19 Dec 2012, 21:35
މަސްވެރިކަމަށް ދޫކުރާ ސަބްސިޑީ ހޯދުމުގައި ވަރަށް ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެގޮތުން އަނދާ ހުލިވެފައި ހުރި ދޯނިފަހަރުގެ ނަންމަތީގައި ވެސް ސަބްސިޑީ ނަގައިގެން ބޭނުން ކޮށްފައި ހުރި ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފި އެވެ.
މި މަހުގެ 12 އިން 15 އަށް ގއ. ވިލިނގިލީގައި ބޭއްވި މަސްވެރިކަމުގެ ގައުމީ ފޯރަމް 2012ގައި ނިންމި ކަންތައްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ވެލާނާގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވީ ބައެއް ރަށްރަށުގެ ކައުންސިލްތަކާ ފޯނުން ގުޅައިގެން މައުލޫމާތު ސާފުކޮށްގެން ވެސް މީގެ ކުރިން މަސްވެރިންގެ ސަބްސިޑީ ދޫކޮށްފައި ހުރި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެފަދަ ދޯދިޔާ ގޮތަކަށް އެކަންކަން ކޮށްފައި ހުރުމުގެ ސަބަބުން ބޮޑެތި ޖިނާއީ މައްސަލަތަކެއް ވެސް ފެންމަތިވެފައި އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ މިސަރުކާރުން ސަބްސިޑީ ދޫކުރާނީ ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު މާލިއްޔަތު ގާނޫނުގެ ދަށުން ކަމަށެވެ.
"އަޅުގަނޑުމެން ސަބްސިޑީ ދޫކުރާނީ ބަލަން ޖެހޭ ހުރިހާ ކަމަކަށް ބެލުމަށް ފަހު. އަޅުގަނޑުމެން ސަބްސިޑީ ދޫކުރާނީ އެ ދޯންޏެއް މަހަށް ފުރިކަން ބަލަންވާ ވަރަށް ބަލައި ޔަގީން ކޮށްފައި. ސަބްސިޑީ ދޫކުރާ ދޯންޏަކީ މަހަށްފުރާ މަސްވެރިކަންކުރާ ދޯންޏަކަށް ވާން އެބަޖެހޭ. ތެލަށް ޚަރަދުކޮށްފައިވާ ނިސްބަތާއި އެ ފައިސާ ޚަރަދުކުރިކަން ވެސް އެބަޖެހޭ ސާބިތުކޮށްދޭން. މީގެ ކުރިން ސަބްސިޑީ ދޫކުރުމުގައި ވަރަށް ބޮޑެތި ޖިނާއީ މައްސަލަތައް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި އެބަހުރި. އެއްގޮތަކަށް ވެސް މަހަށް ނުފުރާ އެހެލާފައި ހުރި އޮޑި ފަހަރާއި އަނދައިގެން ގޮސް ނެތިފައި ހުރި އޮޑި ފަހަރަށް ވެސް އެބަހުރި ސަބްސިޑީ ދޫކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ވެސް ވަރަށްގިނަ ކަންތައްތަކެއް ފުރިހަމަ ކުރަން އަންގާފައި އެބަހުރި ކަމަށެވެ. އެކަންކަން ފުރިހަމަކޮށްގެން ނޫނީ ސަބްސިޑީ ދޫކުރެވެން ނެތް ކަމަށާއި އެކަން ކުރަނީ މަސްވެރިންނަށް އުނދަގޫ ކުރަން ނޫންކަމަށް ވެސް ވިދާޅުވި އެވެ.