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލެވުނެވެ. އެ އެއްބަސްވުމުގެ ދަށުން ޗައިނާގެ ބާރުގެ ދަށުގައި އޮތް ބައެއް ތަންތަން ޕާކިސްތާނަށް ލިބުނު އިރު، ޕާކިސްތާނުން ވަނީ ޓްރާންސްކަރަކޮރާމް ޓްރެކްޓް ޗައިނާއަށް ދީފައެވެ. ޖުޣުރާފީ ގޮތުން ބަލާއިރު މިއީ ކަޝްމީރުގެ ބަޔަކަށް ވެފައި، ކަޝްމީރަކީ ތާރީޚީ ގޮތުން ހިންދުސްތާނުގެ ބަޔަކަށް ވާތީ، މިހާރުވެސް އިންޑިއާ ބުނަނީ އެ ސަރަހައްދަކީ އިންޑިއާ އަށް ލިބެން ޖެހޭ ބައެއް ކަމުގައެވެ.
1962 ގެ ހަނގުރާމަ
ސަރަހައްދީ ރޮނގުގެ މައްސަލައިގައި ޗައިނާ އާއި އިންޑިއާ ހަނގުރާމަ ކޮށްފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 1962 ވަނަ އަހަރުއެވެ. އެ ހަނގުރާމަ އަކީ ސަރަހައްދީ ރޮނގާ ގުޅިގެން ކުރެވުނު ހަނގުރާމައެއް ކަމަށް ވިޔަސް، ހަނގުރާމައަކާ ހަމަޔަށް ހާލަތު ދިޔައީ އެހެން ކަންތައްތަކެއް ވެސް ދިމާވެގެންނެވެ. އެގޮތުން އެންމެ މުހިއްމު ގޮތެއްގައި ފާހަގަ ކުރާން ޖެހޭ ކަމަކީ ޗައިނާ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ، ޓިބެޓުގެ ބުޑިސްޓް ލީޑަރު ދަލައިލާމާ 14 ވަނަ އަށް 1959 ވަނަ އަހަރު އިންޑިއާ ސަރުކާރުން ހިމާޔަތް ދިނުމެވެ.
ހަނގުރާމަ ފެށުނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު، ޗައިނާ ސިފައިން "މެކްމެހޯން ރޮނގު" ހުރަސްކޮށް އަރޫނާޗަލް ޕްރަދޭޝަށް އަރައިގަނެ، ބައެއް ތަންތަން ހިފުމުންނެވެ. އޭގެ ތެރޭގައި ޓަވާންގް ވެސް ހިމެނުނެވެ. އަކްސައި ޗިނާ ދިމާއިން ވެސް ޗައިނާގެ ސިފައިންގެ ފައުޖުތައް އިންޑިއާ އަށް އެރިއެވެ. މި ހަނގުރާމައިގައި ޗައިނާ ސިފައިންގެ މައްޗަށް އެއްވެސް މައިދާނެއްގައި އިންޑިއާ ސިފައިންނަށް ކުރިލިބިފައި ނުވާއިރު، ހަނގުރާމަ ހުއްޓުނީ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު، ޗައިނާ ސަރުކާރުން ހަނގުރާމަ ހުއްޓާލިކަން އިއުލާނުކޮށް، އެމީހުން ހިފި ހުރިހާ ސަރަހައްދަކުން ފެއިބުމުންނެވެ.
1962 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިނގި ހަނގުރާމައިގައި ޗައިނާ އަތުން އިންޑިޔާ ބަލި ވިޔަސް، އިންޑިޔާ ގަބޫލުކުރާ ގޮތުގައި އެއީ ހަގީގީ ބައްޔެއް ނޫނެވެ. އިންޑިޔާގެ މީޑިއާ އާއްމުކޮށް ބުނާގޮތުގައި އެ ފަހަރު އިންޑިއާ ބަލިވީ "އޮކްޓޯބަރުގެ ފިންޏާއި، އިންޑިޔާގެ ލަޝްކަރުގައި ހަގީގީ ހަނގުރާމަވެރީންގެ ބަދަލުގައި ލަޓޯފަޓޯ ޖަމާއަތެއް" އޮތުމުގެ ސަބަބުން، އަދި ނިއު ދިއްލީން ހަނގުރާމައިގެ މައިދާނަށް ދެވެން ޖެހޭ އިރުޝާދުތަކާއި އެހީތެރިކަން ފުރިހަމަޔަށް ފޯރުކޮށްނުދެވުމުންނެވެ.ހަމައެހެންމެ، އިންޑިއާގެ މީޑިއާ އާއްމުކޮށް ބުނާގޮތުގައި ޗައިނާ ސިފައިން ހިފި ތަންތަނުން ދާދި އަވަހަށް ފަހަތަށް ޖެހުނީވެސް ކޮންމެހެން ސުލްހަވެރިކަން އިސް ކުރުމުގެ ނިޔަތުގައެއް ނޫނެވެ. "އިންޑިޔާގެ ލަޝްކަރު އަލުން އިންތިޒާމު ކޮށްގެން، ސިޔާސީ ޒައާމަތު ނިދިން ހޭލައިގެން އަންނާނެކަން އެނގުމުން" ގަންނާކުރެއްވި ބިރުންނެވެ.
1962 ވަނަ އަހަރުގެ ހާދިސާއާ ގުޅިގެން، އިންޑިއާއިން ޓަވާންގުގައި ވަރުގަދަ އަސްކަރީ މަރުކަޒެއް ޤާއިމު ކުރިއެވެ. މިއަދާ ހަމަޔަށް ވެސް ޓަވާންގުގައި ހުންނަ އަސްކަރީ މަރުކަޒަކީ އިންޑިއާގެ އެންމެ ބޮޑު އެއް އަސްކަރީ މަރުކަޒެވެ. 80،000 މީހުންގެ އާބާދީއެއް އޮންނަ ޓަވާންގުގެ އަސްކަރީ މަޒުކަޒުގައި މިހާރުވެސް 15000 ސިފައިން ޤާއިމުވެ ތިބެއެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އިތުރު އަސްކަރީ ކުރިމަތިލުމެއް ދެފަރާތުގެ ދެމެދުގައި ހިނގައިފައެއް ނުވެއެވެ. 1976 ވަނަ އަހަރު ހިސާބެއްގެ ކުރިމަތިލުންތަކެއް ހިނގި ނަމަވެސް، އެއީ ވެސް ހަނގުރާމައެކޭ ބުނެވޭ ފަދަ ކުރިމަތިލުންތަކެއް ނޫނެވެ. 1986 ގައި މަސްރަހު ވަރަށް ބޮޑަށް ހޫނުވެ، ހަނގުރާމައެއް ފެށިދާނެހެން ހީވިއެވެ. އެ ދަނޑިވަޅާ ދިމާކޮށް، އިންޑިއާގެ ދެ ލައްކަ ސިފައިން ޓަވާންގަށް ގެންދެވުނެވެ. ނަމަވެސް އެ ފަހަރުވެސް ހަނގުރާމައަކާ ހަމަޔަށް ނުގޮސް މަސްރަހު ފިނިކުރެވުނެވެ.
ސުލްހައަށް ކުރެވުނު މަސައްކަތް
އިންޑިއާ އާއި ޗައިނާއާ ދެމެދުގައި އެކަށީގެންވާ ފަދަ ގުޅުމެއް ޤާއިމުވާން ފެށީ 1993 ވަނަ އަހަރުން ފެށިގެންނެވެ. އެއީ ދެ ޤައުމުގެ ދެމެދުގައި މައްސަލަތައް އުފެދިފައިވާ ސަރަހައްދުތަކާ ގުޅިގެން އެންމެ ފުރަތަމަ ފަހަރަށް އެއްބަސްވުމެއްގައި ސޮއިކުރެވުނު ތާރީޚެވެ. އެއީ ސަރަހައްދީ ރޮނގާ ބެހޭގޮތުން އުފެދިފައިވާ ޚިސާމުތައް ހައްލު ކުރުމުގެ އެއްބަސްވުމެއް ނޫނެވެ. އެ އެއްބަސްވުމުގެ މަޤުޞަދަކީ، ސަރަހައްދީ ރޮނގު ހުރަސްކޮށް ކުރިމަތިލުންތަކާއި ހަމަލާބަދަލުކުރުން ފަދަ ކަންކަން ނުހިނގާނޭ ފަދަ ގޮތަކަށް ކަންކަން ބޭއްވުމަށް ޓަކައި ދެ ފަރާތުގެ ދެމެދުގައި ދެނެގަތުމެއް އުފެއްދުމެވެ.
2003 ވަނަ އަހަރު، އިންޑިއާގައި ބާހރަތިޔާ ޖަނަތާ ޕާޓީގެ ކޯލިޝަން ސަރުކާރު އޮތް ދުވަސްވަރު، ދެ ޤައުމުގެ ދެމެދުގައި އޮތް މައްސަލަތައް ޙައްލު ކުރާން، އެ ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރިއެވެ. އެ މަސައްކަތްތަކުގެ ދަށުން، ދެ ޤައުމުން ވެސް އެއް ޤައުމު އަނެއް ޤައުމަށް ޚާއްސަ މަންދޫބުން ޢައްޔަންކުރިއެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް، ދެ ޤައުމުގެ ޚާއްސަ މަންދޫބުން 13 ފަހަރު ބައްދަލު ކުރައްވައިފައި ވެއެވެ. ޚާއްސަ މަންދޫބުންގެ މަސައްކަތްތަކުން 2005 ވަނަ އަހަރު ކޮންމެވެސް ކަހަލަ އެއްބަސްވުމަކާ ހަމަޔަށް ވެސް އައުދެވުނެވެ. އެއީ ސަރަހައްދީ ރޮނގުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި މަސައްކަތް ކުރާނޭ ގޮތާއި ތަބާވާނޭ އުސޫލުތަކާ މެދު އެއްބަސްވެވުނު އެއްބަސްވުމެކެވެ.
ނަމަވެސް މިގޮތުން އުފެއްދުނު ދެނެގަތުމުގެ މައްޗަށް އަނެއްކާވެސް ޝައްކާއި ވަހުމުގެ ވިލާގެ އަނދިރިކަމާއި ފުސްކަން ވެރިވެގެން ދިޔައީ، ޗައިނާއިން ކުރާން ފެށި ބައެއް ކަންތައްތަކާ ގުޅިގެންނެވެ. ޗައިނާގެ އިސް އޮފިޝަލުންނާއި ޑިޕްލޮމެޓުން، ބައެއް ފަހަރުފަހަރު ޗައިނާގެ ރަސްމީ މީޑިއާގައި ކުރައްވަމުން ގެންދެވި ކޮމެންޓުތަކަކީ މީގެ ތެރެއިން އެއް ކަންތަކެވެ. އެގޮތުން2006 ވަނަ އަހަރުގެ ތެރޭގައި އިންޑިއާ އަށް ކަނޑައަޅައިފައި ހުންނަވާ ޗައިނާގެ އެމްބެސެޑަރު ވަނީ މުޅި އަރޫނާޗަލް ޕްރަދޭޝަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ވިދާޅުވި ވިދާޅުވުން ފާހަގަ ކޮށްލެވެއެވެ. 2009 ވަނަ އަހަރުގެ ފަހުކޮޅު، ޗައިނާ ސަރުކާރުން އިންޑިއާގެ ކަޝްމީރާއި އަރޫނާޗަލްގެ ރައްޔިތުންނަށް ޚާއްސަ ވިޒާއެއް ދޭން ފެށުމަކީ ވެސް އިންޑިއާ ވަރަށް ރުޅިގަދަވި ކަމެކެވެ.
ފަހަކަށް އައިސް މަސްރަހު އިތުރަށް ހޫނުވެގެން ދިޔަ އެއް ސަބަބަކީ މި ދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި، އިންޑިއާގައި ދިރިއުޅުއްވާ ދަލައިލާމާ 14 ވަނަ، ޓަވާންގަށް ޒިޔާރަތް ކުރައްވާން ނިންމެވި ނިންމެވުމަށް އިންޑިއާ ސަރުކާރުން ތާއީދު ކުރުމެވެ. ޗައިނާ ދުށް ގޮތުގައި މިއީ ޗައިނާ އަށް ޖެއްސުން ކުރުމުގެ ގޮތުން އިންޑިއާ ކުރި ކަމެކެވެ. އެއާ ވިދިގެން، އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަރޫނާޗަލަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅަށް ވެސް ޗައިނާ ސަރުކާރުން ފާޑުކިޔެވެ. އަރޫނާޗަލަކީ ތާރީޚީ ގޮތުން ޓިބެޓުގެ ބައެއް ކަމަށާއި، އެހެންކަމުން އެއީ ޗައިނާގެ ބައެއް ކަމަށް ބުންޏެވެ. އިންޑިއާގެ ސްޓޭޓެއްގެ ގޮތުގައި އޮތް ތަނަކަށް އިންޑިއާގެ ބޮޑުވަޒީރު ދަތުރުފުޅު ކުރެއްވުމާ ދެކޮޅަށް ޗައިނާއިން މިފަދަ މޭރުމަކުން ވާހަކަ ދެއްކުމުން އިންޑިއާ ކެކިގެން ދިޔައެވެ. ހަމައެއާއެކު ދެން ފެނިގެން ދިޔައީ، ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ އާޒާދު ކަޝްމީރުގައި ހަކަތަ ޕްލާންޓެއް ބިނާކުރަން ޕާކިސްތާނާއި ޗައިނާ ކުރިޔަށް ގެންދިޔަ މަޝްރޫއަކާ ދެކޮޅަށް އިންޑިއާ ސަރުކާރުން ވާހަކަ ދައްކައި، ކަޝްމީރަކީ އިންޑިއާގެ ބައެއް ކަމަށް ބުނި ތަނެވެ. އެންމެ ފަހުން ފެނިގެން ދިޔައީ، މި ދިޔަ ނޮވެންބަރު މަހުގެ ތެރޭގައި، ޗައިނާ ސަރުކާރުން ނެރުނު ޕާސްޕޯޓް ޕްރިންޓްތަކުގައި، އެ ސަރަހައްދުތަކަކާ މެދު ދެ ޤައުމުގެ ދެމެދުގައި ޚިސާމުތައް އުފެދިފައިވާ ތަންތަން ޗައިނާގެ ބައިތަކެއް ކަމުގައި ހިމަނައިފައިވާ ތަނެވެ.
މިކަހަލަ ގޮތަކަށް މަސްރަހު ބަދަލުވަމުން، ފިނިހޫނުމިން މަތިވަމުން، ލީޑަރުންގެ ބުމަތައް ގޮށްޖެހެމުން، ދެ ގައުމުގެ މީޑިއާގެ ސުރުޚީތައް ފަލަވަމުން ބޮޑެތިވަމުން، ލިޔުންތައް ހޫނުވަމުން، ރައްޔިތުން ކެކެމުން ދާ އިރު، ނިއު ދިއްލީގައި ހުންނަ އިންސްޓިޓިއުޓް އޮފް ޑިފެންސް ސްޓަޑީޒް އެންޑް ސެކިޔުރިޓީ އެނާލިސިސްގެ ތަޖުރިބާކާރެއް ކަމަށްވާ ޕުޝްޕިތާ ދާސް ވިދާޅުވެފައި ވަނީ "ޗައިނާއިން ބަލަމުން އެ ގެންދަނީ އިންޑިއާ ކޮއްޕޭނީ ކިހައި ހިސާބަކަށް، ކިހައި ދުރަކަށްތޯ" ކަމަށެވެ.
ކުރިމަތިލުމަކަށް ވެވޭ ތައްޔާރީތައް
އިންޑިއާ އާއި ޗައިނާ ވެސް ދަނީ ކުރިމަތިލުމަކަށް ދާން ޖެހިދާނޭ ކަމަށް ބަލައި ތައްޔާރީތައް ކުރަމުންނެވެ. ޗައިނާއިން ގެންދަނީ ޓިބެޓާއި ޒިންޖިއާންގ ސަރަހައްދުގައި ހުރި މަގުތަކާއި ރޭލުމަގުތަކުގެ ވިޔުގަ އެންމެ ޒަމާނީ ފެންވަރަށް ބިނާކޮށް ވަރުގަދަ ކުރަމުންނެވެ. އިންޑިއާގެ ވަރަށް ގިނަ މުހައްލިލުންނާއި އޮފިޝަލުން ދެކޭގޮތުގައި މިއީ ހަނގުރާމައެއް ކުރާން ޖެހިއްޖެ ހިނދެއްގައި ސަރަހައްދީ ރޮނގާ ކައިރީގައި ލަޝްކަރު ރުކުރުވައިލައި، އަސްކަރީ ބާރުތަކުގެ ހެލިފެލިވުމާއި ދަތުރުފަތުރުގެ ކަންކަން ފަހި ކުރުމުގެ ގޮތުން ޗައިނާއިން ކުރާ ކަމެކެވެ. ބުނެވޭ ގޮތުގައި ޗައިނާ ގެންދަނީ ޓިބެޓުގެ ވެރިރަށް ލާޝާގައި ބިޔަ ހަތިޔާރު ގުދަންތައް ހަދައި އެތަންތަން ފުރަމުންނެވެ.
އަރޫނާޗަލާ ޓިބެޓް ގުޅޭ ސަރަހައްދީ ރޮނގާ ދާދި ކައިރީގައި ޗައިނާގެ ވައިގެ ބާރުގެ ފަސް މަރުކަޒު މިހާރު އެބަހުއްޓެވެ. މި މަރުކަޒުތަކުގައި ތިބޭ ޗައިނާގެ ފައުޖުތައް ގެންދަނީ ދޭތެރެދޭތެރެއިން އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ. އަނެއްކޮޅުން، އިންޑިއާ ވެސް ދަނީ އަރޫނާޗަލާއި ސިއްކިމާއި އުއްތަރަކާންޑުގެ ސަރަހައްދުގައި އަސްކަރީ ބާރު ވަރުގަދަ ކުރަމުންނެވެ. ޓަވާންގަކީ ކުރީއްސުރެ އިންޑިއާގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ އެއް މަރުކަޒު ހުރި ތަން ކަމަށް ވާއިރު، މިދިޔަ އަހަރު އިންޑިއާ ވަނީ އަރޫނާޗަލުގައި އޮންނަ ލަޝްކަރަށް 60000 ސިފައިން އިތުރުކޮށްފައެވެ. ހަމައެއާއެކު، ކައިރީގައި އޮންނަ އައްސާމް ސްޓޭޓުގައި ހުރި ވައިގެ އަސްކަރީ މަރުކަޒުތަކާއި އަސްކަރީ ވައިގެ ބަނދަރުތައް ޒަމާނީކޮށް ވަރުގަދަ ކުރުމަށް ވެސް އިންޑިއާ ދަނީ ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ.
ދުނިޔޭގެ އަސްކަރީ ބާރުތަކުގެ ޤާބިލިއްޔަތާ މެދު ދިރާސާ ކުރާ ފަރާތްތައް އެއްބަސްވާ ގޮތުގައި އިންޑިއާ އަށް ވުރެ ޗައިނާގެ އަސްކަރީ ބާރު ވަރުގަދައެވެ. 2012 ވަނަ އަހަރުގެ ދިރާސާތައް ދައްކާ ގޮތުގައި، ޗައިނާ އަކީ އަސްކަރީ ގޮތުން ދުނިޔޭގެ ތިންވަނަ ބާރެވެ. އިންޑިއާ އަށް ލިބެނީ ހަތަރުވަނަ މަޤާމެވެ. ދެ ޤައުމު އަޅާކިޔާ އިރު، ޗައިނާގެ ބިމުގެ ލަޝްކަރުގައި 7000 ޓޭންކު އޮތް އިރު، އިންޑިއާގެ ލަޝްކަރުގައި އޮތީ 5000 އެވެ. ޗައިނާގެ ކަނޑުގެ ލަޝްކަރުގައި ހަނގުރާމަމަތީ ބޮޑެތި އުޅަނދުގެ 972 އެތި އޮތް އިރު، އިންޑިއާގެ ޖުމުލަ އުޅެނީ 175 ގައެވެ. ޗައިނާގެ ވައިގެ ލަޝްކަރުގައި 5176 ހަނގުރާމަމަތީ ބޯޓު އޮތް އިރު، އިންޑިއާގެ ވައިގެ ލަޝްކަރުގައި ގެންގުޅެނީ 2462 ބޯޓެވެ. 1.34 ބިލިއަން މީހުންގެ އާބާދީއެއް އޮތް ޗައިނާގައި 2285000 ސިފައިންނާއި، 800000 ރިޒާވް ސިފައިން އެބަތިއްބެވެ. އިންޑިއާގައި 1.19 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިރު، އެ ޤައުމުގައި ތިބީ 1325000 ސިފައިންނާއި 1747000 ރިޒާވް ސިފައިންނެވެ. ޗައިނާގެ ދިފާއީ ބަޖެޓު ސަތޭކަ ބިލިއަން ޑޮލަރުގައި އުޅޭ އިރު، އިންޑިއާގެ ދިފާއީ ބަޖެޓުގެ މިންވަރަކީ ތިރީސް ހަ ބިލިއަން ޑޮލަރެވެ.
ބޮޑު ދެގެރި ތަޅަން ފަށައިފާނެބާ!
ދެން އޮތް ސުވާލަކީ އޭޝިއާގެ ބޮޑު ދެގެރި ތަޅަން ފެށުމުގެ އިހުތިމާލު އޮތީ ކިހައިވަރަކަށްތޯ މި ސުވާލެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު، އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސް އޭޖެންސީގެ ޑިރެކްޓަރ، އެ ޤައުމުގެ ކޮންގްރެސްގެ "ސެނެޓް އިންޓެލިޖެންސް ކޮމިޓީ" އަށް ހުށަހެޅުއްވި ސިއްރުނޫން ރިޕޯޓެއްގައި ވިދާޅުވެފައި ވެއެވެ. "ކައިރި ކުރިމަގެއްގައި ޗައިނާ އާއި އިންޑިއާ ވަރުގަދަ ހަނގުރާމައަކަށް ދާން ޖެހުމަކީ އެހާ ކައިރި ކަމެއް ނޫން ކަމަށް އިންޑިއާގެ އަސްކަރިއްޔާގެ ވެރީން ގަބޫލުފުޅު ކުރައްވަ" އެވެ. އެހެން ނަމަވެސް އިންޑިޔާ ކަނޑުގައި ޗައިނާގެ ބާރު ފަތުރަން ކުރާ މަސައްކަތްތަކުގެ ރައްދުގައި، އިންޑިއާގެ ނުފޫޒާއި ބާރު އިންޑިއާ ކަނޑުގައި ދަމަހައްޓާނޭ ގޮތަކާ މެދު އިންޑިއާގެ އަސްކަރީ ވެރިން ސީރިއަސްކޮށް ވިސްނައިވަޑައިގަންނަވާ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ގިނަ ބޭފުޅުންގެ ވިސްނުންފުޅު، އެމެރިކާގެ މި ދެންނެވި ޑިޕްލޮމެޓްގެ ވިސްނުންފުޅާ އެއްގޮތެވެ. ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި ޗައިނާ އާއި އިންޑިއާއާ ދެމެދުގައި ކައިރި ކުރިމަގެއްގައި ހަނގުރާމައެއް ފެށުމަކީ ވަރަށް ނާދިރު ކަމެކެވެ. މަސްރަހުގެ ކުރަކިކަން ކިތަންމެ ބޮޑުވިޔަސް، ހަނގުރާމައެއްގެ ބެރު ޖަހަން އެއްވެސް ބަޔަކު އެހައި އަވަހަކަށް ނުފަށާނެއެވެ. އޭގެ ސަބަބުތަކެއް ވެއެވެ.
އެއްކަމަކީ ހަނގުރާމައެއްގެ ސަބަބުން ދެ ޤައުމުގެ އިޤްތިޞާދަށް ލިބޭނޭ ވިޔަނުކުރެވޭނޭހައި ބޮޑު ގެއްލުމެވެ. މި ދެ ޤައުމަކީ ވެސް އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން އަރަމުން އަންނަ ދެ ބާރެވެ. ދުނިޔޭގެ ބާރުގެ މަތީ ފަޑިއަށް އަރާން މަސައްކަތް ކުރަމުން އަންނަ ދެ ޤައުމެވެ. ދެ ޤައުމުގެ މެ، އިޤްތިޞާދު ނުހަނު ހަލުވި ދުވެލީގައި ކުރިއަރަމުން އަންނައިރު، ކޮންމެ ޤައުމަކަށް ވެސް ވިޔަފާރީގެ މައިދާނުގައި އަނެއް ޤައުމުގެ މުހިއްމުކަން ނުހަނު ބޮޑެވެ.2011 ވަނަ އަހަރު ދެ ޤައުމު ވަނީ 73.9 ބިލިއަން ޔޫއެސް ޑޮލަރުގެ ވިޔަފާރި ކޮށްފައެވެ. މި އަދަދު 2015 ވަނަ އަހަރާ ހަމަޔަށް ދާ އިރު 100 ބިލިއަނަށް އުފުލޭނޭ ކަމަށް އިޤްތިޞާދީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.ކަންމިހެން އޮއްވައި ދެ ޤައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިއްޖެ ނަމަ، ވިޔަފާރީގެ ގުޅުންތައް ނިމުމަކަށް އަންނާނެއެވެ. ހަނގުރާމަ އަށް ކުރާ ޚަރަދާއި، ހަނގުރާމައިގެ ގެއްލުންތަކުގެ ޢަދަދު ގުނިގެން ދާނީ އެތައް ސަތޭކަ ބިލިއަން ޑޮލަރަކުންނެވެ. އެފަދަ ގެއްލުމަކާ އެކު އިޤްތިޞާދީ ހުވަފެންތައް ޤުރުބާން ކޮށްލާހައި މިއިން އެއްވެސް ޤައުމެއްގެ ވެރީން މޮޔަ ކަމަކަށް ނުފެނެއެވެ.
ޗައިނާ އާއި އިންޑިއާއާ ދެމެދުގައި ހަނގުރާމައެއް ފެށުމުގެ އިހުތިމާލު ކުޑަކުރާ އެހެން ސަބަބުތައް ވެސް އެބަހުއްޓެވެ. ދެ ގައުމުގައި ވެސް ނިއުކުލިއަރު ހަތިޔާރު ހުރުމާ އެކު، ހަނގުރާމައެއްގައި އަނެއްކޮޅުން ނިއުކުލިއަރު ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ ބިރު އޮތުމަކީ ދެ ޤައުމު ވެސް ހަނގުރާމައެއްގެ ނުރައްކަލާ ކުރިމަތިލާން ބޭނުން ނުވާނޭ އެއް ސަބަބެވެ. ހަމައެހެންމެ، އިންޑިއާއާ އެކު ހަނގުރާމައެއް ފަށައިފި ނަމަ، އިރުމަތީ ފަރާތުގައި ހުރި އެތައް މައްސަލަތަކަކުން ޗައިނާގެ ސަމާލުކަން ނެއްޓިގެން ދާނެއެވެ. އެހެން ވެއްޖެ ހާލަތެއްގައި، ޓައިވާނުން މިނިވަންކަން އިއުލާން ކޮށްފިނަމަ، ޗައިނާއަށް އެކަން ވާނީ އިންޑިއާ އާ ހަނގުރާމަކޮށްގެން ލިބޭ ކޮންމެ ކާމިޔާބީއަކަށް ވުރެ އެތައް ގުނައެއް ބޮޑު ގެއްލުމަކަށެވެ. ހަމައެހެންމެ، ޗައިނާއާ ކުރާ ހަނގުރާމައެއްގައި އިންޑިއާ އަށް އަސްކަރީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތި ވުމަކީ، ޕާކިސްތާނަށް އިންޑިއާއާ ދެކޮޅަށް ކަޝްމީރުގައި ހަރަކާތްތަކެއް ހިންގަން ހިތްވަރު ލިބޭނޭ ކަމެކެވެ. މިކަންކަން މިހެން ހުރުމަކީ ވެސް، ޗައިނާ އާއި އިންޑިއާ އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމައަކަށް ދިޔުމުގެ ވިސްނުމުން ދުރުހެލިވާނޭ ސަބަބުތަކެވެ.
ޗައިނާ އާއި އިންޑިއާ އަކީ އޭޝިއާގެ ބޮޑު ދެ ބާރެވެ. އޭޝިއާގެ ބޮޑު ދެގެރިއެވެ. އެ ދެގެރި ތަޅައިގެންފިއްޔާ، މުޅި އޭޝިއާ އަށް އިޤްތިޞާދީ ސުނާމީއެއް އަންނާނެކަމީ ޔަޤީން ކަމެކެވެ. އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ، ދުނިޔޭގައި ފިތުނަ އުފައްދާ ޤައުމުތަކުން އެ ދެ ޤައުމަށް ހަތިޔާރާއި އެހެނިހެން ތަކެތި ވިއްކާނެއެވެ. އެގޮތުން އެތައް ހާސް ބިލިއަން ޑޮލަރެއްގެ ފައިދާ ހޯދާނެއެވެ. ހަނގުރާމަ ނިމިގެން ދާނީ ޗައިނާ އާއި އިންޑިއާ 1950 ވަނަ އަހަރު އޮތް ހާލަތަށް އެނބުރި ރުޖޫއަ ވެގެންނެވެ. އެހެންކަމުން މި ދެ ޤައުމު ސުލްހަވެރިކަމާއި އެކުވެރިކަމުގައި އުޅުމަކީ އެ ދެ ޤައުމުގެ އިތުރުން، މުޅި އޭޝިއާގެ ވެސް މަސްލަހަތު ނިޔާކުރާގޮތެވެ. މި ކަންކަމާ މެދު އިންޑިއާ އާއި ޗައިނާގެ ލީޑަރުން ވަރަށް ބޮޑަށް ވިސްނައިވަޑައިގަންނަވާނެކަން ޔަޤީނެވެ. މި ދެ ޤައުމުގައި ވެސް ތިއްބެވީ ހަރުދަނާ، ވިސްނުންފުޅު ތޫނު ލީޑަރުންނެވެ.
މި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖެ ވެސް ވިސްނާން ޖެހޭ ކަންތައްތަކެއް އެބަވެއެވެ. އިންޑިއާ ވެސް އަދި ޗައިނާ ވެސް ދިވެހިރާއްޖެއަށް ޚާއްސަ ސަމާލުކަމެއް ދޭކަން އެއީ އިންކާރު ކުރެވެން ނެތް ޙަޤީޤަތެކެވެ. އޭގެ ސަބަބުތައް ކިޔައިދެވޭނީ އެތައް ވާހަކަތަކެއް ދައްކައިގެންނެވެ. ޚުލާސާކޮށް ދަންނަވާ ނަމަ، އެއް ސަބަބަކީ ރާއްޖެ އޮތް ޖުޣުރާފީ މަޤާމެވެ. އަނެއް ސަބަބަކީ ދުނިޔޭގެ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގައި ރާއްޖެއަށް ވެސް ދެވޭ އެއް ވޯޓެވެ.
އަޅުގަނޑުމެން ދިވެހީން ދަންނާން ޖެހޭ، އަދި ހަނދާނުގައި އަބަދުވެސް ބަހައްޓާން ޖެހޭ ޙަޤީޤަތަކީ މިއިން އެއްވެސް ޤައުމަކާ ދެކޮޅަށް ވަކިތައް ނެރެ ބަޅާބުޅިކޮށް، ދަތްތައް ދައްކައި ހަދައިގެން، އަނެއް ޤައުމަކާ ގުޅިގެން އުޅެވިދާނެ ކަމުގެ އުއްމީދަކީ ކުރުން ބުއްދިވެރި އުއްމީދެއް ނޫން ކަމެވެ. އިންޑިއާ އަށް އަޅުގަނޑުމެންނަށް ވުރެ ޗައިނާ މުހިއްމެވެ. ޗައިނާ އަށް އަޅުގަނޑުމެންނަށް ވުރެ އިންޑިއާ މުހިއްމެވެ. އެހެންކަމުން މިއިން އެއްވެސް ޤައުމެއް، އަޅުގަނޑުމެންނަށް ޓަކައި އަނެއް ޤައުމު ރުޅި އަރުވައިފާނޭ ކަމަށް ޤަބޫލުކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. އަޅުގަނޑުމެން ވިސްނާންވީ މި ދެ ޤައުމާ އެކު ވެސްބަދަހި ގުޅުމެއް ދެމެހެއްޓުމަށެވެ. ވަކި ފަރާތަކަށް ނުޖެހި، ދެ ޤައުމުގެ ވެސް ގާތް އެކުވެރީންގެ ގޮތުގައި މަޑުމަޑުން ތިބުމެވެ.