މިހާރު ކުރިއަށްދާ އަންހެނުންގެ ފުޓްބޯޅަ ޗެމްޕިއަންޝިފްގައި މިއަދު ހަވީރު އެމްބީސީ އަތުން 1-0 ލަނޑުން ލ. ގަމު ތުނޑީ އަވަށުގެ ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ލ. ސްޓާ( މޮޅުވެއްޖެ އެވެ.

ހެންވޭރު ދަނޑުގައި ވެހެމުން ދިޔަ ވާރޭގައި މިއަދު ހަވީރު ކުޅުނު މިމެޗުގެ ހަމައެކަނި ލަނޑު ލ. ސްޓާ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނު އައިސަތު ސަމާއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ދެ ވަނަ ހާފުގައި އެމްބީސީ އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަކަން ފާހަގަ ކޮށްލެވެ އެވެ.

މެޗަށް ފަހު ލ. ސްޓާ ޓީމުގެ ކޯޗް މުހައްމަދު ނަސީރު ބުނީ، ޓީމެ ފުލް އެގާރާގައި ހިމޭނޭ ދެ ކުޅުންތެރިއަކު އަނިޔާގައި ހުރުމުން، އެދެ ކުޅުންތެރިން ނުލައި މިއަދު ޓީމް ދެއްކި ކުޅުމާ މެދު ޖުމްލަކޮށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މިއަދުގެ މޮޅާ އެކު ކުރިއަށް އޮތް މެޗްތައް ވެސް ކާމިޔާބު ކުރުމަށް އާހިތްވަރަކާ އެކު މަސައްކަތް ފަށާނެ ކަމަށް ނަސީރު ބުންޏެވެ.

އެމްބީސީގެ ކޯޗް މުހައްމަދު ސުވައިދު ބުނީ، މުބާރާތުގެ ފުރަތަމަ މެޗުގައި ސަން ޓީމާ ދެކޮޅަށް ދެއްކި ކުޅުމަށް ވުރެ، މިއަދު ލ. ސްޓާ ޓީމާ ދެކޮޅަށް ޓީމް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

މުބާރާތުގައި މަދަމާ ހަވީރު 4:30ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިން ކުލަބުގެ ޓީމާއި އިސްކަންދަރު ސްކޫލްގެ ޓީމެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެންމެ ގިނަ ޕޮއިންޓި ހޯދާ ހަތަރު ޓީމް ސެމީއަށް ދަތުރު ކުރުމަށް ފަހު، ސެމީ ފައިނަލް މެޗްތަކުން މޮޅުވާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ.