19 Dec 2012, 19:27
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓް އިތުރަށް ކުޑަކުރެވެން ނެތް ކަމަށާއި ސަރުކާރުން ހުށަހެޅި ވަރަށް ވުރެ ބަޖެޓް ކުޑަނުކޮށް ފާސްކޮށްދެއްވުމަށް ސަރުކާރުން މިއަދު މަޖިލީހުގެ ބަޖެޓް ކޮމެޓީގައި އެދިއްޖެ އެވެ.
ބަޖެޓް 14.5 ބިލިއަން ރުފިޔާ އަށް ކުޑަކުރަން ބަޖެޓް ކޮމެޓީން އިއްޔެ ނިންމުމާ އެކު ކެބިނެޓްގެ ހާއްސަ ބައްދަލުވުމެއް މިއަދު ވަނީ ބާއްވައިފަ އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސަން އޮންލައިނަށް މިރޭ ވިދާޅުވީ ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހު ނިންމަވާފައި ވަނީ ސަރުކާރުން ހުށަހެޅި އަދަދަށް ވުރެ ބަޖެޓް ކުޑަކޮށްފި ނަމަ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަށް އަންނަ އަހަރު ބޮޑު ހީނަރުކަމެއް އައިސްފާނެތީ ބަޖެޓް ކުޑަކުރުމަށް ނުފެންނަ ކަމަށް މަޖިލީހުގެ ބަޖެޓް ކޮމެޓީ އަށް ލަފާއެރުވުމަށް ކަމަށާއި މިރޭގެ ވަގުތެއްގައި އެ ލަފާ މިހާރު މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ.
"މިދިޔަ ދެ އަހަރު ވަރަށް ބޮޑަށް އަޅައި ނުލެވި އޮތީ ސިއްހަތާއި ތައުލީމުގެ ދާއިރާ އަށް. އަޅުގަނޑުމެން އެ ބައިތަކަށް ވަރަށް ބޮޑަށް ފައިސާ ހިމަނާފައި ހުންނާނީ. ނަމަވެސް މަޖިލީހުން އެ ދަންނަވާ ވަރަށް 14.5 ބިލިއަން ރުފިޔާ އަށް ބަޖެޓް ކުޑަކޮށްފި ނަމަ އަޅުގަނޑުމެންނަށް އެ ދާއިރާތަކަށް ފައިސާ ހަރަދުކުރެވޭކަށް ނޯންނާނެ. އެދެ ދާއިރާ އެހާ ބޮޑަށް ހާލުގައި އޮތް އިރު ބަޖެޓް އެގޮތަށް ކުޑަކޮށްގެން ތަރައްގީއެއް ނުގެނެވޭނެ،" ޖިހާދު ވިދާޅުވި އެވެ.
ބަޖެޓް ކޮމެޓީން ބަޖެޓް ކުޑަކުރަން ނިންމެވީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބުގެ ލަފައަކީ ވެސް ބަޖެޓް ކުޑަކުރުން ކަމަށް އޭނާ ވެސް ކޮމެޓީ އަށް ލަފާދެއްވުމުންނެވެ. ފަޒީލް ވެސް އިއްޔެ ވިދާޅުވީ 16.9 ބިލިއަން ރުފިޔާގެ ބަޖެޓް ފައިނޭންސް ކުރަން ވަރަށް އުނދަގޫވާނޭ ކަމަށާއި ބަޖެޓަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދަށް އާމްދަނީ ނުލިބި ބަޖެޓް ފައިނޭންސް ކުރަން ވަރަށް އުނދަގޫވެދާނެ ކަމަށެވެ. އަދި ޑެފިސިޓް ފޫބައްދަން ޕްރައިވެޓް ސެކްޓަރުން ބޮޑުއަދަދަކަށް ފައިސާ ނަގަން ހިމަނާފައިވާތީ ވެސް ފަޒީލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ޖިހާދު މިއަދު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބަޖެޓް ކުޑަކުރުމަކީ ހައްލެއް ނޫން ކަމަށާއި ބަޖެޓަށް އިތުރު އާމްދަނީ ހޯދައިގެން އުމްރާނީ މަސައްކަތްތަކެއް ކުރުމަކީ މިވަގުތަށް ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. އަދި ބަޖެޓް ކުޑަކޮށްލައިފި ނަމަ އާންމު ރައްޔިތުންގެ އަތްމަތި އަންނަ އަހަރު ދަތިވެގެން ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މެންބަރުންނަށް މި ގޮވާލަނީ ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށް ހުރި ފިޔަވަޅުތައް ފާސްކޮށްދެއްވައިގެން އަޅުގަނޑުމެން ސިޔާސީ ފިކުރުން އެއްކިބާވެ ގައުމުގެ ތަރައްގީއަށްޓަކައި ބަޖެޓް އިތުރަށް ކުޑަނުކުރާން. ބަޖެޓް ކުޑަކުރުމަކީ ހައްލެއް ނޫން. ގައުމު ތަރައްގީކޮށް ރައްޔިތުންގެ އަތްމަތި ރަނގަޅުކޮށްގެން އަޅުގަނޑުމެންނަށް މި މައްސަލަތައް ހައްލުކުރެވޭނީ. އެގޮތަށް ވިސްނުމަށް އަޅުގަނޑު ހުރިހާ މެންބަރުންގެ ކިބައިން ވެސް އެދެން. ބަޖެޓް ކޮމެޓީން ސަރުކާރުގެ މި ހުށަހެޅުމަށް ވިސްނާނެ ކަމަށް އުންމީދު ކުރެވޭ،" ޖިހާދު ވިދާޅުވި އެވެ.
އާމްދަނީ އިތުރުކުރަން ސަރުކާރުން އިތުރު ޓެކްސްނަގާ ބައެއް ޓެކްސްތައް ބޮޑުކުރަން ހުށަހަޅާފައި ވިޔަސް މެންބަރުން އެކަމަށް ތާއީދެއް ނުކުރައްވަ އެވެ. ބަޖެޓް ކޮމެޓީން މިހާރު ވެސް ނިންމާފައި ވަނީ ބެޑްޓެކްސް އުވާލައި ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކުރުމަށެވެ. ނަމަވެސް ސަރުކާރުން ހުށަހެޅީ ޓީޖީއެސްޓީ 15 ޕަސެންޓް ބޮޑުކޮށް ބެޑްޓެކްސް ވެސް ދަމަހައްޓާށެވެ. އަދި މުއާސަލާތުގެ ހިދުމަތުން ޖީއެސްޓީ ނެގުމަށް ހުށަހެޅި ނަމަވެސް އެކަމަށް ތާއީދެއްނުލިބުނެވެ.
ޖިހާދު ވިދާޅުވީ ކޮމެޓީން މިހާރު ނިންމާފައިވާ ގޮތަށް އާމްދަނީގެ ކަންތައްތަކުގެ މައްސަލަ މަޖިލީހުން ނިންމައިފި ނަމަ ބަޖެޓްގެ އާމްދަނީއަށް އިތުރު ކުރިއެރުމެއް ނުލިބޭނޭ ކަމަށާއި އަދި އެންމެ ރަނގަޅު ގޮތަކަށް ވާނީ ބަޖެޓްގައި ހުށަހެޅިފައިވާ ކަންތައްތައް އެންމެ އެއްގަލަކަށް އަރައިގެން ފާސްކުރުން ކަމަށެވެ.
ބަޖެޓް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް އާއި އެމްޑީޕީގެ މެންބަރުންގެ ތާއީދާ އެކު ބަޖެޓް ކުޑަކުރަން ކޮމެޓީ އަށް ފެންނަ ކަމަށް އިއްޔެ ނިންމާ އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް މިއަދުވެސް ބަޖެޓް ކޮމެޓީން ވަނީ ކުރިއަށް ގެންދަވައިފަ އެވެ. އެގޮތުން ބަޖެޓުން އުނިކުރާނެ އައިޓަމްތަކުގެ ގޮތުގައި ޕާޓީތަކުން ހުށަހެޅި ކަންތައްތައް ކޮމެޓީން ބަލައިގަނެ އެ ކަންތައްތައް އިތުރަށް ދިރާސާކުރުމަށް ސަބްކޮމިޓީއެއް އެކުލަވާލުމަށް މިއަދު ވަނީ ނިންމައިފަ އެވެ.
ބަޖެޓް ކޮމެޓީގެ ނިންމުންތައް ފާސްވާނީ އެ ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި އެ ރިޕޯޓް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. ބަޖެޓް ކޮމެޓީން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު ބަޖެޓް ރިޕޯޓް މަޖިލީހުގެ ރައީސް އަށް ފޮނުވުމަށެވެ.